ފަލަސްތީންގެ ސަނާ މަގު ވަނީ ޝީރިން އަބޫ އަކުލެހުގެ ނަމަށް ބަދަލުކޮށްފައި. (ފޮޓޯ/ އަލްޖަޒިރާ)

ފަލަސްތީން

ޝީރީން މަރާލި އިރު ހުރި މަގަށް އޭނާގެ ނަމުން ނަން ކިޔައިފި

ހުޅަނގު އައްސޭރީގެ ރާމައްލޯގެ ކޭމްޕަކަށް އިޒްރޭލު ސިފައިން ވަދެގަތް ހާދިސާ ކަވަރު ކުރަން ހުއްޓައި ސްނައިޕަރަކުން ހަމަލާދީ މަރާލި އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަކުލެހު މަރާލި އިރު ހުރި މަގަށް އޭނާގެ ނަން ދީފި އެވެ.

އިޒްރޭލު ސިފައިން ޝީރީން މަރާލިތާ ތިން މަސް ފުރުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަގުގެ ނަން ވަނީ ޝީރީން އަބޫ އަކުލެހުގެ ނަމަށް ބަދަލުކޮށްފަ އެވެ. ޝީރީން އަކީ ފަލަސްތީން-އެމެރިކާއަށް ނިސްބަތްވާ ނޫސްވެރިއެކެވެ.

އިޒްރޭލުގެ ބާރުތަކުން ޝީރީން މިދިޔަ މޭ މަހު 11ގައި މަރާލީ، އިޒްރޭލުން ހުޅަނގު އައްސޭރީގެ ޖެނިން ކޭމްޕަށް ވަދެގަތް ހާދިސާ ކަވަރުކުރަން އޭނާ ހުއްޓަ އެވެ.

އަހަރެމެން ކަަށަވަރުކުރަން އޭނާގެ ހަނދާންތައް ތާއަބަށް ދެމި ހުންނާނެކަން.

އަހުމަދު އަބޫ ލަބާން / މުނިސިޕަލްޓީގެ ޑައިރެކްޓަރު

ޝީރީންގެ ނަމުން ބިންވަޅު ނަގައި ލިޔެފައިވާ ބޮޑު ގަލެއްގައި ޝީރީންގެ ފޮޓޯ ވަނީ ޖަހައިފަ އެވެ. އަދި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޝީރީންގެ އާއިލާގެ މީހުންނާއި އަލްޖަޒީރާގެ ނޫސްވެރިންނާ އެކު، ރާމައްލޯގެ މޭޔަރެވެ.

އެ މަގު އޮންނަނީ ރާމައްލޯގެ މެދުތެރޭގަ އެވެ.

ރާމައްލޯގެ މުނިސިޕަލްޓީގެ ޑައިރެކްޓަރު އަހުމަދު އަބޫ ލަބާން އަލްޖަޒީރާއަށް ވިދާޅުވީ ޝިރީން މަރާލި އިރު ހުރި ތަނަކީ ފަލަސްތީންގެ ތާރީހީ ތަނެއް ކަމަށެވެ. އޭނާ ވިދާޅުވީ ވޭތުވެ ދިޔަ 25 އަހަރުގެ ތެރޭގައި ފަލަސްތީންގައި ހިނގި ކޮންމެ ހާދިސާއެއް ކަވަރު ކުރުމަށް ކުރީ ސަފުގައި ޝީރީން ހުރި ކަމަށެވެ.

"އަހަރެމެން ކަަށަވަރުކުރަން އޭނާގެ ހަނދާންތައް ތާއަބަށް ދެމި ހުންނާނެކަން،" ލަބާން ވިދާޅުވި އެވެ.

ޝީރީންއާ އެކު މަސައްކަތް ކުރި ނޫސްވެރިން ބުނީ އެ ބިނާ ހެދި ތަނަކީ ޝީރީން ލައިވް ކަވަރޭޖުތައް ހެދި އިރު ވަރަށް ގިނަ ފަހަރު ހުރި، އޭނާ ހާއްސަަ ކަމެއް ދީފައިވާ ތަނެއް ކަމަށެވެ.

ވޭތުވެ ދިޔަ 25 އަހަރުގެ ތެރޭގައި ފަލަސްތީންގައި ހިނގައި ދިޔަ ކޮންމެ ބޮޑު ކަމެއް ކަވަރު ކުރުމުގައި، އެ ތަނަަކަށް ދަތުރުކޮށްގެން ޝީރީން ވަނީ ކަވަރުކޮށްފަ އެވެ.

ޝީރީންގެ ޖަނާޒާ ވަނީ ފަލަސްތީންގެ ވަރަށް ގިނަ ސިޓީތަކުގައި ބާއްވައިފަ އެވެ. އަދި ގުދުސްގައި އޭނާ ވަޅުލުމުގެ ކުރިން ފަލަސްތީންގެ ރައީސް މަހަމޫދު އައްބާސް ވެސް ވަނީ އޭނާގެ ޖަނާޒާގައި ބައިވެރިވެފަ އެވެ. ގުދުސްގައި ޝީރިން ވަޅުލަން ގެންދިޔަ އިރު އިޒްރޭލު ސިފައިން ވަނީ ހަމަލާދީފަ އެވެ. ޝީރީންގެ ސަންދޯއް ނުވެއްޓުނީ ވެސް ކިރިޔާ އެވެ.

ފަލަސްތީންގެ ތަހުގީންގެ އެނގޭ ގޮތުގައި އިޒްރޭލް ސިފައިން ޝީރީން މަރާލީ ގަސްތުގަ އެވެ. އަދި ބައިނަލްއަގުވާމީ ފަރާތްތަކުގެ ހޯދުންތަކުން ވެސް އެނގޭ ގޮތުގައި އިޒްރޭލުން ޝީރީން މަރާލީ ގަސްތުގަ އެވެ. ނަމަވެސް އެ މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގުމަށް އިޒްރޭލުން އެއްބަހެއް ނުވެ އެވެ. އަލްޖަޒީރާ އިންނާއި ޝީރީންގެ އާއިލާ އިން އެ މައްސަލަ ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ.

އެ މަގަށް ކުރިން ކިޔީ ސަނާ މަގެވެ. ފަލަސްތީނުގައި މަގުތަކުގެ ނަންތައް ބަދަލު ކުރުމަކީ އެހާ އާންމު ކަމެއް ނޫނެވެ. ނަމަވެސް ފަލަސްތީންގެ މީހުން ބުނީ އެ މަގަށް ޝީރީންގެ ނަން ދިނުމުން އޭނާއާ ދޭތެރޭ ފަލަސްތީން މީހުންގެ ހިތްތަކުގައި އޮތް ގާތް ގުޅުން އެނގޭ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް