ކުރިން ސަރުކާރު މުވައްޒަފުންގެ މުނިފޫހިފިލުވުމަށް ހާއްސަކުރި ނާދީ ހުރި ބިން: މިތަން ޓާޓާއަށް ދިންތާ 12 އަހަރު ވީ އިރު އަދި އެއްވެސް މަސައްކަތެއް ނުފެށޭ

ޓާޓާ ކުންފުނި އުފަލުން ހޭނެ، އިންޑިއާއިން ވެސް މިވަރު ނުކޮށްދޭނެ

އެމްޑީޕީގެ ކުރީގެ ސަރުކާރުން 2010 ގައި އިންޑިއާގެ ޓާޓާއަށް މާލެއިން ހަތަރު ބިމެއް ދީ ފްލެޓް އެޅީ ސަރުކާރުން އަގު ދައްކާ ގޮތަށް. އޭގެ ބަދަލުގައި ހުރިހާ ފައިދާއެއް ލިބުނީ އެ ކުންފުންޏަށް
12 ޖެނުއަރީ 2022
1

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިފަކުރެއްވީ އެއީ 'ދިވެހި ގާނޫނު ނުހިނގާ އެއްބަސްވުންތަކެއް'ގެ ގޮތުގަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ އެތައް ތުހުމަތެއް އިސްތަށިފުޅުގައި އެޅިފައި ވިޔަސް، އެ މަނިކުފާނު އެ ވިދާޅުވި ވާހަކަފުޅާ މެދު ވިސްނާލަން ޖެހެ އެވެ. އަދި އެ އިޝާރަތްކުރެއްވި އެއްބަސްވުންތައް އޮތީ އެހެންތޯ، ނުވަތަ އެ އެއްބަސްވުންތަކުގެ ސަބަބުން ދިވެހިންނަށް ލިބުނު ފައިދާއަކީ ކޮބައިތޯ ބަލައިލަންވާނެ އެވެ.

ހެކި ހުރީ ފެންނާށެވެ. އަދި މި ސަރުކާރުން މިހާރު ކަން ކުރަން ނިންމި ގޮތުން އިންޑިއާގެ ކުންފުންޏެއްގެ މަސްލަހަތު ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ވުރެ މި އޮތީ ބޮޑުވެފަ އެވެ.

މިދިއަ މަހު 'ދިޔަރެސް'އަށް ދެއްވި އިންޓަވިއުއެއްގައި 'ދިވެހި ގާނޫނު ނުހިނގާ އެއްބަސްވުންތަކެއް' ކަމަށް ވިދާޅުވީ އިންޑިއާގެ ޓާޓާ ކުންފުންޏަށް މާލެއިން އެތައް ބިމެއް ދީގެން ކުރީގެ އެމްޑީޕީ ސަރުކާރުން ހިންގަން އުޅުނު، ދައުލަތަށް ވުރެ ބޮޑަށް ހުރިހާ ފައިދާއެއް އެ ކުންފުންޏަށް އޮތް އެއްބަސްވުންތަކަށް އިޝާރަތްކުރައްވަ އެވެ.

ޔާމީން ސަރުކާރަށް ވެސް ޓާޓާ ހަރަކާތްތެރިއެއް ނުކުރެވުނެވެ. އެކަމަކު ކުރީގެ އެއްބަސްވުން އިސްލާހުކޮށް، އަދި ޓާޓާ ކުންފުނިން ވެސް ރުހިގެން، 2018 ގައި އާ އެއްބަސްވުމެއް ހެދި އެވެ. މިހާރުގެ ސަރުކާރުން އުޅެނީ އެ އެއްބަސްވުމުގެ ބަދަލުގައި އެމްޑީޕީގެ ކުރީގެ ސަރުކާރުން 2010 ގައި ވެފައި އޮތް އެކަމަކު ދިވެހި ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭ އެއްބަސްވުމަށް އަލުން ދާށެވެ. 

ޓާޓާ ކުންފުންޏަށް އެމްޑީޕީގެ ކުރީގެ ސަރުކާރުން ކަންކަން ފަހިކޮށްދީ، ބޮޑު އެއްބަސްވުމެއް ހެދީ ދިވެހި ކުންފުންޏަކަށް ވެސް ކަންކަން ފަހިނުކޮށްދޭ މިންވަރަށެވެ. އެ އެގްރިމެންޓްގައި ޓާޓާއާ ހަވާލުކުރި އެއްވެސް ކަމެއް، އެ އޮތް ގޮތަށް ކޮށްފައެއް ނުވެ އެވެ. ކުރިން އަރަބިއްޔާ ހުރި ބިމާއި ގާކޮށި ބިމުގައި ހެދި ގިނަ ފްލެޓްތައް، ރައްޔިތުންނަށް ލިބޭ ވަރުވީ، އެމްޑީޕީ ސަރުކާރުން ކަނޑައެޅި އަގަށް ވުރެ މާ ބޮޑުކޮށެވެ. އަގު ބޮޑުވެގެން އެތައް ބަޔަކަށް ޖެހުނީ ފްލެޓް ވެސް ދޫކޮށްލާށެވެ.

ޓާޓާ ކުންފުނިން އެޅި މާލޭ ސްކެއާ: މިތަނުގެ ތިރި އާއި ފުރަތަމަ ބްރީގެ ކޮމާޝަލް ހުރިހާ ތަނެއް ވެސް ލިބުނީ ޓާޓާއަށް

އެ ދެ ބިމުގެ އިތުރުން މަޖީދީމަގުގައި ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ސޯސަން މަގުގައި ކުރީގެ ނާދީ ހުރި ބޮޑު ބިން ވެސް ޓާޓާއަށް ދިނެވެ. މި ހުރިހާ ބިމެއްގައި 500 ހައުސިން ޔުނިޓް އަޅައިދޭތީ، (އެ ވެސް ސަރުކާރުން ފައިސާ ދައްކާ ގޮތަށެވެ.) ލަގުޒަރީ ވިލާ އަޅަން ޅ. ޅޮއްސަލަފުށި، 50 އަހަރަށް ދިނެވެ. ހަމައެކަނި ދިނީކީ ނޫނެވެ: އެ ރަށުން ޓޫރިޒަމްގެ ގާނޫނުގެ ދަށުން ކުލި ވެސް ނުނަގާ ގޮތަށެވެ.

އެކަމަކު ނަތީޖާއަކީ ހަ އަހަރުގެ ތެރޭގައި އެޅުނީ 288 ފްލެޓް ކަމެވެ. އޯޑިއޯން އާއި ނާދީ ބިމުގައި އެއްވެސް ކަމެއް ނުކުރެވުނެވެ. އެގްރިމެންޓްގައި ފްލެޓަކަށް ޖެހޭނެ ކަމަށް އޮތް 72,000 ޑޮލަރު (1.110,240ރ.)ގެ ބަދަލުގައި ގާކޮށީގެ ފްލެޓަކަށް ގާތްގަނޑަކަށް 130،000 ޑޮލަރު (2 މިލިއަން ރުފިޔާ) ޖެހުނެވެ. އެ ބައި އެޗުޑީސީން 2016 ގައި ދެއްކި އެވެ.

'ދިވެހި ގާނޫނު ނުހިނގާ އެއްބަސްވުންތައް" ކަމަށް ކުރީގެ ރައީސް ސިފަކުރެއްވީ ދެން ކުރިމަތިވި ކަންކަމާ ގުޅިގެންނެވެ. ޔާމީންގެ ކުރިން ރައީސްކަމުގައި ހުންނެވި މުހައްމަދު ވަހީދުގެ ސަރުކާރުން އޮތީ އެގްރިމެންޓް ކެންސަލްކޮށް ނާދީ އާއި އޯޑިއޯން ބިން ސަރުކާރަށް ނަގައިފަ އެވެ. އެކަމަކު ޔާމީން ސަރުކާރުން އަލުން ވާހަކަ ދައްކައި، ވަކި މުއްދަތެއްގައި ފްލެޓްތައް އަޅަން އެއްބަސްވެ، ބައެއް އިސްލާހުތަކާ އެކު އެ އެގްރިމެންޓް ކުރިއަށް ގެންދަން ނިންމި އެވެ. އެއް އިސްލާހަކީ އޯޑިއޯން ހުރި ބިމުގެ ބަދަލުގައި، މާލޭ ދުވާ ޓަރެކާ ޖެހިގެން އޮތް ކުރީގެ ކުނިކޮށި ބިން ދިނުމެވެ. އަނެއް ބަދަލަކީ ލަގުޒަރީ ވިލާތައް އެޅުމުގެ ބަދަލުގައި ރިސޯޓެއް ތަރައްގީކުރަން ޅޮއްސަލަފުށި ހަމަޖެއްސުމެވެ. އެކަމަކު 2014 ގައި އެގޮތަށް ނިންމި ފަހުން ދެ އަހަރު ވީ އިރު ވެސް އެއްވެސް މަސައްކަތެއް ނުފެށުމުން، ޔާމީން ސަރުކާރުން ވެސް އެގްރިމެންޓް ބާތިލްކުރީ އެވެ.

އާދަޔާ ހިލާފު އެއްބަސްވުމެއް

ޓާޓާ އިން ދިޔައީ އިންޑިއާގެ މުމްބާއީގައި ހުންނަ އާބިޓްރޭޝަން ސެންޓަރަށެވެ. 

މިއީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އޭގެ ކުރިން ދުވަހަކު ވެސް ދިވެހި ސަރުކާރުން އެއްވެސް ބަޔަކާ އެގްރިމެންޓެއް ހެދި ގޮތެއް ނޫނެވެ. އާބިޓްރޭޝަން އަބަދުވެސް ކަނޑައަޅަނީ، އެގްރިމެންޓްގައި ހިމެނޭ ފަރާތްތައް ނިސްބަތް ނުވާ ގައުމެއްގަ އެވެ.

ޔާމީންގެ ވެރިކަން ނިމުނު 2018ގެ ކުރީކޮޅު ފުރަތަމަ އަޑުއެހުން އޮތެވެ. އެ އަޑުއެހުމުގައި ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ ހައިސިއްޔަތުން އަހްމަދު އުޝާމް ބައިވެރިވެވަޑައިގަތެވެ. މިހާރު ވިލިމާލޭ ދާއިރާގެ މަޖިލިހުގެ މެމްބަރު އުޝާމާއި ސަރުކާރުން ނެގި ބޭރުގެ ވަކީލުންނަށް އެ އަޑުއެހުމުން ވެސް އެއް ކަމެއް ޔަގީންވި އެވެ: ދިވެހި ސަރުކާރަށް ކާމިޔާބުނުވާނެ ކަމެވެ. އޭގެ މާނައަކީ، ބިންތަކުގައި އަމަލީ އެއްވެސް މަސައްކަތްނުކޮށް އެތައް އަހަރެއް ވިޔަސް، ބަދަލުގެ ގޮތުގައި ވަރަށް ބޮޑު އަދަދެއް ދޭން ޖެހުމުގެ ފުރުސަތު އޮތުމެވެ.

އެއީ އާންމު އުސޫލުގެ ތެރެއިން ހިނގާފައި އޮތް ކަމެއް ނޫން. މިވަރަށް ދައުލަތަށް ގެއްލުން ވާ ގޮތަށް ސޮއިކޮށްފައި އޮތް އެގްރިމެންޓެއް ނުދެކެން.

އަހުމަދު އުޝާމް، ކުރިން އެޓާނީ ޖެނެރަލް އޮފީހުގައި އިސް މަގާމުތަކެއް އަދާކުރެއްވި

ހަތަރު ވަރަކަށް އަޑުއެހުމަށް ފަހު ސަރުކާޜުން ނިންމީ ވާހަކަ ދައްކައިގެން ހައްލު ހޯދާށެވެ. އެގޮތުން ގެނައި ހައްލަކީ ނާދީ ބިމާއި ކުނިކޮށި ބިން އަލުން ދިނުމެވެ. އަދި ރިސޯޓް ހަދަން ޅޮއްސަލަފުށި، ޓޫރިޒަމް ގާނޫނަށް ފެތޭ ގޮތަށް 50 އަހަރަށް ދޫކުރުމެވެ. އޭގެ މާނައަކީ އެމްޑީޕީ ސަރުކާރުން ހެދި އެގްރިމެންޓްގައި އޮތް ގޮތަށް ކުލި ނުނެގޭނެ ބައި އުނިކޮށް، ސަރުކާރަށް ކުލި ވެސް ދައްކާ ގޮތަށް ރަށް ހިންގުމެވެ.

"އާބިޓްރޭޝަންގައި ބައިވަރު ކަންކަން ހިނގި. [އަމުރުތަކެއް] ވެސް ނެރުނު. އެންމެ ފަހުން ސަރުކާރުން ނިންމީ އެންމެ ރަނގަޅު ގޮތަކީ ސެޓްލްކުރުން ކަމަށް،" އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އެއްބަސްވެ، އޮގަސްޓް 2018 ގައި ޓާޓާއިން ވެސް ސޮއިކުރި އެއްބަސްވުން، ކުރީގެ އެއްބަސްވުމަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅެވެ. 

އެކަމަކު އޭގެ ފަހުން އެއިން އެއްވެސް ބިމެއްގައި، އެއްވެސް ކަމެއްނުކޮށް އޮއްވާ މި ސަރުކާރުން މިހާރު އުޅެނީ، އެންމެ ފުރަތަމަ އޮތް ގޮތަށް އެގްރިމެންޓް ބަދަލުކުރާށެވެ. 

މިކަމާ ބެހޭ ގޮތުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި، ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް 'ދައުރު'ން ސުވާލު ދެންނެވުމުން، އަކްރަމް ވިދާޅުވީ މިއަދު ނޫސްބަޔާނެއް ނެރުއްވާނެ ކަމަށެވެ.

ކުރިން މާލޭގެ ގާކޮށި އޮތް ބިމުގައި ޓާޓާގެ ހިއްސާ އޮތް ކުންފުންޏަކުން ހެދި މާލޭ ސްކެއާ: މިތަނުގެ ފްލެޓްތައް ނިންމީ ކަނޑައެޅި އަގަށް ވުރެ މާ ބޮޑުކޮށް

މިވަރުގެ ބޮޑު ކަމެއް ނިންމާލި އިރު، ނޫސްބަޔާނަކުން ދިވެހި ރައްޔިތުންނަށް ފުދޭނެ ހެއްޔެވެ؟ ކުރީ ސަރުކާރާ އެކު އެއްބަސްވެފައި އޮތް ގޮތަށް އެއްވެސް މަސައްކަތެއް ނުކޮށް އޮއްވާ، އެ އެއްބަސްވުމުގެ ބަދަލުގައި 2010 ގައި ހެދި، އެއްކޮޅަށް ގޮސް ހުސްވެފައި އޮތް އެއްބަސްވުމަކަށް ރުއޫޖަވެވިދާނެ ހެއްޔެވެ؟ އޭގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

"ޓާޓާއާ އެކު އެމްޑީޕީ ސަރުކާރުން ކޮށްފައި އޮތީ ވަރަށް އާދަޔާ ހިލާފު އެއްބަސްވުމެއް،" އެންމެ ކުރީގެ އެއްބަސްވުމަށް އިޝާރަތްކުރައްވާ އުޝާމް ވިދާޅުވި އެވެ.

"އެއީ އާންމު އުސޫލުގެ ތެރެއިން ހިނގާފައި އޮތް ކަމެއް ނޫން. މިވަރަށް ދައުލަތަށް ގެއްލުން ވާ ގޮތަށް ސޮއިކޮށްފައި އޮތް އެގްރިމެންޓެއް ނުދެކެން."

އެއް މިސާލެވެ. ކުރީގެ ގާކޮށި ހުރި ތަނުގައި އެޅި މާލޭ ސްކެއާ އައި އަރައްބިޔާ ހިންގި ބިމުގައި ހެދި މާލޭ ގްރޭންޑްގެ ތިރި އާއި އެއް ވަނަ ބުރީގެ ކޮމާޝަލް ތަންތަން ވެސް، 50 އަހަރަށް ލިބުނީ ޓާޓާއަށެވެ. އެ ހުރިހާ ތަނެއް 50 އަހަރަށް މިހާރު ވަނީ ވިއްކާލައިފަ އެވެ.

މިއީ ހުޅުމާލޭގައި އެޗުޑީސީން ބިން ދޫކޮށްގެން ކުންފުނިތަކުން ހަދާ ފްލެޓްތަކުގެ ބަދަލެއްގެ ގޮތުން ވެސް އެޗުޑީސީން ނުދޭ ފުރުސަތެކެވެ. އެ ދެ ބައި ދޭން ޖެހެނީ އެޗުޑީސީއަށެވެ.

ރާއްޖެއިން މި ލިބުނު ފުރުސަތުތަކާއި ލިބެން އުޅޭ ފުރުސަތުތަކަށް ޓާޓާއިން ނުހޭންވީ ސަބަބެއް ނެތެވެ. އަމިއްލަ ގައުމުގައި ވެސް އެވަރުގެ ފުރުސަތުތަކެއް، އެހާ ބޮޑެތި ފައިދާތަކެއް ލިބޭނެ ގޮތެއް ފަހިވެގެން ނުދާނެ އެވެ.

ކޮމެންޓް (1)

ރިބާން

12 ޖެނުއަރީ 2022
އެބުނާ ނޫސްބަޔާނުގައި އޮންނާނީ ކުރީ ސަރުކާރު ކުރީސަރުކާރު.
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް