ދުވުންތެރިޔާ މުހައްމަދު ރަޝީދު (މޯޑު) 2021 ގެ ގައުމީ މުބާރާތުގެ 5،000 މީޓަރުގައި ދުވަނީ

އެތުލެޓިކްސް

މުހައްމަދު ރަޝީދުގެ އަނިޔާ ރަނގަޅުނުވެ، ދުވަސްކޮޅަކަށް ދުވުން މަޑުޖައްސާލައިފި

ހައެއްކަ މަސް ދުވަސް ފަހުން އަލުން އެނބުރި ދުވުމުގެ ތެރެއަށް ނުކުމެވޭނެ ކަމަށް އޭނާ ލަފާކުރޭ
17 ނޮވެމްބަރު 2022
3

ދިގު ދުވުމަށް ހާއްސަ އަދި މިހާރު ރާއްޖޭގައި ތިބި އެންމެ ބާރު ދުވުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު ރަޝީދު (މޯޑު)ގެ އަނިޔާ ރަނގަޅުނުވެ، އެންމެ ފަހުން ދުވަސްކޮޅަކަށް ދުވުމާ ދުރަށް ދާން ނިންމައިފި އެވެ.

މިހާރު ވެސް 5 ކިލޯމީޓަރުގައި ރާއްޖޭގެ ގައުމީ ރެކޯޑް އޮތް ރަޝީދު ބުނީ ގާތްގަނޑަކަށް ހައެއްކަ މަސް ދުވަހު ދުވުމާ ދުރުގައި މަޑުކޮށްލަން ނިންމީ، ފަލަމަސްގަނޑާއި ބަނޑަށް އިހުސާސްކުރެވޭ ތަދު ރަނގަޅުނުވާތީ ކަމަށެވެ.

"ސްކޭނުން ވެސް، އެމްއާރުއައިއިން ވެސް އެއްވެސް މައްސަލައެއް ނުފެނޭ. އެކަމަކު ގިނަ އިރު ދުވެވޭ ވަރަށް ވުރެ ތަދުގެ ކަންތައް ހަމަ ބޮޑީ،" ރަޝީދު، 27، ބުންޏެވެ.

ދިގު ދުވުންތަކުގެ ތަމްރީން ހަދާތީ ބައެއް ދުވަސް ދުވަހު ވަރަށް ގިނަ ވަގުތު ދުވުމުގައި ހޭދަކުރެ އެވެ. އެކަމަކު މި އަހަރުގެ ގައުމީ މުބާރާތަށް ތައްޔާރުވަމުން ދިޔަ އިރު ފަޔަށް އެރި ތަދު ރަނގަޅު ނުވެ އެހާ ގިނަ ދުވަސް ވެދާނެ ކަމަކަށް އޭނާ ހިއެއްނުކުރެ އެވެ. 

ގައުމީ މުބާރާތުގެ އިތުރުން މިދިއަ ހޮނިިހިރުދުވަހު ނިމުނު އެތުލެޓިކްސް ގްރޯން ޕްރީގައި ވެސް އޭނާ ވާދަކުރި އެވެ. ނަމަވެސް އޭނާ ބުނީ ލޯ މެޑެލް ލިބުނު ކަމުގައި ވިޔަސް، އެންމެ މޮޅު ދުވުންތެރިން ކައިރީގައި ހިފަހައްޓާލެވޭ ވަރަށް ވުރެ ތަދު ބޮޑު ކަމަށެވެ.

"މިހާރު ދެން ހިތަށްއެރީ ތަމްރީންތައް ނުހަދައި ދުވުސްކޮޅަކު ހުރެލަން، ޑޮކްޓަރުން ވެސް ބުނަނީ އެހެން،" ރަޝީދު ބުންޏެވެ.

"މިބަލަނީ ގާތްގަނޑަކަށް ހައެއްކަ މަސް ވަރު ކަމަށް."

އޭނާ ބުނި ގޮތުގައި ނުދުވެ ހުންނަ ދުވަސްކޮޅު ޒުވާން ދުވުންތެރިންނަށް އެހީތެރިވާން އޭނާ ތައްޔާރެވެ. އެވަގުތު ވެސް ލިބެން އޮތުމާ އެކު ދުވުންތެރިންނަށް އޭނާގެ ތަޖުރިބާ އާއި ދުވުމުގެ ކަންކަން ބުނެދެވިދާނެ ކަމަށް، އޭނާ ދެކެ އެވެ.

"ދުވުންތެރިންނަށް އެހީތެރިވެދޭން ބޭނުން އަސްލު. އެއީ ކުރާ ހިތްވާ ކަމެއް،" ރަޝީދު ބުންޏެވެ.

މިދިއަ އަހަރުގެ ނޮވެމްބަރު މަހު އޮތް ގައުމީ މުބާރާތުގެ ދިގު ދިވުމުގައި އޭނާ އުޅުނީ ކުރީގަ އެވެ. އެއީ މިހާތަނަށް އޭނާގެ އެންމެ ކާމިޔާބު މުބާރާތް ވެސް މެ އެވެ. ނަމަވެސް އެ މުބާރާތުގައި އޭނާގެ ފަހަތުން ދެވަނާގައި އޮތް ހުސެއިން ފަޒީލް ހާރޫނަކީ މި އަހަރުގެ އެންމެ ކާމިޔާބު ދިގު އަދި މިޑްލް ޑިސްޓެންސް ދުވުންތެރިޔާ އެވެ.

ރަޝީދު ބުނީ ފަޒީލް ވެސް އަލުން އެ ފެންވަރަށް ދިޔައީ ދުވަސްގަނޑަކު ދުވުމުގައި ދުރުގައި ހުރެ ނުކުމެ ކުރި ހިތްވަރުން ކަމަށާއި އޭނާ ވެސް މި ބްރޭކަށް ފަހު އަލުން އެނބުރި އަންނާނެ ކަމަށެވެ.

"ދުވަން ފަށާތާ ހައެއްކަ މަސް ތެރޭގައި ކުރީގެ ފެންވަރަށް ދެވިދާނެ. ކޮވިޑްގެ ބަންދުގައި ހުރެފައި ނުކުމެ ވެސް އެ ލެވެލްއަށް ދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި،" ރަޝީދު ބުންޏެވެ.

އިތުރަށް ކިޔާލަން 

ކޮމެންޓް (3)

ނަދީމް އަހުމަދު

18 ނޮވެމްބަރު 2022
މަށާ ދިމާވި މިސޮރު ސާކަލު ޓެކްސީކުރަން އުޅެނިކޮށް ވަރައްފޮނި ފާޑަކަށް އިންނަނީ ސިފައިންގެ މީހެއްދޯމިއީ
1 0

ސާއިދު ހުސައިން

18 ނޮވެމްބަރު 2022
މުހައްމަދު އެއީ ވަރަށް ބަސް އަހާ އަހުލާގު ރަނގަޅު ކުއްޖެއް. ނަސްރު އޭނަ ޓްރެއިން ކުރި ގޮތުން މިއަދު އޭނަ އިންޖަރީ އަށް ދިޔައީ. މުހައްމަދު އެނބުރި އަންނާނީ ވަރަށް ގަދަ ކޮށް އިރާދަ ކުރެއްވިއްޔާ. މިއަދު މުހައްމަދު އަކީ ނަސްރުގެ އަޅެއް ނޫން. އޯލް ދަ ބެސްޓް މައި ގުޑް ފުރެންޑް މޯޑް.
0 1

ކައްޕި ބުރޯ

17 ނޮވެމްބަރު 2022
އުންމީދަކީ އަނިޔާ އިން ރަނގަޅުވެ، މޯޑު އަލުން ދުވުމުގެ ތެރެއަށް ނުކުތުން. މޯޑަށް އަވަސް ޝިފާ އަކަށް އެދެން. އަދި ޓްރެކުން ފެންނާނެ ކަމަށް އުންމީދު ކުރަން
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް