އިނގިރޭސި ރާނީ ރާއްޖޭގައި: މިއީ ބޭރު ގައުމެއްގެ އިއްޒަތްތެރިޔަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު

ތާރީހު

އިނގިރޭސި ރާނީގެ ރާއްޖޭގެ ދަތުރުފުޅު: އެވަރުގެ ކަމެއް އޭރު ނުދެކޭ

ރާނީ 1972 ގައި ކުރެއްވި ދަތުރުފުޅު ދިވެހި ތާރީހުގައި ވެސް ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ
8 ސެޕްޓެމްބަރު 2022

މުހިންމު ނުކުތާތައް

އޭގެ ކުރިން ރާއްޖެއަށް ބޭރުގެ އިއްޒަތްތެރިޔަކު ރަސްމީ ދަތުރެއް ކުރައްވާފައެއް ނުވޭ

ރާއްޖެ ވަޑައިގަތީ ޝާހީ ޔޮޓް، ބްރިޓޭނިއާގައި

ރާނީ ދެކިލަން މާލޭގެ އެކި ހިސާބުތަކަށް އެތައް ހާސް ބަޔަކު އެއްވި

"އެއީ އޭރަށް ބަލާއިރު ވަރަށް ބޮޑު ކަމެއް. އެވަރުގެ ކަމެއް ނުދެކޭ އޭގެ ކުރިއަކުންނެއް،" ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވި އެވެ.

އެއީ 13 މާޗު 1972 ގައި އިނގިރޭސި ރާނީ ކްއީން އެލިޒަބަތު މާލެ ވަޑައިގެންނެވި ދުވަހުގެ ވާހަކަ އެވެ. އެ ދުވަހަށްޓަކައި ދިވެހިން ވަރަށް ބޮޑަށް ތައްޔާރުވި އެވެ. ރާނީގެ ދެކަނބަލުން ދެކިލަން މާލޭގެ ރައްޔިތުން މަގުތަކަށް ނުކުތެވެ. އެކަމަނާގެ ޝަރަފުގައި ބޭއްވި އެކި ހަރަކާތްތައް އޮތް ސަރަހައްދުތަކަށް އެއްވި އެވެ.

"އޭގެ ކުރިން ވެސް، އޭގެ ފަހުން ވަރަށް ގިނަ ދުވަސް ވަންދެން، އެފެންވަރުގެ ބޭފުޅަކު ރާއްޖެއަށް ދަތުރުފުޅެއް ނުކުރައްވާ،" ކަމާލުއްދީން ވިދާޅުވި އެވެ.

އިނގިރޭސި ރާނީ އެލިޒަބަތު 1972 ގައި ރާއްޖެއަށް ކުރެއްވި ފަސްމީ ދަތުރުފުޅުގައި ރައީސް އިބްރާހިމް ނާސިރާ އެކު

"އެހެންވީމާ އެއީ ދިވެހިންނަށް އާ ކަމެއް. ސަރުކާރަށް ވެސް އާ ކަމެއް."

އެއީ ދެވަނަ ފަހަރަށް ރާއްޖޭގެ ވެރިކަން، 1968 ގައި، ޖުމްހޫރިއްޔަތަކަށް ބަދަލުކޮށް، ރައީސްކަމަށް ރައްޔިތުން އިންތިހާބުކުރި އިބްރާހިމް ނާސިރުގެ ރިޔާސީ ފުރަތަމަ ދައުރެވެ. އިނގިރޭސިންގެ އަތުން ރާއްޖެއަށް މިނިވަންކަން ލިބުނުތާ ހަ އަހަރެވެ.

ދިވެހިންނަކީ އޭރު ބޭރުގެ ވެރިންނާއި އިއްޒަތްތެރިން ވަޑައިގަންނަވާ ގައުމެއް ނޫނެވެ. އެކަމަކު އިނގިރޭސި ރާނީ ދެކުނު އިރުމަތީ އޭޝިއާއަށް ކުރެއްވި އެއް މަސް ދުވަހުގެ ދަތުރުގެ އެއް މަންޒިލަކީ ރާއްޖެ އެވެ. އަދި އެއީ، ނިއު ޔޯކް ޓައިމްސްގައި 14 މާޗު 1972ގައި ލިއެފައިވާ ގޮތުގައި "ޝާހީ ޔޮޓް ބްރިޓޭނިއާ އިންޑިއާ ކަނޑުގައި ފެށި ދަތުރުގެ ފުރަތަމަ މަންޒިލެ"ވެ.

ޝާހީ ޔޮޓް، ބްރިޓޭނިއާގެ ފަޅުވެރިންނާއި ދިވެހި ފުޓްބޯޅަ ޓީމާ ދެމެދު ކުޅުނު ފުޓްބޯޅަ މެޗު، ރާނީ ޝަރަފްވެރިކޮށްދެއްވަނީ

ރާނީ އާޢި ފިރިކަލުން ޕިލިޕް ރާއްޖެ ވަޑައިގަތީ އެ ޔޮޓްގަ އެވެ. މާލޭ ބޭރުގައި ޔޮޓް ބަނދަރުކޮށް ފައިބައި ވަޑައިގަތީ، މިހާރުގެ ރަސްމީ ފާލަން ހުރި ހިސާބުގައި ހުންނަ އަދި އޭރު 'ބޮޑު ފާލަމު'ގެ ނަމުން މަޝްހޫރު ފާލަމަށެވެ. އެކަމަކު އެ ފާލަން އޮންނަނީ މާލޭގެ މިހާރުގެ އެއްގަމު ތޮއްޓަށް ވުރެ ބޭރަށެވެ. ބޮޑު ފާލަން ރޫޅާލައި، އެ ހިސާބު ފުންކޮށް މިހާރު އެ އޮތް ގޮތަށް ބޮޑުތަކުރުފާނު މަގު ސީދާކުރީ، 1975 ހިސާބުގަ އެވެ.

ރައްޔިތުން ވެސް ވަރަށް ފޯރީގައި

މާލޭގެ އިތުރުން ރާނީ އައްޑުއަށް ވެސް ވަޑައިގަތެވެ. އައްޑޫން ވެސް އެކަމަނާއަށް ވަރަށް ބޮޑު މަރުހަބާއެއް ދެންނެވި އެވެ. އައްޑޫގެ ރައްޔިތުންނާ ވެސް ރާނީ ބައްދަލުކުރެއްވި އެވެ.

ކަމާލުއްދީން ވިދާޅުވި ގޮތުގައި ރާނީއަށް މަރުހަބާ ދަންނަވަން މާލޭ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނެވެ. މާލެ ޒީނަތްތެރިކުރުމުގެ ޒިންމާއާ ހަވާލުކުރީ އޭރުގެ އިލެކްޓްރިކަލް ޑިޕާޓްމަންޓްއާ އެވެ. ގިޑިގެތައް ހެދުމާއި ޒީނަތްތެރިކުރުމުގެ އެހެން ކަންކަން ކުރިއަށް ގެންދިޔައީ މިހާރު މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓިން ކޮމިޝަން ފަދަ އިދާރާތައް ހިންގަމުން އަންނަ ބިއްލޫރި ޖެހި ގޭގަ އެވެ.

ދިވެހިންގެ މަސައްކަތްތެރިކަން ރާނީއަށް ކިޔައިދެނީ

ކަމާލުއްދީނާއި ކުރީގެ ރައީސް މުހައްމަދު ވަހީދަކީ ޖެނުއަރީ 1972 ގައި މަޖީދިއްޔާއިން އޯ ލެވެލް ހެދި ބެޗުގެ ދަރިވަރުންނެވެ. އޭރު އެއްވެސް ވަޒީފާއަކަށް ނުނިކުންނަވަ އެވެ. އެ ދަރިވަރުންނާއި އެ ބެޗުގެ ކުރީ ބެޗުގެ ބައެއް ދަރިވަރުންގެ އިތުރުން އޭރު މަޖީދިއްޔާ ގްރޭޑް 10ގައި ކިޔަވަމުން އައި ބައެއް ކުދިން ވެސް، އެ މަސައްކަތުގައި ބައިވެރިވި އެވެ.

"ވަރަށް ފޯރީގައި، ވަރަށް ބުރަކޮށް ކުރި މަސައްކަތްތަކެއް އެއީ. ވަރަށް ގިނަ ބަޔަކު ބައިވެރިވި،" ކަމާލުއްދީން ވިދާޅުވި އެވެ.

ރާނީގެ ޝަރަފުގައި ތަފާތު ހަރަކާތްތައް އޭރުގެ ރަސްމީ ދަނޑު، ހެންވޭރު ބޯޅަ ދަނޑު ފަދަ ތަންތަނުގައި ބޭއްވި އެވެ. ރާއްޖޭގެ އެކި މަސައްކަތްތެރިކަން ދައްކުވައިދިނުން ވެސް އޮތެވެ. މަސް ކަނޑާ ގޮތާއި ކައްކާ ގޮތާއި ދޯނިފަހަރު ބަނުމުގެ ހުނަރު ފަދަ އެތައް ކަމެއް، އެކި މީސްމީހުން ލައްވާ ދެއްކި އެވެ.

"މާލޭގެ މަގުތަކުގައި ދިދަތައް ހިފައިގެން މީހުން ވަރަށް އެއްވި. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ރަށްރަށުން ވެސް މީހުން އައި ރާނީ ދެކިލަން،" ކަމާލުއްދީން ވިދާޅުވި އެވެ.

ރާނީ ދެކިލަން އެއްވެ ތިބި އައްޑު އަތޮޅުގެ އަންހެންވެރިންނާ ވާހަކަ ދައްކަވަނީ

އޭރު ރާނީއަކީ ވަރަށް ޒުވާން ބޭފުޅެކެވެ. އުމުރުފުޅުން އެންމެ 46 އެވެ. އެކަމަނާއަށް ހާއްސަކޮށްގެން ސަރުކާރުން ބެހެއްޓި މަންދޫބަކީ އޭރުގެ ފޮރިން މިނިސްޓަރު އަދި ފަހުން ބޮޑުވަޒީރުގެ މަގާމު ލިބިވަޑައިގެންނެވި، އަހުމަދު ޒަކީ އެވެ. އެއީ އިނގިރޭސި ބަސް ރަނގަޅަށް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރެއިން އެކެކެވެ.

ރާނީއަކީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ބޭރު ގައުމެއްގެ އެފަދަ ފުރަތަމަ ލީޑަރެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ހިތުގައި ވެސް އެ ދަތުރުފުޅަށް ވަރަށް ބޮޑު ލޯތްބަކާއި ޝުކުރެއް އޮތެވެ. އެކަމަނާއާ ބައްދަލުވުމަކީ ވަރަށް މަދު ބަޔަކަށް ނޫނީ ނުލިބޭ ފުރުސަތެކެވެ. އެހެންކަމުން އޭރު ހަމަ ލޮލުން އިނގިރޭސި ރާނީ ފެނުނު މީހުން ފިޔަވައި، މިއަދާ ހަމައަށް ވެސް އެ ފުރުސަތު ލިބުނީ ވަރަށް މަދު ދިވެއްސަކަށެވެ.

"ވަރަށް ރަނގަޅަށް މުޅި ޕްރޮގްރާމް ސަރުކާރުން އިންތިޒާމްކޮށްފައި އޮތީ،" ކަމާލުއްދީން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް