ރާއްޖޭގެ ފަޅު ރަށެއް: ވަރުވާއަށް ރަށްތައް ދޫކުރާ މުއްދަތު ފަސް އަހަރުން 10 އަހަރަށް ވަނީ އިތުރުކޮށްފައި

އަތޮޅުތައް

ވަރުވާއަށް ރަށްތައް ދޫކުރާ މުއްދަތު 10 އަހަރަށް އިތުރުކޮށްފި

އެއްބަސްވުމާ ހިލާފު ނުވިޔަސް، ބަދަލު ދިނުމެއް ނެތި ރަށް އަތުލުމުގެ ބާރު މިނިސްޓަރަށް ދީފައިވޭ

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ވަރުވާއަށް ފަޅު ރަށްތައް ދޫކުރާ މުއްދަތު 10 އަހަރަށް އިތުރުކޮށް، އެއްބަސްވުމާ ހިލާފު ނުވިޔަސް، ބަދަލު ދިނުމަކާ ނުލައި ރަށް އަތުލުމުގެ ބާރު މިނިސްޓަރަށް ލިބޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި އެވެ. 

ވީ ކިހިނެއް؟ - މި ބަދަލު ގެނައީ ރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގަވައިދަށް ގެނައި ދެވަނަ އިސްލާހުންނެވެ. އެ އިސްލާހު ސަރުކާރުގެ ގެޒެޓްގައި އިއްޔެ ވަނީ ޝާއިއުކޮށްފަ އެވެ.

އެނގުން މުހިއްމު - ކުރިން އޮތް ގޮތުން ވަރުވާއަށް ފަޅު ރަށެއް އެންމެ ދިގު މުއްދަތަކަށް ދޫކުރެވެނީ ފަސް އަހަރަށެވެ. ނަމަވެސް ގަވައިދުގެ 20 ވަނަ މާއްދާއަށް ގެނައި ބަދަލުން އެ މުއްދަތު ދެ ގުނަ އިތުރުވީ އެވެ.

ތަފްސީލް - ފަޅު ރަށްރަށާ ބެހޭ ގަވައިދަށް މައިގަނޑު ހަ ބަދަލެއް ވަނީ ގެނެސްފަ އެވެ. ދެން ގެނައި އެންމެ ބޮޑު އިސްލާހަކީ، އެއްބަސްވުމާ ހިލާފު ނުވި ނަމަވެސް، ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި  ބަދަލު ދިނުމަކާ ނުލައި ރަށް އަތުލުމުގެ ބާރު މިނިސްޓަރަށް ދިނުމެވެ. ގަވައިދުގެ 26 އަދި 27 ވަނަ މާއްދާއަށް ގެނައި އެ އިސްލާހު ބުނާ ގޮތުން:

  • ރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނު ނުވަތަ ގަވައިދު ނުވަތަ ވަރުވާއަށް ދިނުމުގެ އެއްބަސްވުމާ ހިލާފުވިޔަސް އަދި ނުވިޔަސް ސަރުކާރުން ބޭނުންވެއްޖެ ނަމަ ފަޅު ރަށް ވަރުވާއަށް ދިފައިވާ ފަރާތުގެ ކިބައިން މުއްދަތު ހަމަވުމުގެ ކުރިން ނޯޓިސް ދިނުމަށް ފަހު، އަތުލުމުގެ ބާރު މިނިސްޓަރަށް ލިބިގެންވޭ

  • އެގޮތަށް ރަށް ސަރުކާރަށް ނަގާއިރު، ބަދަލު ދޭކަށް ނުޖެހޭ

  • ނަމަވެސް ވަރުވާއަށް ނެގި ފަރާތުގެ އަމިއްލަ އުފުލޭ މުދާ ގެންދިޔުމުގެ އިހްތިޔާރު މިނިސްޓަރު ކަނޑައަޅާ މުއްދަތެއްގައި ދޭން ވާނެ

  • ރަށް އަތުލާ ހާލަތުގައި، ވަރުވާގެ ގޮތުގައި ދައްކާފައިވާ ފައިސާ އިން، ހިނގާ އަހަރުގެ ބާކީ އޮންނަ ދުވަހަށްވާ ފައިސާ ވަރުވާއަށް ހިފާފައިވާ ފަރާތަށް ދޭން ވާނެ

އެނގުން މުހިންމު - މީގެ ކުރިން އެ ގަވައިދުގައި އެ މައްދާގައި އޮންނަނީ، ގާނޫނު ނުވަތަ ގަވައިދު ނުވަތަ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ އަތުލެވޭ ގޮތަަށެވެ. އަދި ބައެއް ހާލަތްތަކުގައި ބަދަލު ދޭން ވެސް އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ. 

ގަވައިދަށް ގެނައި އިތުރު އިސްލާހުތައް:

  • ވަރުވާއަށް ހިފައިފައިވާ ރަށް ސަރުކާރަށް ނަގާ ހާލަތެއްގައި، ރަށުގެ ފަސްގަނޑުގައި އިންދާ އެއްވެސް ރުއްގަހެއް ކެނޑުމުގެ ނުވަތަ ނެގުމުގެ އިހްތިޔާރެއް، ރަށް ވަރުވާއަށް ހިފާ ފަރާތަށް ލިބިގެނެއް ނުވޭ

  • ރަށުގެ ވެއްޓަށް ގެއްލުން ނުލިބޭނެހެން ކުދި ގަހުގެ ނާސަރީއެއް ގާއިމްކުރުން؛ މިފަދަ ކަމަކަށް ރަށުން އެއްވެސް ރުކެއް ނުވަތަ ބޮޑު ގަހެއް ކަނޑައިގެން ނުވާނެ

  • ރަށުގައި މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ހަދަންވާނެ އަދި އެކަން ކުރުމަށް މިނިސްޓްރީއަށް ޑިޒައިނާ އެކު ހުށަހަޅައި، ހުއްދަ ހޯދަން ޖެހޭ

ގެޒެޓުގައި ޝާއިއުކުރުމާ އެކުއެކީގައި މި އިސްލާހުތަކަށް އަމަލު ކުރަން ވެސް ވަނީ ފަށައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް