ޒީރޯ ވޭސްޓް މޯލްޑިވްސް އިން ނެރުނު ޓޯޓް ދަބަސްތަކެއް: މި ޑިޒައިންތަކަކީ އުމުރުން 14 އަހަރުގެ އާޓިސްޓެއްގެ މަސައްކަތް

ޓޯޓް ދަަބަސް ހުރިހާ ކަމަކަށް ހެޔޮަވަރު؛ ބަދަލެއް ގެނެވިދާނެތަ؟

ޒީރޯ ވޭސްޓް މޯލްޑިވްސް އިން އަންނަނީ ޕްލާސްޓިކްގެ ބަދަލުގައި ބޭނުން ކުރެވޭނެ ތަކެތި ރާއްޖެއިން ފަސޭހައިން ލިބެން ނެތުމުގެ ހުސްކަން ފޫބެއްދުމަށް މަސައްކަތްކުރަމުން
24 ނޮވެމްބަރު 2022

މުހިންމު ނުކުތާތައް

ޒީރޯ ވޭސްޓްގެ 'ނޮސްޓަލްޖިއާ' ސީރީސްގައި ފަސް ޑިޒައިނެއްގެ ޓޯޓް ދަބަސް ނެރެފައިވޭ

ދަބަސްތައް ޑިޒައިންކުރީ ގިޔާސުއްދީން ސްކޫލްގެ ދަރިވަރު އީނާލް އިބްރާހިމް ރަޝީދު

އެތަކެއް ބައިވަރު ޕްލާސްޓިކް ކޮތަޅު ބޭނުންކުރުމުގެ ބަދަލުގައި މިފަދަ ދަބަހެއް ގެންގުޅުން ރަނގަޅު

ޒީރޯ ވޭސްޓް މޯލްޑިވްސް އިން ކުރާ އެއް މަސައްކަތަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ލައިފްސްޓައިލަކަށް ޕްލާސްޓިކްގެ ބަދަލުގައި ބޭނުން ކުރެވޭނެ ތަކެތި ވިއްކުމެވެ. ފެންއަޅާ ފުޅި، އެކި ބާވަތްތަކުގެ ހޮޅި އަދި މައްސަރު ކަންތައް ލައިގަތުމުން ބޭނުން ކުރާ ރީޔޫސަބަލް ކަޕް އަކީ ޒީރޯ ވޭސްޓް އިން ވިއްކާ ބައެއް އުފެއްދުންތަކެވެ.

މިފަހުން އެ ޖަމްއިއްޔާއިން ވަނީ ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބޭނުން ކުރުމަށް ޓޯޓް ދަބަސްތަކެއް ނެރެފަ އެވެ. ރާއްޖޭގެ ބާޒާރުގައި ދިވެހި ފަންނުވެރިންގެ އެކި ޓޯޓް ދަބަސް ވިއްކަ އެވެ. ދެމެހެއްޓެނިވި ދިރިއުޅުމެއް ހިޔާރު ކުރާ ކޮންމެ މީހެއްގެ ކޮނޑަށް މި ދަބަސްތައް ހެޔޮވަރެވެ.

ފޮތް ފިހާރައަކަށް ދާ ނަމަ ފޮތްތަކަށް މި ދަބަސް ސަޅި އެވެ.  މާރުކޭޓަށް ތަރުކާރީ ގަންނަން ދާ އިރު ވެސް ބޭނުންކޮށްލެވެ އެވެ. އަދި އާއްމުކޮށް ބޭރަށް ގޮސް އުޅޭ އިރު ވެސް ގެންގުޅެން ފަސޭހަ އެވެ. މި ދަބަސްތަކަކީ ވަކި ޖިންސަކަށް ތައްޔާރުކޮށްފައި ހުންނަ އެއްޗެއް ނޫނެވެ. އަންހެނުންގެ ކޮނޑުން މި ދަބަސްތައް ފެނުން އާއްމުވެފައިވާ އިރު މަދުމަދުން ފިރިހެނުން ވެސް ޓޯޓް ދަބަސް މިހާރު ގެންގުޅޭ ތަން ފެނެ އެވެ.

އަހުމަދު އަފްރާހް އިސްމާއީލް އާއި މަރިޔަމް ހަމްޝާ ހުސެއިން އަކީ ޒީރޯ ވޭސްޓް މޯލްޑިވްސް ކާމިޔާބުކަމާ އެކު 2018 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ދެމަފިރިންނެވެ. ހަމްޝާ ބުނި ގޮތުގައި ދަބަހުގެ ހިޔާލު އުފެދިގެން އައީ ޒުވާނުން ބާރުވެރިކުރުމުގެ ވިސްނުމަކުންނެވެ.

"ވަރަށް ބޮޑު މަގްސަދެއް އެއީ ޒުވާނުންނަަށް ޒީރޯ ވޭސްޓް މޯލްޑިވްސްގެ މަސައްކަތްތަކުގެ ތެރެއިން އެމީހުންގެ ހުނަރުތައް ދައްކާލުމަށް ޕްލެޓްފޯމެއް ހޯދައިދިނުން އަދި ޔޫތު އޮންޓޮޕްރިނިއާޝިޕް ޕްރޮމޯޓް ކުރުން،" ހަމްޝާ ބުންޏެވެ.

އެ ޖަމްއިއްޔާ އިން އަލަށް ލޯންޗު ކުރި 'ނޮސްޓަލްޖިއާ' ސީރީސްގެ ޓޯޓް ދަބަސްތަކުން ފެނިގެން ދަނީ ފުރާވަރުގެ އާޓިސްޓެއް ކަމުގައިވާ އީނާލް އިބްރާހިމް ރަޝީދުގެ މަސައްކަތެވެ.

ނޮސްޓަލްޖިއާ ލިމިޓެޑް އެޑިޝަން ކަލެކްޝަންގައި ފަސް ޑިޒައިނެއްގެ ޓޯޓް ދަބަސް ޒީރޯ ވޭސްޓް އިން އަންނަނީ ވިއްކަމުންނެވެ.

ޒީރޯ ވޭސްޓް މޯލްޑިވްސްގެ ޓޯޓް ދަބަސް 'ކަލާފުލް ލައިފް' ދައްކާލަނީ

ގިޔާސުއްދީން ސްކޫލްގައި ކިޔަވަމުން އަންނަ އުމުރުން 14 އަހަރުގެ އީނާލް އަށް 2020ގެ ލޮކްޑައުންގައި މި މަސައްކަތް ލިބުުމުން ބޭނުންވީ ތަފާތު އެކި މީޑިއަމްތައް ބޭނުންކޮށްގެން ދަބަސްތަކުގައި މީހުންނަށް ކަމުދާނެ ޑިޒައިންތަކެއް ދައްކާލުމަށެވެ.

"ވަރަށް އުފާވި މި މަސައްކަތް ލިބުނީމަ. ދަބަސްތަކުގައި ބޭނުންކޮށްފައި ހުރި ކުލަތައް އެއީ އޭރު އެންމެ ރީތިވި ކުލަތައް،" އީނާލް ބުންޏެވެ.

ފެންކުލަ ބޭނުންކޮށްގެން އޭނާ ޑިޒައިންކުރި ދަބަހެއް އީނާލް ދައްކާލަނީ
ގިޔާސުއްދީން ސްކޫލްގެ ދަރިވަރު އީނާލް އިބްރާހިމް ރަޝީދު: އޭނާ ދަބަސްތައް ފަރުމާކުރީ ކޮވިޑްގެ ލޮކްޑައުން ތެރޭގައި.

ގިނައިން ޑިޖިޓަލް މަސައްކަތްތައް ކުރާ އީނާލް ބުނި ގޮތުގައި ދަބަސްތައް ފަރުމާކުރި ފަހުން އޭނާގެ ފަންނުވެރި ހުނަރު ވަނީ ކުރިއަށް ޖެހިލާފަ އެވެ. ހަމައެކަނި ޑިޖިޓަލް އުފެއްދުންތަކަށް ހާއްސަވެގެން ހުރުމުގެ ބަދަލުގައި ފެންކުލަ އަދި އެކްރިލިކް ބޭނުންކޮށްގެން އީނާލް ދަނީ އޭނާގެ ފަންނުގައި ކުރިއަށެވެ.

އީނާލް ބުނިގޮތުގައި އޭނާގެ އުފެއްދުންތަކަށް ހިޔާލު ހޯދަނީ ވަށައިގެންވާ މާހައުލާއި އަމިއްލަ ހިޔާލުތަކާއި ލަވަ އާއި އެކިއެކި އިހްސާސްތަކުންނެވެ. ދަބަސްތައް ފަރުމާ ކުރުމުގައި އޭނާ ޑިޖިޓަލް އާޓް އަދި ފެންކުލަ ބޭނުންކޮށްފައިވާ އިރު، މުސްތަގުބަލުގައި އޭނާގެ އުއްމީދަކީ، ރެޒިން އަދި ކްލޭ އިން ވެސް އާޓް ދައްކާލުމެވެ.

"ބޭނުންވަނީ އިތުރު މީޑިއަމްތައް އަދި ބޮޑަށް އެކްސްޕްލޯ ކުރަން. ރައްޓެހިން ވެސް ވަރަށް މަސައްކަތް ރީއްޗޭ އަދި އުފާވެޔޭ ބުނޭ،" އީނާލް ބުންޏެވެ.

އީނާލް ދަބަސްތައް ޑިޒައިންކުރީ އެކި މީޑިއަމް ބޭނުންކޮށްގެން

އަފްރާހް ބުނިގޮތުގައި ޒީރޯ ވޭސްޓް ނުވަތަ ޕްލާސްޓިކު ނުގެންގުޅޭ ދިރިއުޅުމަކަށް ދިއުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ރާއްޖޭގައި ޕްލާސްޓިކްގެ ބަދަލުގައި ބޭނުން ކުރެވޭނެ ތަކެތި ފަސޭހައިން ލިބެން ނެތުމެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ، ހޯލްސޭލްގެ އިތުރުން ރީޓެއިލް މާކެޓަށް އެހެނިހެން ގޮތްތައް ފޯރުކޮށްދީގެން، އެ ހުސްކަން ފޫބައްދަން. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެމީހުންގެ ބޭނުންތަކަށް ކަސްޓަމައިޒްޑް ސޮލިއުޝަންތައް ހޯދައިދެން،" އަފްރާ ބުންޏެވެ.

'ނޮސްޓަލްޖިއާ' ސީރީސްގެ އިތުރު ދަބަހެއް މޮޑެލްއަކު ދައްކާލަނީ
އީނާލްގެ އަމާޒަކީ އާޓްގެ އިތުރު މަސައްކަތްތައް އެކި މީޑިއަމް ބޭނުންކޮށްގެން ކުރުން

ޒީރޯ ވޭސްޓް އިން މިފަދަ ތަކެތި ވިއްކައިގެން ލިބޭ އާމްދަނީ ބޭނުން ކުރަނީ އެމީހުންގެ ހަރަކާތްތަކަށް ފަންޑް ކުރުމަށާއި ކޮމިއުނިޓީ އެންގޭޖްމަންޓް ޕްރޮގްރާމްތައް ހިންގުމަށެވެ. އަދި އިތުރު އުފެއްދުންތައް ތައާރަފު ކުރުމަށާއި ދިރާސާ މަސައްކަތްތަކުގެ އިތުރުން ރިސޯސް މެނޭޖްމަންޓާއި އުކާލާ ކުނި މަދު ކުރުމަށް ބާރުއެޅުމަށެވެ.

މި ޓީމުގެ މަސައްކަތް ފުރިހަމަ އެވެ. މި ދަބަސްތަކުގެ ޑިޒައިންތައް ހިތްގައިމެވެ. އަހަރެމެންގެ ވަށައިގެންވާ ޕްލާސްޓިކް ކުނި މަދުކުރުމަށް ކުޑަ ބަދަލެއް ނަމަވެސް ގެންނަން މިފަދަ މަސައްކަތްތަކަކީ ހިތްވަރެކެވެ. ޕްލާސްޓިކް ކޮތަޅަކަށް ބަރޯސާވުމަށް ވުރެ މީގެ ދަބަހެއް ސަޅިވަނީ އެހެންވެ އެވެ. ބައިވަރު މީހުން ކުދިކުދި ބަދަލުތަކެއް ގެނެސްގެން ވެސް އަހަރެމެންނަށް ޕްލާސްޓިކާ ދުރުވެވިދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް