ވާހަކަ: ކަތި ފިޔަވަޅު

ވާހަކަ

ވާހަކަ: ކަތި ފިޔަވަޅު

ސާނިޔާ ބޭނުންވި ގޮތަށް، ބޭނުންވި ފެންވަރުގެ މީހަކާ ކައިވެނި ކުރެވުނެވެ. ކުރިން އެކަމާ ދިމާކޮށް ހެދި މީހުންގެ އަނގަ ބަންދު ކޮށްލެވުމުން ސާނިޔާ ހުރީ ވަރަށް އުފަލުންނެވެ.

އެޕިސޯޑް 7

އެއީ ކުށްހީ އަކަށް ވެދާނެ ހެއްޔެވެ؟

ބައެއް ފިރިހެނުންނަކީ ލިބޭ ފުރުސަތުތަކުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފާ ބައެކެވެ. ސާނިޔާއަށް އަދިވެސް ތޯރިގަކީ ކާކުކަމެއް ނޭނގެއެވެ. ތޯރިގު ބުނާގޮތުގައި އޭނާއަކީ މާލޭގައި ގެދޮރު ހުރި މުއްސަނދި މީހެކެވެ. އަތުގައި ފައިސާ ގިނަ، ތަނަވަސް ހިންގުންތެރިއެކެވެ. އުޅެނީ ސަފާރީއެއްގައި ކަމަށް ބުންޏެވެ. އަދި ކުރީގައި ބޯޓް ދަތުރު ކުރި ކަމަށް ވެސް ބުންޏެވެ. މައިންބަފައިންގެ ތިބި ތިން ދަރިން ތެރެއިން އެންމެ ދޮށީ ދަރިއެވެ. ނަމަވެސް މިހާ ދުވަސް ވީ އިރު ވެސް އެއިން އެއްވެސް މީހަކާ ސާނިޔާއާ ބައްދަލެއް ނުވެއެވެ. ބައްދަލު ކުރަން ބުނާ ކޮންމެ ފަހަރަކު އަދި މާ އަވަސް ކަމުގައި ބުނެ ނިންމާލަނީއެވެ.

ބައެއް ފަހަރު ސާނިޔާ ހިތަށް އަރައެވެ. މީހަކު މިހާ ފުރިހަމަ ވެދާނެބާވައެވެ؟ އާނއެކެވެ. ވެދާނެއެވެ. އެ ވަގުތަށް ހިތަށް ވިސްނައިދޭން ސާނިޔާ މަސައްކަތް ކުރެއެވެ. ކުރިމަތިން ފެންނަން ހުންނަ އިރު ވެސް އެއްބަސް ނުވެވެނީ ހެއްޔެވެ؟ މިއަށް ވުރެ ފުރިހަމަ މީހަކު ހޯދުމަށް ނުކުންނަން ވީ ހެއްޔެވެ؟ އެކަން ކުރުމަށް ކިތަންމެ ވަރަކަށް މަސައްކަތް ކުރިކަމުގައި ވިޔަސް މިއަށް ވުރެ ފުރިހަމަ މީހެއް ނުލިބޭނެއެވެ. ތޯރިގުގެ ކިބާގައި ސާނިޔާ ހިތް ނޭދޭ އެއްވެސް ސިފައެއް ނެތެވެ. ސާނިޔާއަށް ފެނުނީ ތޯރިގު ދެއްކި ފަރާތެވެ. ނުފެންނަ ފަރާތުގެ ހިތްދަތިކަމާއި އަނދިރިކަން އަދި އޮތީއެވެ.

ސާނިޔާ ބޭނުންވި ގޮތަށް ތޯރިގުއާ ކައިވެނި ކުރުމުގެ ކަންކަން ކުރިއަށް ދިޔައެވެ. ނަމަވެސް ތޯރިގު ބޭނުންވީ ސާނިޔާގެ ރަށުގައި އެކަން ކުރާށެވެ. އެ ވަގުތު ސާނިޔާގެ ސިކުނޑީގައި ރެނދެއްލި ކަހަލައެވެ. އެ ރެނދު ކިހާ ފުޅާވާނެ ކަމެއް އޭރު ސާނިޔާއަކަށް ނޭނގުނެވެ. އެހެނަސް ވިސްނާލަން މަޖުބޫރު ކުރުވިއެވެ. ނަމަވެސް ރުހުމުގެ ލޮލަށް އައިބެއް ނުފެންނާނޭ ބުނާ ފަދައިން މި ފަހަރު ވެސް ސާނިޔާ، ސިކުނޑީގެ ބަސް ދޮގު ކުރިއެވެ.

ކައިވެންޏާ މެދު އުފާވީ ސާނިޔާ އެކަންޏެއް ނޫނެވެ. ހަދީޖާ އާއި ހާރޫނު ވެސް ތިބީ އުފަލުންނެވެ. މާލޭގެ މުއްސަންޖަކާ ސާނިޔާ ކައިވެނި ކުރާތީއެވެ. ރަށުގެ ގިނަ ބަޔަކަށް ދައުވަތު ދީގެން ކައިވެނީގެ ރަސްމިއްޔާތު ފެށުނެވެ. ސާނިޔާ ބަލަމުން ދިޔައީ ތޯރިގު އާއިލާގެ އެއްވެސް މީހަކު ފެނޭތޯއެވެ. ނަމަވެސް އެކަކު ވެސް ނުފެނެއެވެ. ތިބީ ހުސް ރަށު މީހުންނެވެ. އެހިސާބުން ވެސް ސާނިޔާއަށް އެއްޗެއް ނުވިސްނުނެވެ. ކަމުގައި ގޯހެއް އުޅޭކަން ކިތަންމެ ވަރަކަށް ސިކުނޑި ވިސްނާދެމުން ދިޔަ ނަމަވެސް އެއަޑެއް ސާނިޔާއަކަށް ނީވުނެވެ. ކުރިމަތިން ފެންނަމުން ދިޔައީ ސާނިޔާ އުޅޭނެ މުއްސަނދި ދިރިއުޅުމެވެ. އަތަށާއި ފަޔަށް ރަން ގަހަނާ ލިބޭނެ މިންވަރެވެ. ކެވޭނެ މީރު ކާއެއްޗެއްސާއި ލެވޭނެ ރީތި، އަގުބޮޑު ހެދުންތަކެވެ. ބޭރު ގައުމުތަކަށް ކުރާނެ ދަތުރުތަކެވެ. ބުނި ކޮންމެ ކަމަކަށް އިޖާބަދޭނެ ނޯކަރުންގެ އަދަދެވެ.

ކައިވެނި ޕާޓީތެރޭގައި ވެސް ސާނިޔާ ހުރީ ވަރަށް ރީތި ވެލައިގެންނެވެ. އެންމެ އުފާވީ ސާނިޔާއާ ދިމާލަށް މަލާމާތް ކުރި މީހުންގެ އަނގަ ބަންދު ކުރެވުނީމައެވެ. ހިތާހިތުން ބުންޏެވެ. މިހާރު މިހުރީ ފެންނާށެވެ. ކައިވެނި މިކުރީ ވެސް ހަމަ ބޭނުންވާ ކަހަލަ މީހަކާއެވެ. ރަށުގައި ނެތް ފެންވަރުގެ މޮޅު މީހަކާއެވެ.

ހަލަބޮލި ހަފުލާއަކަށް ފަހު ރަސްމިއްޔާތު ނިމުނެވެ. ސާނިޔާ އާއި ތޯރިގު ތިބީ ކާށެވެ. ހާރޫނު އެ ވަގުތު ކާ ކޮޓަރިއަށް ވަނެވެ.

"ދަރިފުޅުމެން ކައި ނުނިމޭތަ؟" ހާރޫނު ގޮނޑީގައި އިށީންނަމުން އެހިއެވެ. ހަގީގަތުގައި ހާރޫނު އެއައީ އެހެން ވާހަކައެއް ދައްކާށެވެ.

"މިނިމެނީ މިހާރު،" ހިނިތުންވަމުން ތޯރިގު ބުންޏެވެ.

"ބައްޕަ އެއްޗެއް އަހާލަން މިއައީ. ތޯރިގުގެ މައިންބަފައިން ކީއްވެ މި ޕާޓީއަށް ނައީ؟ އެއްބަނޑު ކުއްޖެއް ވެސް ނާދޭ. އަނެއްކާ އެމީހުންގެ ނުގަބޫލުގައިތަ އަހަރެންގެ ދަރިފުޅާ ތި ކައިވެނި ކުރީ؟" ހާރޫނު އެހިއެވެ.

"ނޫން. މުޅިއަކުން އެހެނެއް ނޫން. އެމީހުން ވަރަށް ނުދާނެ ރަށްރަށަށް. އަހަރެންނަށް ނުބުނެވޭ ކަންނޭނގެ. އަހަރެންގެ ނުހުންނާނެ ބައްޕައެއް. މަންމަ އެކަނި ހުންނާނީ. މަންމަ ވަރަށް މުސްކުޅިވާނެ." ތޯރިގު އިނީ ހަމަޖެހިލާފައެވެ. ނަމަވެސް ސާނިޔާ ކޮށިއެރިއެވެ. މިހާ ދުވަސް ވީ އިރުވެސް އެ ކަހަލަ ވާހަކައެއް ތޯރިގު ނުބުނެއެވެ. ދުވަހަކުވެސް ހާމަ ނުކުރާ ހަގީގަތެއް ފާޅުވީކަން ސާނިޔާއަށް ގަބޫލު ކުރެވުނެވެ. މޫނުމަތީގައި އެނބުރެމުން ދިޔަ ސުވާލު މާކުތައް ފެނުނީ ތޯރިގަށެވެ. ނަމަވެސް ފެންނަ ކަމަށް ނުހެދީއެވެ. ހިނިތުންވެލާފައި ކެއުމާއިގެން ކުރިއަށް ދިޔައެވެ. ސާނިޔާގެ އަރުން އެންމެ އެތިކޮޅެއް ވެސް އެތެރެއަކަށް ނުދިޔައެވެ. ހިތަށް އެރިއެވެ. މިފަދަ ކިތައް ހަގީގަތް އަދި ހާމަ ވާނެބާވައެވެ؟ ނުވަތަ އެ ވާހަކަ ބުނަން ތޯރިގު ހަނދާން ނެތުނީއެވެ. އާނއެކެވެ. އެއީ ވެދާނެ ގޮތެކެވެ. އެ ގޮތަށް ވިސްނައި ހިތަށް ހަމަޖެހުން ގެންނަން މަސައްކަތްކުރިއެވެ. އަދި އެ ސުވާލު ނުކުރުމަށް ނިންމިއެވެ.

ކައިވެންޏަށް ތިން ހަފުތާ ވީއިރު ވެސް މާލެ ދާކަށް ތޯރިގު އެއްބަހެއް ނުވިއެވެ. ސާނިޔާ އެ ވާހަކަ ދެއްކުމުން ވެސް ދެނީ ބީރު ކަންފަތެކެވެ. ސާނިޔާގެ ބައެއް ހަރަދުތައް ނުކުރެވިގެން ހަދީޖާ ގާތު ފައިސާއަށް ބުނަން ޖެހޭ ފަހަރު ގިނަވިއެވެ. ތޯރިގު އަތުގައި ރުފިޔާ ހުންނަ ކަމަށް ބުނި ނަމަވެސް އެ ރުފިޔާއެއް ސާނިޔާއަކަށް ނުފެނެއެވެ. ސުވާލު ކުރަން ކިތަންމެ ފަހަރަކު ހިތް ބުނެއެވެ. އެކަމަކު ތޯރިގުއަށް ކުރާ އިތުބާރެއްގެ ބޮޑު ކަމުން ނާހަނީއެވެ. ތޯރިގުގެ ތެދުވެރިކަމާއި ވަފާތެރިކަމަށް ސުވާލު އުފައްދަން ބޭނުން ނުވަނީއެވެ.

ދުވަސްތައް މާޒީ ވަމުން ދިޔައެވެ. ހަދީޖާ އާއި ހާރޫނުގެ ސުވާލުތައް ގިނަވިއެވެ.

"ދަރިފުޅާ. މިހާރު ހަ މަސްވީ. ތޯރިގު ހަމަ އެއްވެސް ކަމެއް ނުކޮށް އެހެން ހުންނަނީތަ؟ މަންމަމެން މިއުޅެނީ ދަރިފުޅަށް ޚަރަދު ކުރަން ޖެހޭތީ އެކަމާ ކަންތައް ބޮޑުވެގެންނެއް ނޫން. އެކަމަކު ކައިވެނި ކޮށްގެން އުޅޭ ދެމަފިރިން ޒިންމާދާރުވާން ޖެހޭނެ. ހާއްސަކޮށް ފިރިމީހާ. ދަރިފުޅުމެން މާލެ ދަނީ ކޮން ދުވަހަކު؟" ހަދީޖާއަށް ކެތްނުކުރެވިގެން އެހިއެވެ.

ސާނިޔާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކޮޓަރީގެ ހަތަރު ފާރު އެތެރޭގައި ދެމަފިރިން ދައްކާ ވާހަކަތައް ބޭރު ތެރެއަށް ނެރެން ބޭނުން ނުވެފައެވެ. މާލެ ދިޔުމަށް ސާނިޔާ ކިތަންމެ ފަހަރަކު ތޯރިގު ގާތުގައި ބުނެފިއެވެ. ސުވާލު ކޮށްފިއެވެ. ޝަކުވާ ވެސް ކޮށްފިއެވެ. ތޯރިގު ކޮންމެ ފަހަރަކު ވެސް ދައްކަނީ ބަހަނާއެކެވެ. އެއް ފަހަރު ބުނީ މާލޭގެ ދިރިއުޅުމަށް ވުރެ ރަށްފުށު ދިރިއުޅުން މާ ފަސޭހަ ކަމުގައެވެ. އެއީ ތޯރިގުގެ ހިޔާލެވެ. ސާނިޔާ އަބަދުވެސް ބޭނުންވީ މާލޭގައި ދިރިއުޅޭށެވެ. އަނެއް ފަހަރު ބުނަނީ ދިރިއުޅެން ބޭނުންވަނީ އަމިއްލަ ގޭގައި ކަމަށާއި ގެ ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ ކަމަށެވެ. ސާނިޔާ ބޭނުންވީ އަދިވެސް އިތުބާރު ކުރާށެވެ. ނަމަވެސް ސިކުނޑީގެ އެއް ކަނެއްގައި ޝައްކުގެ ކުޑަ މިންވަރެއް ހަރުލިއެވެ.

ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ސާނިޔާ ބަލިވެ އިން ހަބަރުން މުޅި ގެއަށް އީދު އައި ކަހަލައެވެ. އެންމެން ތިބީ އުފަލުންނެވެ. ސާނިޔާ ފިޔަވައެވެ. ސާނިޔާ ބޭނުންވާ ދިރިއުޅުން ނޫޅެވޭނެތީއެވެ. ޒިންމާދާރުވެ، ވަގުތުތައް ދަރިފުޅަށް ހުސް ކުރަން ޖެހޭނެތީއެވެ. ހަށިގަނޑަށް އަންނާނެ ބަދަލުތަކަށް ކެތްކުރަން ޖެހޭނެތީއެވެ. ސާނިޔާ ފިކުރެއްގެ ތެރެއަށް ފީނަމުން ދާކަން ހަދީޖާއަށް ފާހަގަ ކުރެވުނެވެ. އެ ސުވާލު ކިތަންމެ ވަރަކަށް ކުރިޔަސް ސާނިޔާ ދެނީ އެއް ޖަވާބެކެވެ. ކަމެއް ނުވެއޭ ބުނެ ފުއްދާލަނީއެވެ.

ސާނިޔާ ވިހެއީ އަންހެން ކުއްޖެކެވެ. ސިއްހަތު ރަނގަޅު ކުއްޖެކެވެ. ނަމަކަށް ކިއީ އަޒްނާއެވެ. އެއީ ސާނިޔާއަށް އެންމެ ރީތިވި ނަމެވެ. ދަރިފުޅުގެ މޫނު ފެނުމުން ހިތުގައި ވާ ހުރިހާ އުދާހެއް ފިލައިގެން ދިޔައެވެ. އުފާވެރިކަން އޭގެ އިންތިހާއަށް ލިބުނެވެ. ތޯރިގުގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. 

އަޒްނާ ލިބުމުން ވެސް ހަރަދުތައް ބަލަހައްޓަމުން ދިޔައީ ހަދީޖާ އާއި ހާރޫނެވެ. ސާނިޔާއަށް ކެތްކުރަން އުނދަގޫ ވާންފެށިއެވެ. ތޯރިގުއާ ސުވާލު ކުރިއެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް