ވާހަކަ: ކަތި ފިޔަވަޅު

ވާހަކަ

ވާހަކަ: ކަތި ފިޔަވަޅު

ސާނިޔާ ބޭނުންވީ އެ ގެއިން ނުކުތުމަށެވެ. ފައިސާ ހަރަދުކޮށްގެން ކަމަށް ވިޔަސް އެ ގޮތް ސާނިޔާއަށް މުހިންމުވިއެވެ.

އެޕިސޯޑް 6

ކުއްލިއަކަށް ސާނިޔާގެ ހިނގުން ހުއްޓުނެވެ. އެ މަގުގެ ސާނިޔާ ހިނގަމުން ދިޔަ ފަރާތުގެ ފާރުގައި ލެނގިގެން ހުރި ޒުވާނާ ފެނުމުން ހިތުގައި ފަނޑުވަމުން ދިޔަ ހުޅުކޮޅުގެ އަލި ގަދަވާން ފެށިއެވެ. އެއް ފަހަރު ފެނިލާ ފެނިލުމުން މީހާގެ ގޮތްބާވަތް ނޭނގިދާނެއެވެ. ނަމަވެސް ސާނިޔާގެ ހިތުގައި ވިކާލީ އޭނާގެ ހިނިތުންވުމެއް ނޫނެވެ. ލޮލުގައި އަޅައިގެން ހުރި އައިނެވެ. ލައިގެން ހުރި ފައިކުރި ފުޅާ ކަޅު ކުލައިގެ ފަޓްލޫނާއި އަތުކުރިއަށް ފުޅާ ގަދަ މުށިކުލައިގެ ގަމީހެވެ. ދަށަށް ޖަހާފައި ހުރި ނަމަވެސް މޭމަތި ފެންނަ ވަރަށް ގޮށްތައް ވަނީ ނައްޓުވާލާފައެވެ. އަރައިގެން ހުރީ މުށިކުލައިގެ ބޫޓަކަށެވެ. ކައިރީގައި ބައިސްކަލެއް ވެސް ހުއްޓެވެ. އެ ޒުވާނާއާ ވާހަކަ ދައްކާލަން ސާނިޔާ ބޭނުންވިއެވެ. ނަމަވެސް ހަނދާންވީ ހަސްނާގެ ގެއަށް ދާން ނުކުތްކަމެވެ. ވުމާއެކު ހިޔާލު ބަދަލު ކޮށްލީ ހިތާ ދެކޮޅަށެވެ.

ސަލާން ގޮވާފައި ދޮރޯށިން ސާނިޔާ ގޯތިތެރެއަށް ވަނެވެ. ގެއަށް ވަންނަން ހުރި ދޮރު ހުރީ ތަންމިނަށް ހުޅުވާފައެވެ. އެ ދޮރުން ދެބައި އުމުރުގެ އަންހެނެއް ނުކުތެވެ. ސާނިޔާއަށް ހީވީ ރަނގަޅަށެވެ. އެއީ ހަސްނާގެ މަންމައެވެ. ހަސްނާ ހޯދަން ކަމަށް ބުނުމުން ގޭތެރެއަށް ވަނުމަށް ސާނިޔާ ގާތު ބުންޏެވެ. ސާނިޔާ އޭނާގެ ފަހަތުން ގެއަށް ވަނެވެ. އަދި އިށީނެވެ. ހަސްނާގެ މަންމަ ހަސްނާއަށް ދެތިން ފަހަރު ގޮވާލުމުން ހަސްނާ އައެވެ. ސާނިޔާ ފެނުމާއެކު ހަސްނާ އުފާވިއެވެ.

"ސާނިޔާ. މިގޭގައި ނެތް ހުންނާނެ ކޮޓަރިއެއް. މިގޭގައި ވަރަށް މީހުން ގިނަ ވާނެ. އެކަމަކު މިތާ ކައިރީގައި ހުންނާނެ ގެއެއް. އަހަރެން ރައްޓެހި ކުއްޖެއް އެގޭގައި އުޅޭނެ،" ހަސްނާ ހަނދާން ވެގެން ބުންޏެވެ. ސާނިޔާ އާއި ހަސްނާ ވާހަކަ ދައްކަން ތިބީ ގޯތިތެރޭގައި ހުރި ޖޯލިފައްޗެއްގައެވެ. "އެކަމަކު އެގޭގައި ހުރެވޭނީ ރުފިޔާ ދީގެން."

"މައްސަލައެއް ނެތޭ! އަހަރެން ވަޒީފާއެއް ހޯދާނަން. ރުފިޔާ ދީގެން ހުރުން ވެސް އަހަރެންނަށް މާ ރަނގަޅު މިހާރު މިއުޅޭ ގޭގައި..." ސާނިޔާއަށް ބަލާލެވުނީ ދޮރޯށިން ވަދެގެން އައި ޒުވާނާއާ ދިމާލަށެވެ. ބޭއިހުތިޔާރުގައި ސާނިޔާއަށް ކޮޅަށް ތެދުވެވުނެވެ. ސާނިޔާގެ ވާހަކަ ހުއްޓުމުން ހަސްނާ ސާނިޔާއަށް ބަލާލިއެވެ. އަދި ކުރިމަތިން ހިނގަމުން އައި ޒުވާނާއަށް ބަލާލިއެވެ.

"އައްސަލާމް އަލައިކުމް." އެ ޒުވާނާ ސަލާމްކޮށްލުމަށް އަތް ދިއްކޮށްލީ ސާނިޔާއަށެވެ. ސާނިޔާ ހުރީ ތަނެއް ގުޑުވާލަން ވެސް ނޭނގިފައެވެ. ހަސްނާ ސާނިޔާގެ ކޮނޑުގައި ޖަހާލިއެވެ. ސާނިޔާ ސިއްސައިގެން ދިޔައެވެ. އަދި އަވަސް އަވަހަށް ސަލާންކޮށްލިއެވެ.

"މިއީ އަހަރެންގެ ރައްޓެއްސެއް. ނަމަކީ ސާނިޔާ،" ހަސްނާ ވާހަކަ ދެއްކިއެވެ.

"އެހެންތަ؟ ވަރަށް ރީތި ނަމެއް. އަހަރެންނަކީ ތޯރިގު." ޒުވާނާއަށް ކިޔާ ނަން އެނގުމުން ސާނިޔާ އުފާވިއެވެ.

"މިއީ އަހަރެންގެ ތިއްތިބެ. އަހަރެންނާ ދެބެންގެ ދެދަރި." ސާނިޔާއަށް ހަސްނާ ކިޔާދިނެވެ. ސާނިޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ލަދުގަތުމުގެ އިތުރަށް އުފާ ވެސް ވެފައެވެ. ސާނިޔާ ހިތަށް އެރިއެވެ. ނަސީބު އައިސް އަތުގައި ހިފީއެވެ. ތޯރިގަކީ މާލޭ މީހެކެވެ.

އިތުރު އެއްޗެއް ނުބުނެ ތޯރިގު އެތަނުން ދިޔައެވެ. ސާނިޔާ ބޭނުންވީ ތޯރިގާ ބެހޭ އިތުރު މައުލޫމާތެވެ. ނަމަވެސް ކުއްލިއަކަށް ހަސްނާ ގާތުގައި އެ ކަހަލަ ވާހަކައެއް ދެއްކުމުން އެ ދެމެދުގައި އޮތް ރައްޓެހިކަމަށް ހުރަހެއް އެޅިދާނެއެވެ. ސާނިޔާގެ ހިތް ބުނަމުން ދިޔައީ އަވަސް ކުރުމަށެވެ. ތިއޮތީ ބުޅީގައި ގަނެފައި ކަމަށެވެ. ލަސް ނުވަނީސް ނަގާށެވެ. ނަމަވެސް ސިކުނޑި ލަފާ ދެމުން ދިޔައީ އަދި މަޑު ކުރުމަށެވެ. ކެތްތެރި ވުމަށެވެ.

"އޭތް. އަހަރެން އަދި ހަނދާންނެތިފައި މި ހުރީ. މިރޭ މިއުޅެނީ އަހަރެން ބޭރަށް ދާން ފުރަން. ބުނީމެއްނު ކޯސް ނިންމާފައި ބޭރަށް ދާ ވާހަކަ ދޯ!" ހަސްނާ ބުންޏެވެ.

"ދެން އަހަރެން އެގޭގައި ހުރުމުގެ ކަންތައް؟" ސާނިޔާ ސުވާލު އުފެއްދިއެވެ.

"ހިނގާ މިވަގުތު އެގެއަށް ދާން. ދެ މީހުން ގޮސް ވާހަކަ ދައްކާލީމައި ހަމަޖެހިދާނެހެން ހީވަނީ." ހަސްނާގެ ބަހަށް ސާނިޔާ އެއްބަސް ވިއެވެ.

ހީކުރި ވަރަށް ވުރެ ފަސޭހައިން އެގޭގައި ހުރެވޭ ގޮތް ހަމަޖެހުނެވެ. އުނދަގޫވީ މަންނާނުމެން ގާތުގައި އެ ވާހަކަ ބުނާނެ ގޮތެކެވެ. ނަމަވެސް ލުއި ގޮތަކަށް ވާހަކައެއް ހަދާލީއެވެ. ވަޒީފާއެއް ލިބުނުކަމާއި އެތަނާ ކައިރި ގެއެއްގައި ހުރުމުން ފަސޭހަވާނެ ކަމަށް ބުނަމުންނެވެ. ސިޓީއެއްގައި ލިޔެފައި އެކަން، ހާރޫނާއި ހަދީޖާއަށް ވެސް އެންގީ ސާނިޔާއެވެ. ބޭނުންވީ އަވަސް ކުރާށެވެ. ތޯރިގު ގިނައިން ފެނި އެކުވެރިކަން ބަދަހި ވާށެވެ. އަދި އެކުވެރިކަން ކައިވެންޏަށް ބަދަލު ކުރާށެވެ. ސާނިޔާގެ ހަރަކާތްތައް އަވަސް ވިއެވެ. ޖެހިގެން އައި ދުވަހު އެގެއަށް ބަދަލުވިއެވެ.

އެ ގޭގައި މާގިނަ މީހުންނެއް ނޫޅެއެވެ. އުޅެނީ އަންހެނަކާއި އޭނާގެ ދެ ދަރިންނެވެ. އެއީ ނަސްރީނާއެވެ. ނަސްރީނާއަކީ ވަރަށް ހިތްހެޔޮ މީހެކެވެ. މީރުކޮށް ކައްކާ ހީވާގި، ގެވެހި މީހެކެވެ. ނަސްރީނާގެ ހުންނަނީ ދެ އަންހެން ކުދިންނެވެ. ދެ ކުދިން ވެސް އަދި ކުޑައެވެ. އެއް ކުއްޖަކަށް ހަތް އަހަރެވެ. އަނެއް ކުއްޖަކަށް ތިން އަހަރެވެ. ނަސްރީނާގެ ފިރިމީހާ އުޅެނީ ބޯޓް ދަތުރު ކުރާށެވެ. ދިރިއުޅޭ ގެއަކީ މައިންބަފައިންގެ ގެއިން ބަހާފައި ލިބުނު ބައެވެ. ގޭތެރެ ތަނަވަސް ވެފައި ހިތްގައިމެވެ. ތަރުތީބުވެފައި ސާފުތާހިރެވެ.

އެ ގެއަށް ބަދަލުވިތާ ދެތިން ދުވަސް ތެރޭގައި ސާނިޔާއަށް ވަޒީފާއެއް ލިބުނެވެ. އޮފީހެއްގައި ރިސެޕްޝަނުގައި އިންނާށެވެ. ގަޑި މަދުވެފައި މަސައްކަތް ލުޔެވެ. މުސާރައާ ދޭތެރޭގައި ވެސް ހިތްހަމަޖެހުނެވެ. ހުރިހާ ކަމެއް ދަނީ ސާނިޔާ އެންމެ ބޭނުންވާ ގޮތަށެވެ. އެކަމާ ސާނިޔާ އުފާވިއެވެ. ހީކުރީ މިއީ އެންމެ މޮޅު ގޮތް ކަމަށެވެ.

އެއް ދުވަހެއްގެ ހަވީރެވެ. އޮފީސް ނިންމާފައި ގެއަށް ދާން ނުކުތެވެ. އެ ވަގުތު ވާރޭ ވެހެން ފެށިއެވެ. ހަމަ ކުއްލިއަކަށެވެ. ވަރަށް ބޯކޮށެވެ. އެކި ދިމަދިމާލަށް ސާނިޔާ ބެލިއެވެ. ހިޔާވާނެ ތަނެއް ސާނިޔާއަށް ނުފެނުނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި މީހާ އެއްކޮށް ތެންމާލިއެވެ. ސާނިޔާއަށް މަތި ބަލާލެވުނީ ވާރޭގެ އިހުސާސް ނުވުމުންނެވެ. ބޯމަތިން ފެނުނީ ކުޑައެކެވެ. ފަހަތް ބަލާލި އިރު ހުރީ ތޯރިގެވެ. ސާނިޔާއަށް ކުޑައިގެ ހިޔާވަހިކަން ދިނީ ތޯރިގެވެ. ސާނިޔާ ހިނިތުންވެލިއެވެ. ތޯރިގު ވެސް ކުޑަ ދަަށަށް ވަނުމަށް ސާނިޔާ އެދުނެވެ. ދެ މީހުން އެކުގައި ހިނގަމުން ދިޔަ އިރު މާ ގިނަ ވާހަކައެއް ނުދައްކައެވެ. ނަމަވެސް ސާނިޔާގެ ހިތުގައި ހިޔާލު ހިނގަމުން ދިޔައީ ތޯރިގުއާ އިތުރަށް ގުޅުން ބަދަހިކޮށް އެ ގުޅުން އާ ހަރުފަތަކަށް ގެންދިޔުމަށެވެ.

ދުވަސްތައް ހަފުތާތަކަށް ބަދަލުވަމުން ދެއެވެ. ސާނިޔާ އާއި ތޯރިގުގެ ގުޅުން ސާނިޔާ ބޭނުންވާ ގޮތަށް ދިޔައެވެ. ބައްދަލުވުންތައް ގިނަވާން ފެށިއެވެ. އެންމެ ފަހުން ކެތްނުވެގެން ސާނިޔާގެ އެދުން ހުށައެޅިއެވެ.

"ތޯރިގު. ހިނގާ އަވަހަށް ކައިވެނި ކުރަން. މިހެން އަބަދު ނޫޅެވޭނެއެއްނު." ސާނިޔާ އާއި ތޯރިގު ތިބީ މާލޭގެ ޕާކެއްގައެވެ.

"އަހަރެން ވެސް ބޭނުން ވަނީ ތި ގޮތް،" ސާނިޔާގެ އަތުގައި ހިފާލަމުން ތޯރިގު ބުންޏެވެ. ސާނިޔާގެ ހިތް ނަގާފައި ދެއްކޭނަމައޭ އެ ވަގުތު ސާނިޔާ ހިތަށް އެރިއެވެ. ވީ އުފަލެއްގެ ބޮޑު ކަމުންނެވެ.

"އަސްލު ވެސް؟ މިއީ އަނެއްކާ ހުވަފެނެއްތަ؟" ސާނިޔާ އިނގިލީގައި ދަތް އަޅާލަމުން ބުންޏެވެ. "އައްދޯތް! ހަމަ އަސްލު ދޯ؟"

އެރޭގެ ބައްދަލުވުމަށް ފަހު ސާނިޔާއަށް ކެތްކުރަން އުނދަގޫ ވެއްޖެއެވެ. ތޯރިގުއާ ކައިވެނި ކުރުމަށް ހިތް އަވަސް ވާން ފެށިއެވެ. އެކުގައި ވަގުތު ހޭދަކުރުމާއި މުނިފޫހިފިލުވުމަށް ތޯރިގަކީ އެއްވަނައެވެ. އާންމު މައުލޫމާތު ވެސް މުއްސަންޖެވެ. އެނގޭ ތަންތަނާއި ކަންކަމަކީ ހަޔާތަށް ދިރުން ގެނެސްދޭ ކަހަލަ ކަމުދާ ސިފަތަކެވެ. ބައެއް މީހުންނަކީ ސިފައަށް ބަލާފައި ހަގީގަތް ބުނަން ނޭނގޭ ކަހަލަ މީހުންނެވެ. އެކަމަކު ސާނިޔާ ހިތުން ސާނިޔާއަށް ތޯރިގު ދަސްވެފައިވަނީ އަލިފުން ޔާއަށެވެ. އެއީ ކުށްހީ އަކަށް ވެދާނެ ހެއްޔެވެ؟

- ނުނިމޭ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް