އެމްޑީޕީގެ ޗެއާޕާސަންގެ ރޭހުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ކ) އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ.

ޖަވާބު ނުދެވުނު ބޮޑު 2 ސުވާލު؛ ދެން އެމްޑީޕީގެ ކުރިމަގު

ގިނަ ބަޔަކު އުފައްދާ ސުވާލަކީ ބަލިވާ ފެކްޝަނަކަށް އެމްޑީޕީގެ އެތެރޭގައި ވާނީ ކިހިނެއް ހެއްޔެވެ؟ ނޫނީ ދެން އެމްޑީޕީއަށް ވާނީ ކިހިނެއް ހެއްޔެވެ؟

ފޯރިގަދަ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ނުކުމެވަޑަައިގެން ތިއްބެވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ފުރަތަމަ ބަހުސްގައި ރޭ އެ ދެ ބޭފުޅުންނާ ކުރިމަތިވި އެންމެ ބޮޑު އިމްތިހާނަކީ އާނއެކޭ ނުވަތަ ނޫނެކޭ ބުނެ ޖަވާބު ދޭން ޖެހުނު ސުވާލުތަކެވެ. އެމްޑީޕީގެ އެތެރޭގައި ހުރި އެންމެ ހައްސާސީ މައްސަތަކާ މެދު ދެ ކެންޑިޑޭޓުން ދެކޭ ގޮތް އެންމެ ލަފްޒަކުން ވަރަށް ސާދާކޮށް ވިދާޅުވާން ޖެހިވަޑައިގަތުމުގެ ޕްރެޝަރާ އެ ބޭފުޅުންނާ ކުރިމަތިވި އެވެ. އެގޮތުން، ދެ ކެންޑިޑޭޓުންނާ ވެސް ކުރިމަތި ކުރި ސުވާލުތަކަކީ:

  • 1-

    އިންތިހާބުން ބަލިވެއްޖެ ނަމަ ޕާޓީގައި ދެމިހުންނަވާނަންތޯ؟

  • 2-

    އިންތިހާބަށް ފަހު ޕާޓީގެ ތެރެއިން އިތުރު ޕާޓީއެއް އުފެދިދާނެތޯ؟

  • 3-

    ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ އިތުރު ދައުރެއްގެ ޓިކެޓް ދިނުމަށް ތާއީދުތޯ؟

  • 4-

    އެމްޑީޕީ އެކަނި ނުކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެތޯ؟

އާނއެކޭ ނުވަތަ ނޫނެކޭ ބުނަން ޖެހޭ މި ހަތަރު ސުވާލަށް ޖަވާބު ދޭން އެންމެ އުނދަގޫވި ކެންޑިޑޭޓަކަށް ވީ އިމްތިޔާޒު ފަހުމީ އެވެ. އިންތިހާބުގައި ބަލިވެއްޖެ ނަމަ ޕާޓީގައި ދެމި ހުންނަވާނަންތޯ ޕްރެޒެންޓަރު ކުރި ސުވާލަށް އިމްތިޔާޒު ހިޔާރު ކުރެއްވީ ސީދާ ޖަވާބެއް ނުދެއްވުމަށެވެ. ސީދާ ސުވާލަށް ޖަވާބު ނުދެއްވާ ވިދާޅުވީ، "އިރާދަކުރެއްވިޔާ ބަލި ނުވާނެ" ކަމަށެވެ. 

ނަމަވެސް، ޔަގީންކަމާ އެކު ފައްޔާޒު ވިދާޅުވީ؛ "ބަލި ވިޔަސް މޮޅުވިޔަސް ޕާޓީގައި ހުންނާނަން" ކަމަށެވެ.

ދެން އިމްތިޔާޒަށް ސީދާ ޖަވާބެއް ނުދެއްވުނު ސުވާލަކަށް ވީ "ރައީސް ސޯލިހަށް އިތުރު ދައުރަކަށް ޓިކެޓް ދިނުމަށް ތާއީދު ކުރަންތޯ؟" ބުނެ ކުރި ސުވާލެވެ. އެ ސުވާލަށް އިމްތިޔާޒު ދެއްވީ ނުސީދާ ދިގު ޖަވާބެކެވެ. އޭނާ ވިދާޅުވީ، "ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތަށް އޮންނާނީ ޕްރައިމަރީއެއް" ކަމަށެވެ. އާނއެކޭ ނުވަތަ ނޫނެކޭ ބުނުމަށް ޕްރެޒެންޓަރު ތަކުރާރުކޮށް އިމްތިޔާޒަށް ސުވާލު އަމާޒުކުރެއްވި ނަމަވެސް ހަމަ ތަކުރާރު ކުރެއްވީ އެ ޖަވާބެވެ. އޭނާ ވިދާޅުވީ، "އޮންނާނީ ޕްރައިމަރީއެއް" ކަމަށެވެ. ސީދާ ރައީސް ސޯލިހަށް ތާއީދު ކުރައްވާ ކަމަށް ނުވަތަ ނުކުރައްވާ ކަމަށް ވެސް ވިދާޅުވާން އިމްތިޔާޒަށް ކެރިވަޑައެއް ނުގަތެވެ.

ނަމަވެސް، އެ ސުވާލަށް ފައްޔާޒު އަޑަށް ބާރު ލައްވާ ވިދާޅުވީ، "ގަދަކޮށް ތާއީދު ކުރަން" ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބެއްގައި ވާދަވެރިކަމާއި ފޯރި ގަދަނުވާހާ ބޮޑަށް މިފަހަރުގެ މި އިންތިހާބުގައި ފޯރިގަދަވެފައި ވާއިރު، އިންތިހާބަށް ފަހު އެމްޑީޕީއަށް ދެން ވާނެ ގޮތަކާ މެދު އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ރައީސް ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ދެފަޅިއަކަށް ބައިވެ، އުދާސްތައް ޕާޓީ ތެރޭގައި ބޮޑުވެފައި ވާއިރު، އެމްޑީޕީގެ އެތެރޭގެ ބަދަހިކަން ހިފެހެއްޓިދާނެތޯ އެއީ ކުރިމަތީ އޮތް ސުވާލެކެވެ.

އިމްތިޔާޒު ސީދާ ޖަވާބެއް ނުދެއްވި ދެ ސުވާލުން ވެސް ދެ ފެކްޝަންގެ ކޯޅުން ބޮޑުވެ ދުރުވެފައިވާ މިންވަރު ހާމަވެ އެވެ. އިމްތިޔާޒަށް ސީދާ ޖަވާބު ނުދެއްވުނު ސުވާލުތަކަކީ އެމްޑީޕީގެ އެތެރޭގައި ނަޝީދުގެ ހިޔާލު ނޫން ދެވަނަ ހިޔާލެއް އުފަންވެ، ފެކްޝަން އުފެދެން ޖެހުނު ސަބަބުތަކެވެ. އެ ސަބަބުތަކާ ހެދި އެމްޑީޕީގެ ކުރިމަތީގައި އޮތީ ބޮޑު އިމްތިހާނެކެވެ.

ޕާޓީއަށް ދެން ވާނެ ގޮތުގެ ސުވާލު

އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ޕާޓީގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން އިމްތިޔާޒަކަށް ނުދެއްވުނެވެ. އަދި ރިޔާސީ ރޭހުގައި އިމްތިޔާޒުގެ ތާއީދު އެމްޑީޕީއަށް ނިސްބަވްތާ ރައީސް ސޯލިހަށް ނޯންނާނެކަން ރޭގެ ޖަވާބުން ގާތްގަނޑަކަށް ސާފުވެއްޖެ އެވެ. 

މި ހިސާބުން ގިނަ ބަޔަކު އުފައްދާ ސުވާލަކީ ބަލިވާ ފެކްޝަނަކަށް އެމްޑީޕީގެ އެތެރޭގައި ވާނީ ކިހިނެއް ހެއްޔެވެ؟ ނޫނީ ދެން އެމްޑީޕީއަށް ވާނީ ކިހިނެއް ހެއްޔެވެ؟ 

އެކަމަކު އެމްޑީޕީގެ ގިނަ ބޭފުޅުންގެ ނަޒަރުގައި ކޮންމެ ބަޔަކު މޮޅުވިޔަސް އަނެއް ބަޔަކު އެމްޑީޕީ ދޫކޮށްލާފައި ނުދާނެ އެވެ. 

އިމްތިޔާޒު ފަހުމީގެ ކެމްޕޭންގެ ތަރުޖަމާނު، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވި ގޮތުގައި، ކޮންމެ ހާލެއްގައި ވިޔަސް އެމްޑީޕީ ދޫކޮށް ނުދާނެ ބޭފުޅަކީ އިމްތިޔާޒު ފަހުމީ އެވެ. އެކަމާ ޝައްކު ކުރާނެ ކުޑަވަރެއްގެ ޖާގައެއް ވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ވަހީދު ދެކެވަޑައިގަންނަވާ ގޮތުގައި، ޕާޓީގައި ދެމި ހުންނަވާނެ ކަމާ މެދު އިމްތިޔާޒާ ކުރި ސުވާލާ ސީދާ ޖަވާބެއް ދޭން ޖެހޭ ވަރަށް ވުރެ އެމްޑީޕީގެ މެންބަރުން އިމްތިޔާޒަށް ކުރާ އިތުބާރު ބޮޑެވެ. އެހެންވެ، އެންމެ ލަފްޒަކުން އިމްތިޔާޒު އެ ޔަގީންކަން އާންމު ޓީވީގައި ކޮންމެހެން ދޭން ނުޖެހޭނީ އެވެ. އެކަމަކު، އޭގެ ބަދަލުގައި ވަހީދު ވިދާޅުވީ އިމްތިޔާޒު ބަލި ނުވާނެކަމުގެ ޔަގީންކަން އޭނާ އާއި ޓީމަށް ވަރަށް ބޮޑެވެ. ރާއްޖޭގެ އެކި ސަރަހައްދުން 5،000 ގޭބިސީއަށް ޒިޔާރަތް ކުރެވުނު އިރު، ފެނުނީ އިމްތިޔާޒު ބޮޑުތަނުން ހޮވޭ ތަން ކަމަށް ވަހީދު ވިދާޅުވި އެވެ.

"ޝައްކެއް ނެތް އިމްތިޔާޒު ހޮވޭނޭ. އެއީ ޔަގީންކަން އޮތް ކަމެއް. އެ ވަރުގެ ތާއީދެއް އެބައޮތް. ދެން ޕާޓީން ދާނީކީ އިމްތިޔާޒެއް ނޫން. އެކަން މީގައި ކުރިން ވެސް ކޮށްފައި ތިބި މީހުން އެ ޒާތު ކަންކަން ކުރާނީ،" ވަހީދު ވިދާޅުވި އެވެ.

"މޮޅުވާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން މި ދެނީ."

ރޭގެ ބަހުސްގައި، އިންތިހާބަށް ފަހު އެމްޑީޕީގެ ތެރެއިން އިތުރު ޕާޓީއެއް އުފެދިދާނެތޯ ކުރި ސުވާލަށް އިމްތިޔާޒު ވެސް އަދި ފައްޔާޒުވެސް ވިދާޅުވީ "އެކަން އެގޮތަށް ނުވާނެ" ކަމަށެވެ. ދެ ކެންޑިޑޭޓުން ވެސް ޔަގީންކަން ދެއްވީ އެ ފުރުސަތު ދެއްވަން އެ ބޭފުޅުން ބޭނުން ނުވާ ކަމަށެވެ.

ފައްޔާޒަށް ތާއީދު ކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރަކު، ނަން ނުޖަހާ ގޮތަށް ވިދާޅުވި ގޮތުގައި، އިމްތިޔާޒު ޕާޓީގައި ހުންނަވާނެ ކަމާ މެދު ސީދާ ޖަވާބެއް ނުދެއްވުމުން އެކަމުން އޭނާއަށް ހައިރާންކަން ލިބުނެވެ. ބަލިވެއްޖެ ނަމަ ސިޔާސީ ގޮތުން އިމްތިޔާޒު ނުވަތަ އޭނާގެ ޓީމް ހިންގަވާނެ މަގަކީ ކޮބައިކަން މިހާރު ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ ބޭފުޅާ ވެސް ވިދާޅުވީ އެމްޑީޕީ ދޫކޮށްފައި ގޮސް ސިޔާސީ ގޮތުން އަރާނެ ވަކި ގޮޅިއެއް ނެތެވެ.

"ރީތި ކަމެއް ވެސް ނޫން ޕާޓީ ދޫކޮށްފައި ދިއުމަކީ ވެސް. އެހެންވެ، އަޅުގަނޑަކަށް ވެސް ހިއެއް ނުވޭ ޕާޓީ ދޫކޮށްފައި އެ ބޭފުޅުން ވެސް ދާނޭ ހެންނެއް. މި ޕާޓީ ހަމަ މި ގޮތުގައި އޮންނާނެ. ދެން ވަކި ދާނެ ތަނެއް ވެސް ކޮބައިތޯ،" އެ މެންބަރު ވިދާޅުވި އެވެ.

އެހެން މެންބަރަކު ވިދާޅުވި ގޮތުގައި، ފައްޔާޒު މޮޅުވެއްޖެ ނަމަ ނަޝީދާއި އެ ބޭފުޅާއަށް ތާއީދުކުރައްވާ ބޭފުޅުން ވެސް ދެން މަސައްކަތް ކުރައްވާނީ ޕާޓީގެ ތެރެއިން އެ ބޭފުޅުންގެ ކޮޅު ގަދަކުރެވޭތޯ އެވެ. އެކަމަކު އަދި އެ ގޮތަކީ ކޮބައިކަން އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. އެކަން ސާފުވާން ފަށާނީ ހޮނިހިރު ދުވަހުގެ ފަހުންނެވެ.

މެންބަރު ވަހީދު ވިދާޅުވީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮންނަނީ ފަލްސަފާތަކެއްގެ މައްޗަށެވެ. އެ ފަލްސަފާތައް އޭގެ ފުރިހަމަ ގޮތުގައި ގަބޫލު ކުރާ ކެންޑިޑޭޓަކީ އިމްތިޔާޒެވެ. އެހެންވެ، ޕާޓީގެ ބަދަހިކަން ދެމެހެއްޓޭނީ އިމްތިޔާޒު ހޮވިގެން ކަމަށް ވަހީދު ވިދާޅުވި އެވެ.

ނަމަވެސް ފައްޔާޒު ވެސް ވިދާޅުވަނީ އޭނާ ނުކުމެ ހުރީ ހިޔާލުތަފާތުވާ މީހުން ޕާާޓީން ބޭރުކޮށްލުމުގައި އެމްޑީޕީން މިހާތަނަށް ގެންގުޅެފައިވާ ފަލްސަފާއާ ދެކޮޅަށް ކަމަށެވެ. ހުރިހާ މެންބަރުން ގޮވައިގެން، ޕާޓީއައިގެން ކުރިއަށް ގޮސް، އެމްޑީޕީއަށް ސިޔާސީ ގޮތުން ކާމިޔާބީތައް ހޯދައިދިނުމުގެ ވައުދު ފައްޔާޒުގެ ވެސް އެބަ އޮތެވެ. ދެ ކެންޑިޑޭޓުން ވެސް ވިދާޅުވަނީ  ޕާޓީ އެއްބައިކުރާނެ އެކަމަށެވެ.

ހުރިހާ ވެސް ހޫނަކީ ރިޔާސީ ރޭސް

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ފޯރި މިހާ ގަދަވުމުގެ އަސްލަކީ ރިޔާސީ ރޭހަށް ނަޝީދާއި ރައީސް ސޯލިހު ވެސް ފައި ނަންގަވައިގެން ތިއްބެވުމެވެ. ދެ ފެކްޝަނެއް އުފެދި، ދެ ފަރާތުގެ ހިޔާލު ތަފާތުވާ ބޮޑެތި މައްސަލަތައް ވެސް ގުޅެނީ އެ މައްސަލައާ އެވެ. ރިޔާސީ ދެ ވަނަ ދައުރަކަށް ފައްޔާޒުގެ ތާއީދު ސީދާ އޮތީ ރައީސް ސޯލިހަށެވެ. އެކަމަކު އިމްތިޔާޒުގެ ތާއީދު އެ ގޮތަކަށް ނެތެވެ. އެކަމާ ހުރެ ޔަގީންވާ ކަމަކީ އަސްލު ޗެއާޕާސަން ރޭހުގެ ވާދަވެރިކަން ބޮޑުވަނީ ވެސް އެ ހިސާބުން ކަމެވެ. މިއީ ދެ ރައީސުންގެ ރޭހެކެވެ.

ރޭގެ ބަހުސުން ފާހަގަވި ގޮތުގައި، ދެ ކެންޑިޑޭޓުންގެ ހިޔާލު ތަފާތުވުން ބޮޑުވެފައިވާ މައްސަލައަކީ ވެެސް ރައީސް ސޯލިހަށް ރިޔާސީ ދެ ވަނަ ދައުރަކަށް ޓިކެޓް ދިނުމާ މެދު ދެ ބޭފުޅުންގެ ވިސްނުމެވެ. އަދި އެމްޑީޕީ އެކަނި އިންތިހާބަކަށް ނުކުމެ ކާމިޔާބު ކުރެވޭނެ ކަމާ މެދު އޮންނަ ހިލާފެވެ.

ނަޝީދު ގަބޫލު ކުރައްވަނީ ކޯލިޝަން ސަރުކާރަކާ ދުރުވެ އެމްޑީޕީ އެކަނި އިންތިހާބަށް ނުކުންނަން ޖެހޭ ކަމަށެވެ. އެކަމަކު ރައީސް ސޯލިހުގެ ވިސްނުމަކީ އެންމެން ގޮވައިގެން ގުޅިގެން އަނެއްކާ ވެސް އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯދުމެވެ. އެމްޑީޕީ އެކަނި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެތޯ ކުރި ސުވާލަށް ފައްޔާޒު ވިދާޅުވަނީ އެ ކަމަށް އަދި ޕާޓީ ތައްޔާރު ނޫން ކަމަށެވެ. ނަމަވެސް އިމްތިޔާޒު ގަބޫލުކުރައްވަނީ އެމްޑީޕީ އެކަނި ނުކުމެ ކާމިޔާބު ހޯދޭނެ ކަމަށެވެ.

ބަރުލަމާނީ ނިޒާމަށް އިމްތިޔާޒު ތާއީދު ކުރައްވާ އިރު، ފައްޔާޒު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އޭނާ ވެސް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް ރާއްޖެއަށް އެ ނިޒާމު ގެންނަން އޭނާއަށް ތާއީދު ނުކުރެއްވޭ ކަމަށެވެ. ރައީސް ސޯލިހަށް ތާއީދު ކުރައްވާ ގިނަ ބޭފުޅުން ގަބޫލުކުރައްވަނީ ނިޒާމު ބަދަލުކުރުމުގެ ވާހަކަ ނަޝީދު އިސްނަންގަވައިގެން ފެއްޓެވުމުގެ ބޭނުމަކީ އެ މަނިކުފާނުގެ ބާރުތައް ނެންގެވުމެވެ. އެހެންވެ ރައީސް ސޯލިހުގެ ފެކްޝަންގެ ބޭފުޅުން ނަޝީދުގެ ބަރުލަމާނީ ހިޔާލަށް ތާއީދު ނުކުރައްވަނީ އެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހުރިހާ ހޫނަކާއި އުދާހަކާއި ބަހުސްތައް ހަގީގަތުގައި ގުޅިފައި ވަނީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ ރޭހާ އެވެ. ދެ ވަނަ ދައުރެއް ރައީސް ސޯލިހު ބޭނުންފުޅުވުމެވެ. އެކަމަކު ނަޝީދު ވެސް ހަމަ އެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަން ބޭނުންފުޅުވެ އެވެ. އެހެންވެ، ޗެއާޕާސަން އިންތިހާބާ ހަމައިން ވެސް ހަގީގަތުގައި މި ފެންނަނީ އެ ވާދަވެރިކަމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް