ކ. މާފުށީގައި ހުންނަ ޖަލުގެ ހައި ސެކިއުރިޓީ ގޮޅިތަކުގެ ހާލަތު ބައްލަވާލެއްވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނޮވެމްބަރު 2020ގައި އެ ތަނަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން. (ފައިލް ފޮޓޯ/ކަރެކްޝަންސް)

ރާއްޖެ-އދ

ޖަލުތަކުގެ ހާލަތު ބަލަން އދ.ގެ އިސް ވަފުދެއް ރާއްޖެއަށް

އެ ވަފުދުން، ޖަލުތަކާއި ފުލުހުންގެ ސްޓޭޝަންތަކުގެ އިތުރުން، ކުޑަކުދިންނާއި ބިދޭސީން އަދި އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިތިއްބާ މަރުކަޒުތަކަށް ވެސް ޒިޔާރަތްކުރާނެ
26 ނޮވެމްބަރު 2021

ރާއްޖޭގެ ޖަލުތަކާއި މީހުން ބަންދުކޮށްފައި ތިބޭ އެ ނޫން ވެސް ތަންތަނުގެ ހާލަތު ވަޒަންކުރުމަށް އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ވަފުދެއް އަންނަ ހަފްތާގައި ރާއްޖެއަށް ރަސްމީ ދަތުރެއް ކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ހައި ކޮމިޝަނަރުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ވޯކިން ގްރޫޕުގެ ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދަކުން ރާއްޖެއަށް ޒިޔާރަތް ކުރާނީ އަންނަ ހޯމަ ދުވަހުން ފެށިގެން އަންނަ މަހުގެ 9އަށް ކަމަށެވެ.

ތަފްސީލް - މި ދަތުރުގައި، މާލެ އާއި އެހެން ބައެއް ރަށްރަށަށް ވަޑައިގެން:

  • 1-

    ސަރުކާރާއި އަމިއްލަ ޖަމިއްޔާތައް އަދި އެ ނޫން ވެސް ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކާ ބައްދަލުކުރައްވާނެ

  • 2-

    ޖަލުތަކަށް ޒިޔާރަތްކުރައްވާނެ

  • 3-

    ފުލުހުންގެ މަރުކަޒުތަކަށް ވަޑައިގަންނަވާނެ

  • 4-

    ކުޑަކުދިންނާއި ބިދޭސީން އަދި އެކި ކަހަލަ ނުކުޅުންތެރިކަން ހުންނަ މީހުން ބައިތިއްބާ މަރުކަޒުތަކުގެ ހާލަތު ބައްލަވާނެ

ބުނީ ކީކޭ؟ - ވަފުދުގެ ބޭފުޅުންނަށް އެ ތަންތަނުން ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް ތަައްޔާރުކޮށްފައިވާ ވަގުތީ އެސެސްމަންޓެއް، އަންނަ މަހުގެ 9ގައި މާލޭގެ މާގިރި ހޮޓަލުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިއްސާކުރައްވާނެ ކަމަށް އެ އޮފީހުން ބުންޏެވެ. 

"ފުރިހަމަ ރިޕޯޓް ހުށަހަޅާނީ ސެޕްޓެމްބަރު 2022ގައި ބާއްވާ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކައުންސިލްގެ ބައްދަލުވުމުގައި،" ޖެނީވާގައި ހުންނަ އެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

ފުލުހުން މާލޭ މަގުމަތީގައި ހަރަކާތްތެރިވަނީ: އދ.ގެ ވަފުދުން ފުލުހުންގެ މަރުކަޒުތަކަށް ވެސް ޒިޔާރަތްކުރާނެ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެނގުން މުހިންމު - ގާނޫނާ ހިލާފަށް މީހުންގެ މިނިވަންކަން ނަގާލުމާ ގުޅުންހުރި މައްސަލަތައް ބެލުމަށް އދ. އިން އުފައްދާފައިވާ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު ހައްޔަރުކޮށްފައި ތިބި ރާއްޖޭގެ ސިޔާސީ ބައެއް ލީޑަރުންގެ މައްސަލަތައް ވެސް ބަލާފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމުގެ މައްސަލަ ވެސް ހިމެނެ އެވެ.

ގުޅުންހުރި ކަމެއް - ޖަލުތަކާއި މީހުން ބަންދުކުރާ އެހެނިހެން ތަންތަނުގެ ހާލަތު ބައްލަވަން އދ.ގެ އިސް ބޭފުޅުންތަކެއް ރާއްޖެ ވަޑައިގަންނަވާއިރު، ކުށް ކުރާ ކުޑަކުދިން ބަލަހައްޓަމުން ދިޔަ، ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވަނީ ކަނޑައަޅާފަ އެވެ.

ކުށް ކުރާ ކުޑަކުދިން ބައިތިއްބަން ހާއްސަކޮށް ހަދާ ޖަލުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމައި އެ ތަނުގައި ކުދިން ބައިތިއްބަން ފެށޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ ހަފްތާގައި ވިދާޅުވެފައިވެ އެވެ.

އިތުރަށް ކިޔާލަން  -

އިތުރު އާޓިކަލް

އިތުރު އާޓިކަލް