ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި ގައުމުތަކުގެ ތެރޭގައި ޖަޕާނު ހިމެނޭ. (ފޮޓޯ/ ގެޓީ އިމޭޖެސް)
ޖަޕާނުން 2 އަހަރަށް ފަހު ފަތުރުވެރިންނަށް ބޯޑަރު ހުޅުވާލައިފި
ކޮވިޑާ ގުޅިގެން ދެ އަހަރު ވަންދެން ބަންދުކޮށްފައި އޮތް ޖަޕާނުގެ ބޯޑަރުތައް 98 ގައުމަކާއި ސަރަހައްދެއްގެ ފަތުރުވެރިންނަށް އިއްޔެ ހުޅުވާލައިފި އެވެ.
މިއީ ކޮވިޑާ ގުޅިގެން ޖަޕާނަށް ފަތުރުވެރިން ވަނުން މަނާ ކުރުމަށް އެކުލަވާލި ގަވައިދަށް އެ ގައުމުގެ ސަރުކާރުން މިހާތަނަށް ދީފައިވާ އެންމެ ބޮޑު ލުޔެވެ. ނަމަވެސް މި ލުއިތަކާ އެކު ވެސް ޖަޕާނަށް ޓުއާ ގްރޫޕުތަކާ އެކު ވަނުން މަނާވާ ފަދަ ބައެއް ފިޔަވަޅުތަކަށް އަދި އަމަލުކުރަމުން ގެންދާނެ ކަމަށް ޖަޕާނުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި ގައުމުތަކުގެ ތެރޭގައި ޖަޕާނު ހިމެނޭ އިރު، ފަސްކުރި 2020ގެ ޓޯކިޔޯ އޮލިމްޕިކްސްއަށް ދަތުރުވެރިން އެ ގައުމަށް ވަނުން ވެސް ޖަޕާނުގެ ސަރުކާރުން މަނާކުރި އެވެ.
ކިޔަވާ ކުދިންނަށާއި ވިޔަފާރި ދަތުރުވެރިންނަށް ޖަޕާނަށް ވަނުމުގައި ޓޯކިޔޯގެ ސަރުކާރުން އޮތީ މިހާތަނަށް ލުއިތަކެއް ދީފަ އެވެ. އެގޮތުން، މިދިޔަ މާޗުގެ މެދު ތެރެއިން ފެށިގެން ބޭރުގެ ކިޔަވާ ކުދިންނަށް ޖަޕާނަށް އެތެރެވުމަށް ލުއި ދީފައި ވާއިރު، އަންނަ މަހުން ފެށިގެން މަހަކު 20،000 ބޭރުގެ ދަތުރުވެރިން ޖަޕާނަށް ވަނުމަށް ހުއްދަ ދިނުމަށް ވެސް ޖަޕާނުގެ ސަރުކާރުން ވަނީ ދާދި ފަހުން ނިންމާފަ އެވެ.
އަންނަ މަހުގެ 10 އިން ފެށިގެން ޓުއާ ގްރޫޕުތަކަށް ވެސް ޖަޕާނަށް ވަނުމުގެ ހުއްދަ އޮންނާނެ ކަމަށާއި، އެތެރެވާ ދަތުރުވެރިން ބަހާލާފައިވަނީ ރަތް، ރީނދޫ އަދި ނޫކުލައިގެ ތިން ކުލައިގެ ރިސްކަށް ކަމަށް ވެސް ޓޯކިޔޯގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެތެރެވާ ދަތުރުވެރިން ކަރަންޓީނުވުން ބިނާވެފައި އޮންނާނީ މި ކުލަތަކުގެ މައްޗަށް ބަލައިގެން ކަމަށް ޖަޕާނުގެ ހާރިޖީ ވުޒާރާ އިން ވަނީ ބުނެފަ އެވެ.
ބޯޑަރުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން 2020ގައި ޖަޕާނަށް އެތެރެވެފައިވާ ޓޫރިސްޓުންގެ އަދަދު %90 ދަށަށް ދިޔަ އެވެ. އަދި ސަރުކާރުން ބޯޑަރުތައް ހުޅުވާލަން ނިންމި ނިންމުމަށް އެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތުން ވަނީ މަރުހަބާ ކިޔާފަ އެވެ.
"ދެ އަހަރު ވަންދެން ޖަޕާނު ބަންދުކޮށްފައި އޮތް ނަމަވެސް ޖަޕާނަށް ޒިޔާރަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ގިނަ. އަހަރެންނަށް ޔަގީން ބޯޑަރުތައް ފުރިހަމައަށް ހުޅުވާލުމުން ބުކިންތައް ކުއްލިއަކަށް އިތުރުވާނެކަން،" އިންޓްރެޕިޑް ޓްރެވެލްގެ މެނޭޖިން ޑިރެކްޓަރު ޒިނާ ބެންޗެއިކް ވިދާޅުވި އެވެ.