އަފްގާނިސްތާނުގެ މަޒަރް-އީ-ޝަރީފްގައި ހުންނަ 'ދަ ސެހް ދޮކާން' މިސްކިތް. (ފޮޓޯ/ ގެޓީ އިމޭޖެސް)

އަފްގާނިސްތާން

އަފްގާނިސްތާނުގައި އަނެއްކާވެސް ބޮންތަކެއް ގޮއްވާލައިފި

ހަމަލާތުގެ ޒިންމާ އައިއެސް އިން ވަނީ ނަގާފައި

އަފްގާނިސްތާނުގައި އިއްޔެ ހަތަރު ބޮމެއް ގޮއްވާލައި އެތައް ބަޔަކު މަރައި އަދި ގިނަ އަދަދެއްގެ މީހުން ޒަހަމްކޮށްލާފައިވާ ކަމަށް އެގައުމުގެ ސަރަހައްދީ އޮފިޝަލުންނާއި ނޫސްވެރިން ބުނެފި އެވެ.

އިއްޔެގެ ފުރަތަމަ ހަމަލާ އަމާޒުކުރީ ޝީއީންގެ މިސްކިތެއް ކަމަށްވާ މަޒަރް-އީ-ޝަރީފް އަށެވެ.

މި ގޮއްވުންތަކުގައި މަދުވެގެން 31 މީހުން މަރުވެ 87 މީހަކަށް އަނިޔާވެފައިވާ ކަމަށް ބީބީސީން ވަނީ ރިޕޯޓްކޮށްފަ އެވެ.

މި ހަމަލާތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓް ގްރޫޕުން (އައިއެސް) އިން ވަނީ ނަގާފަ އެވެ.

އަފްގާނިސްތާނުގައި އައިއެސްގެ ނުފޫޒު ކަނޑުވާލާފައިވާ ކަމަށް ތާލިބާނުން ބުނެފައިވީ ނަމަވެސް، އެ ގްރޫޕު ވެފައި ވަނީ އަފްގާނިސްތާނުގެ ވެރިކަން މިފަހުން އަތުލައިގެންފައިވާ ތާލިބާނުންނަށް ބޮޑު ގޮންޖެހުމަކަށެވެ.

މިސްކިތަށް ދިން ހަމަލާގައި ބޭނުންކޮށްފައި ވަނީ ދުރުގައި ހުރެގެން ގޮއްވާލެވޭނެ ފަދަ ގޮވާތަކެތި އަޅާފައިވާ ދަބަހެއް ކަމަށް، ސުންނީ މުސްލިމުން ހިމެނޭ އައިއެސް އިން ވަނީ ބުނެފަ އެވެ. އަދި މިއީ އެ ގްރޫޕުގެ ލީޑަރާއި ތަރުޖަމާނު މަރާލުމާ ގުޅިގެން ހިންގަމުންދާ ބައިނަލްއަގްވާމީ ބަދަލުހިފުމުގެ ކެމްޕެއިނުގެ ބައެއް ކަމަށް ވެސް އައިއެސް އިން ބުންޏެވެ.

ސަރަހައްދީ އާންމު ސިއްހަތާ ބެހޭ އިދާރާގެ ތަރުޖަމާނު އަހްމަދު ޒިއާ ޒިންދާނީ އޭއެފްޕީ ނޫހަށް ވިދާޅުވިގޮތުގައި "މުޅި ހިސާބުގައި އޮތީ ލެޔާއި ބިރުވެރިކަމެވެ." އަދި ހަމަލާގައި އަނިޔާވި މީހުން ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދިޔައިރު އެމީހުންގެ ހަބަރު ހޯދުމަށް ހޮސްޕިޓަލަށް ދިޔަ ގާތްތިމާގެ "މީހުން ދިޔައީ ހަޅޭއްލަވަމުން" ކަމަށް ވެސް އޭނާ ސިފަކޮށްދެއްވި އެވެ.

ހަމަނުޖެހުންތަކާ ގުޅިގެން އަފްގާނިސްތާނުގެ އާބާދީގެ ތިންބައިކުޅަ އެއްބައި ވަނީ ބަނޑަށް ޖެހިފައި. (ވީޑިއޯ/ ބީބީސީ)

އައިއެސް އިން ވަނީ އިއްޔެ ކުންދޫޒް ސަރަހައްދުގެ ފުލުހުންގެ ސްޓޭޝަނެއް ކައިރިން އުޅަނދެއް ގޮއްވާލުމުގެ ޒިންމާ ވެސް ނަގާފަ އެވެ. އެ ހަމަލާގައި ހަތަރު މީހަކު މަރުވެ 18 މީހަކަށް އަނިޔާވި އެވެ.

އަދި އަފްގާނިސްތާނުގެ އިރުމަތީ ނަންގަހާރް ޕްރޮވިންސުގައި ބިމުގައި ވަޅުލާފައި އޮތް މައިނަކަށް އެރި ތާލިބާނުގެ ވެހިކަލެއް ވަނީ ގޮވާފަ އެވެ. މި ހާދިސާގައި ތާލިބާނުންގެ ހަތަރު މެމްބަރަކު މަރުވެ، އެކަކަށް އަނިޔާވި އެވެ.

ކުޑަ ދެ ކުއްޖަކު ޒަހަމްވި އިއްޔެގެ ހަތަރުވަނަ ހަމަލާ ދީފައި ވަނީ ކާބުލްގެ ނިއާޒް ބޭކެ ސަރަހައްދުގަ އެވެ.

އިއްޔެގެ ލޭއޮހޮރުވުންތައް ހިންގާފައި މިވަނީ ކާބުލްގެ ޝީއީން ގިނަ ސަރަހައްދެއްގައި ހުންނަ ސްކޫލެއްގައި އަންގާރަ ދުވަހު ދެ ބޮމެއް ގޮއްވާލާފައި ވަނިކޮށެވެ. އެ ހަމަލާތަކުގައި ހަ މީހަކު މަރުވެ، ވިއްސަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް