އެލް ސެލްވެޑޯގެ ގާނޫނު ހަދާ މަޖިލިސް

ގޭންގު މަރުތަކާ ގުޅިގެން އެލް ސެލްވެޑޯގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

އެލް ސެލްވެޑޯގައި ގޭންގުތަކަށް ނިސްބަތްވާ 70،000 މީހުން ތިބި ކަމަށް އެ ގައުމުގެ ސަރުކާރުން އަންދާޒާކުރޭ

ގޭންގު ހަމަނުޖެހުންތަކުގައި އެއް ދުވަހުގެ ތެރޭ އެތައް ބަޔަކު މަރުވުމާ ގުޅިގެން އެލް ސެލްވެޑޯގެ ޕާލިމަންޓުން އެ ގައުމުގައި ކުއްލި ނުރައްކަލު ހާލަތު އިއުލާނު ކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ހަމަނުޖެހުންތަކުގައި 62 މީހަކު މަރާލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިއީ އެލް ސެލްވެޑޯގެ ދާހިލީ ހަނގުރާމަ 1992 ވަނަ އަހަރު ނިމުނު ފަހުން 24 ގަޑިއިރު ތެރޭގައި އެ ގައުމުގައި އެންމެ ގިނަ މީހުން މަރާލި ދުވަހެވެ.

އެލް ސެލްވެޑޯގައި އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން، އެއްވެ އުޅުން މަނާވާނެ އެވެ. އަދި ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރާއި އެކި ފަރާތްތަކުގެ މެދުގައި ކުރެވޭ މުވާސަލާތުތައް ބެލުމުގެ ގާނޫނީ ބާރު ސަރުކާރުގެ އިދާރާތަކަށް ލިބެ އެވެ.

ގިނަ ގޭންގުތަކެއް އޮޕަރޭޓު ކުރާ އެލް ސެލްވެޑޯގައި މިދިޔަ އަހަރު އެކަނިވެސް 1،140 މީހަކު މަރާލާފައިވެ އެވެ. ނަމަވެސް މިއީ ފާއިތުވެދިޔަ 30 އަހަރުގެ އެންމެ ދަށް އަދަދެވެ.

މިދިޔަ ނޮވެމްބަރު މަހު ހިންގި ހަމަނުޖެހުންތަކެއްގައި ތިން ދުވަހުގެ ތެރޭ 40 މީހުން މަރާލާފައިވެ އެވެ.

އެލް ސެލްވެޑޯގެ ޕާލިމަންޓުން 30 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު ފާސްކުރުމުގެ ގަޑިއިރުތަކެއް ކުރިން ފުލުހުން ވަނީ އެ ގައުމުގެ މަރަ ސަލްވަތުރޫޗާ ގޭންގަށް ނިސްބަތްވާ ހަތަރު ބޮޑުން ހައްޔަރު ކޮށްފައިވާ ކަމަށް ބުނެފަ އެވެ.

"މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ގަތުލުތައް މިވަނީ އިތުރުވެފައި،" ކުށްތައް މަދުކުރާނެކަމުގެ ވައުދު ވެވަޑައިގެން 2019 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިންނެވި ރައީސް ނާޔިބް ބުކެލޭ ވިދާޅުވި އެވެ.

"ކުށްވެރިންނާއި އަހަރެމެން މަގުތަކުގައި ކުރިމަތިލަމުންދާއިރު، މިވަނީ ކީއް ކަމާއި، މިކަމަށް ފައިސާ ހަރަދުކުރާ ބައެއް ހޯދަން ޖެހޭ." 

އެލް ސެލްވެޑޯގައި ގޭންގުތަކަށް ނިސްބަތްވާ 70،000 މީހުން ތިބި ކަމަށް އެ ގައުމުގެ ވުޒާރާތަކުން އަންދާޒާ ކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް