ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ: އޭނާ ވިދާޅުވީ ލަންކާގައި އާ ސިޔާސީ ސަގާފަތެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށް.
ލަންކާގެ ރައީސް ކުޑަ ސަރުކާރެއް އެކުލަވާލައްވައިފި
ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަގެ އެންޕީޕީ ސަރުކާރަށް 21 މެމްބަރުންގެ ކެބިނެޓެއް އިއްޔެ އައްޔަން ކުރައްވައިފި އެވެ.
އަނޫރާގެ ކެބިނެޓަކީ ވެރިކަމުގެ ނިޒާމު ހަރުދަނާކޮށް، ޓެކްސް ދައްކާ ފަރާތްތަކަށް އުފުލަން ޖެހޭ ބުރަ ލުއިކޮށްދިނުމަށް ކެމްޕޭންގައި ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެކުލަވާލި ކެބިނެޓެކެވެ.
ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) އިން ކެމްޕޭން ތެރޭގައި ވައުދުވަމުން އައީ ރައްޔިތުންނަށް ހަރަދު ކުޑަކުރުމަށް ކުޑަ ސަރުކާރެއް ގެންނާނެ ކަމަށެވެ. މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު އެންޕީޕީން ކާމިޔާބު ކުރި ފަހުން ސަރުކާރު ހިނގަމުން ދިޔައީ ރައީސާ އެކު އެންމެ ތިން ވަޒީރަކާ އެކު އެވެ.
ލަންކާގެ ގާނޫނުއަސާސީ ބުނާ ގޮތުން ސަރުކާރަށް 30 މެމްބަރުންގެ ކެބިނެޓެއް އައްޔަން ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
އަނޫރާ ވަނީ ފިނޭންސް އަދި ޑިފެންސް މިނިސްޓްރީ ނަންގަވައިފަ އެވެ. އަދި ސަރުކާރުގެ އިސް މަގާމުތަކަކަށް މަޖިލީހުގެ އިސް 12 ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ. އަދި 2000 ވަނަ އަހަރުން ފެށިގެން ހިދުމަތުގައި ތިއްބެވި ތަޖުރިބާކާރު އަށް ބޭފުޅަކަށް ވެސް މުހިންމު މަސްއޫލިއްޔަތުތަކެއް ހަވާލުކުރެއްވި އެވެ.
ކެބިނެޓްގައި ތިއްބެވި ތާޒާ މޫނުތަކުގެ ތެރޭގައި އެކަޑެމިކް ފަސް ޕްރޮފެސަރުން ހިމެނިވަޑައިގަންނަވަ އެވެ.
ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން އެޑިއުކޭޝަން މިނިސްޓްރީ ހިންގަވަނީ ބޮޑުވަޒީރު ހަރީނީ އަމަރަސޫރިޔާ އެވެ. އަދި ޖުމުލަ ދެ އަންހެން ބޭފުޅުން ތިއްބަވާ ވަޒީރުންގެ މަޖިލީހުގައި ކުޑަކުދިންގެ ކަންކަމާ ބެހޭ ވަޒީރުކަން ދެއްވީ ސަރޯޖާ ސަވިތުރީ ޕައުލްރާޖު އަށެވެ. ސިންހަޅަ އަގުލަބިއްޔަތު އޮންނަ ދެކުނުގައި، މައިނޯރިޓީ ތަމަޅަ ޕައުލްރާޖު ވަނީ އެ ޕާޓީގެ ދިގު ހަރަކާތުގައި މަސައްކަތްކުރައްވައިފަ އެވެ.
އާ މަޖިލިސްގެ ފުރަތަމަ ބައްދަލުވުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަނޫރާ އިސްވެ ހުންނަވާ އެންޕީޕީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތު ހޯއްދަވައިފަ އެވެ. ލަންކާގެ ތަމަޅަ މައިނޯރިޓީގެ މައި މަރުކަޒު ކަމަށްވާ ޖަފްނާގެ އިންތިހާބީ ދާއިރާތަކުގައި ވެސް އެ ޕާޓީން ވަނީ ބާރު ގަދަކޮށްފަ އެވެ. ލަންކާގެ 225 މެމްބަރުން ހިމެނޭ މަޖިލީހުގެ 159 ގޮނޑި ނޫނީ ތިންބައިކުޅަ ދެ ބައިގެ އަގުލަބިއްޔަތު އެންޕީޕީއަށް ލިބުނީ ގާތްގަނޑަކަށް %62 ވޯޓާ އެކު އެވެ.
ސަރުކާރުގެ އާ ވަޒީރުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަމުން އަނޫރާ ވިދާޅުވީ އޭނާއަށް ރައްޔިތުން ދިން ބާރު ނަހަމަ ގޮތުގައި ބޭނުން ނުކުރައްވާނެ ކަމަށާއި އެކަމުގައި އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަނޫރާ ވިދާޅުވީ އޭނާ ރައްޔިތުންނަށް ދެއްވާނެ ޔަގީންކަމަކީ ވެރިކަމަކީ ހުދޫދެއް އޮތް އެއްޗެއްކަން އަބަދު ވެސް ގަބޫލުކުރައްވާނެކަން ކަމަށެވެ.
އަނޫރާ ވިދާޅުވީ އޭނާގެ ޓީމްގެ ގިނަ ބައިވެރިންނަކީ ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހަށް އަލަށް ވަޑައިގެންނެވި ބޭފުޅުން ކަމަށް ވިޔަސް، ގިނަ މެމްބަރުންނަކީ ސިޔާސީ ދާއިރާއަށް އާ ބޭފުޅުން ނޫން ކަމަށެވެ.
މަޖިލީހުގެ އިންތިހާބުގައި އެންޕީޕީއަށް ލިބުނު ކާމިޔާބީއާ އެކު އާ ކަންތައްތަކަކާއި ރެކޯޑްތަކެއް ވަނީ ގާއިމުކޮށްފަ އެވެ. އަދި ވޯޓުގެ %61.56 ވަނީ ހޯދައިފަ އެވެ. މީގެ ކުރިން އެންމެ ރަނގަޅު ނަތީޖާ ހޯދި، 2010 ވަނަ އަހަރުގެ އިންތިހާބުގައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ޕާޓީއަށް ލިބިވަޑައިގެންނެވީ %60.33 އެވެ.
ކޮމެންޓް