އިޒްރޭލު ސިފައިން ހަނގުރާމައިގެ އުޅަނދެއް މަތީގައި: ހަނގުރާމަ އިތުރަށް ދިގުވާތީ އެ މީހުން ތިބީ ބިރުން ކަމަށް، ސިފައިންނާ ހަވާލާދީ ސީއެންއެން އިން ރިޕޯޓު ކުރޭ.

އިޒްރޭލު ސިފައިންގެ ހިތުން ބިރެއް ނުފިލި؛ އަމިއްލައަށް މަރުވާ ނިސްބަތް އިތުރުވަނީ

އިޒްރޭލު ސިފައިންނާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެތައް ސަތޭކަ މީހުންގެ ގައިމަތިން އެ މީހުން ބުލްޑޯޒަރު ދުއްވައި މީހުންތައް ޗިސްޗިސް ކުރި؛ ފަހުން އެ މަންޒަރުތައް ލޮލަށް ސިފަވާތީ އެ މީހުންނަށް ނުނިދި، ބައެއް މީހުން އަމިއްލައަށް މަރު ވެސް ވޭ
12 ގަޑިއިރު ކުރިން

އުމުރުން 40 އަހަރުގެ އެލިރަން މިޒްރާހީ، ފަލަސްތީނާ ދެކޮޅަށް ހަނގުރާމައަށް ނުކުތީ، މިދިޔަ އަހަރުގެ 4 އޮކްޓޫބަރުގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެންނެވެ. އެހެންވެ، އެ ހަމަލާގެ ބަދަލު ހިފުމަކީ މަޖުބޫރުކަމެއްކަމުގައި ދެކިގެން، ހަތަރު ކުދިންގެ ބައްޕަ ފަލަސްތީނާ ދެކޮޅަށް ނުކުތީ އެވެ.

އެކަމަކު ހަމާސް އާއި ފަލަސްތީނުގެ އާއްމުންނަށް ދެކޮޅަށް ހަނގުރާމައަށް ނުކުތްތާ މަސްތަކެއް ފަހުން، ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އެނބުރި ގެއަށް ދިޔައީ، މިޒްރާހީގެ އާއިލާގެ މީހުން ބުނާ ގޮތުގައި، އެހެން މީހެއްގެ ގޮތުގަ އެވެ. އަދި އަނބުރާ ހަނގުރާމައަށް ނުކުންނަން އޮތް ދުވަހުގެ ދެ ދުވަސް ފަހުން އޭނާ ވަނީ އަމިއްލައަށް މަރުވެފަ އެވެ.

އާއިލާއިން ބުނާ ގޮތުގައި، މިޒްރާހީ މަރުވީ، ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނޭ ގޮތަށް، މިހާތަނަށް ފަލަަަަސްތީނުގެ 42،000 މީހުން އިޒްރޭލުން ގަތުލުކޮށްލާފައިވާ އެ ހަަނގުރާމައިގެ މައިދާނުގައި އޭނާ ތަޖުރިބާކުރި ކަންތައްތަކުގެ އަސަރުންނެވެ. ނުވަތަ 'ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ)ގެ ސަބަބުންނެވެ.

"އޭނާއަށް ގާޒާއިން ނުކުމެވުނު. އެކަމަކު ގާޒާއެއް އޭނާގެ ބޮލުގެ ތެރެއިން ނުނިކުތް،" މިޒްރާހީގެ މަރަށް ފަހު، ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި އޭނާގެ މަންމަ ޖެނީ މިޒްރާހީ ބުންޏެވެ.

މަރުވެފައިވާ އިޒްރޭލު ސިފައިންގެ މީހެއްގެ ސަންދޯއް އުފުލަނީ: ގިނަ ސިފައިންނަށް ވަނީ ނަފްސާނީ ގޮތުން އަސަރުކޮށްފައި ކަމަށް ސީއެންއެން އިން ރިޕޯޓު ކުރޭ (ފޮޓޯ/ސީއެންއެން)

އިޒްރޭލުގެ ދިފާއުގައި ހަބަރުތައް އާއްމުކުރާ ސީއެންއެން އިން މި ރިޕޯޓު ގެނެސްދީފައިވަނީ، ހަނގުރާމައިގައި ބައިވެރިވާ އިޒްރޭލު ސިފައިންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށް، އަމިއްލައަށް މަރުވާ ނިސްބަތް އިތުރުވާކަން ފާހަގަކޮށެވެ. އިޒްރޭލުގެ ސިފައިންނާ އިންޓަވިއުކޮށް، ހަނގުރާމައިގައި އެ މީހުންނަށް ފެންނަމުންދާ ބިރުވެރި ކަންކަން އެ ރިޕޯޓުގައި ގެނެސްދީފައިވެ އެވެ.

މިޒްރާހީގެ މަންމަ ބުނި ގޮތުގައި، ޗުއްޓީގައި ގޭގައި ހުރި ދުވަސްތަކުގައި ދަރިފުޅަށް ނަފްސާނީ ގިނަ މައްސަލަތަކެއް ކުރިމަތިވި އެވެ. ރުޅިގަދަވުމާއި ދާހިއްލުމާއި މީހުންނާ އެކަހެރިވުމާއި ނުނިދުމުގެ މައްސަލަތައް ދިމާވި އެވެ.

"އޭނާ އަބަދު ވެސް ބުނާނެ ތިމަންނައަށް ފެނުނު މަންޒަރުތަކެއް އެކަކަށް ވެސް އިހުސާސެއް ނުކުރެވޭނެއޭ،" ޖެނީ ބުންޏެވެ.

އޭނާގެ ހިޔާލުގައި ދަރިފުޅަށް އެހެން ދިމާވީ މީހަކު މަރާލައިގެން އެކަމާ ކެތްނުކުރެވިގެންނެވެ.

އެކަމަކު ގާޒާގައި މިޒްރާހީގެ އަމަލުތައް ކިޔައިދިނީ، އޭނާއާ އެކު ހަނގުރާމައިގެ ބައިވެރިވި އެހެން ސިފައިންގެ މީހެކެވެ. މިޒްރާހީއާ އެކު ބުލްޑޯޒަރު ދުއްވަން އޭނާގެ ކައިރީގައި އިން މީހާ އެވެ.

"އަހަރެމެންނަށް ފެނުނު ވަރަށް ވަރަށް ވަރަށް އުނދަގޫ މަންޒަރުތައް. ގަބޫލު ކުރަން ވެސް އުނދަގޫ ކަންކަން،" އިޒްރޭލު ސިފައިންގެ މީހެއްގެ ގޮތުގައި މީގެ ކުރިން ވެސް ފަލަސްތީނަށް ހަމަލާދީ ގާއި ޒޭކެން ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ފަލަސްތީނުގެ އެތައް ސަތޭކަ މީހުންގެ ގައި މަތިން އެ މީހުން ބުލްޑޯޒަރު ދުއްވި އެވެ. ދިރި ހުރި މީހެއް، މަރުވެފައި އޮތް މީހެއް ނުބަލަ އެވެ. އެކަން އެ މީހުން ކިތަންމެ ފަހަރަކު ތަކުރާރުކޮށް ކުރި ކަމަށް ބުންޏެވެ.

"ހުރިހާ އެއްޗެއް ވެސް ޗަސްވެގެން ދަނީ،" ޒޭކެން ބުންޏެވެ.

ހުޅަނގު އައްސޭރީގައި އިޒްރޭލު އަސްކަރީ ވެހިކަލްތަކެއް ހަރަކާތްތެރި ވަނީ.

އޭނާ ބުނި ގޮތުގައި، މީހުންގެ ގައިމަތިން ބުލްޑޯޒަރު ދުއްވައި، މީހުންތައް ޗިސްވެފައި ހުރި މަންޒަރު ހިތަށް ފެންނާތީ މިހާރު އެއްގޮތަކަށް ވެސް އޭނާއަށް މަހެއް ނުކެވެ އެވެ. ބޮންގޮއްވާލާ އަޑު ސިކުނޑީގައި ހަރުލާފައި ހުންނާތީ ރޭގަނޑަކު ނުނިދެ އެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި، ގާޒާއިން އެ މީހުންނާ މުޅިން ދިމާވީ ވެސް 'ޓެރަރިސްޓުން'އާ އެވެ. ހަމާސްއަށް ތާއީދު ކުރާތީ، ހެޔޮ އެދޭތީ، އާއްމުންގެ މީހުން އެތަނުގައި އުޅޭނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ. ސީއެންއެންއާ ވާހަކަ ދައްކަމުން ދެން ވެސް އޭނާ ބުނީ ގާޒާގެ މީހުން އެ ހިންގަނީ ޓެރަރިޒަމް ކަމަށެވެ.

މިޒްރާހީ މީގެ ކުރިން ވަނީ، ފަލަސްތީނު މީހުން މަރައި އެ މީހުންގެ ގެދޮރު ސުންނާފަތިކޮށް، އެތަންތަނުގައި ހުއްޓި ފޮޓޯ ނަގައި އާއްމުކޮށްފަ އެވެ.

ސީއެންއެންގެ ރިޕޯޓުގައި ބުނި ގޮތުގައި، ގާޒާގެ ހާލަތު ދެކިލުމަށް، ބޭރުގެ ނޫސްވެރިން އެތަނަށް އެރުން އިޒްރޭލު ސިފައިން މިހާރު ވަރަށް ބޮޑަށް ހިފަހައްޓާފަ އެވެ. އެހެންވެ، ގާޒާގެ ހާލަތު ވަޒަންކޮށްލަން ނޭނގޭ ކަމަށާއި އެކަމަކު އިޒްރޭލު ސިފައިންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ފެންނަ މަންޒަރުތަކުން، ކޮންމެވެސް ވަރަކަށް އެކަން ވަޒަން ކޮށްލެވޭ ކަމަށް ބުނެފައި ވެ އެވެ.

ގާޒާއި ފަލަސްތީނުގެ އެހެން ސަރަހައްދުތައް ސުންނާފަތިކުރުމަށް ފަހު، އިޒްރޭލުން މިހާރު ހަމަލާތައް އަމާޒުކޮށްފައި ހުރީ ލުބުނާނަށެވެ. އިޒްރޭލުގެ ބައެއް ސިފައިންނާ ހަވާލާދީ ސީއެންއެން އިން ބުނި ގޮތުގައި، ލުުބުނާނަށް އަރަން އެ މީހުން ތިބީ ވަރަށް ބިރުންނެވެ. ސަރުކާރަށް އެއްވެސް ވަރަކަށް އެ މީހުން މިހާރު އިތުބާރު ނުކުރާ ކަމަށް ބުންޏެވެ.

24 އޮކްޓޯބަރު 2024 - އުތުރު ގާޒާގެ ސަރަހައްދެއް އިޒްރޭލްގެ ހަމަލާތަކުގައި ބިމާ ހަމަވެފައި. މިހާރު އިޒްރޭލުން ބޭނުންވަނީ ފަލަސްތީން ރައްޔިތުން ވެސް އެ ހިސާބުން ބާލަން

ހަނގުރާމައިގައި ބައިވެރިވާ ސިފައިންނަށް ނަފްސާނީ މައްސަލަތައް ދިމާވެ، އަމިއްލައަށް މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް އިޒްރޭލުގެ ނޫސްތަކުން ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ސީއެންއެން އިން ބުންޏެވެ. އެކަމަކު ސީއެންއެންއަށް، އޭގެ އަދަދެއް ހާމަކުރަން އިޒްރޭލު މިލިޓަރީއިން ހެދީ ދެކޮޅެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް