މޯދީއަށް ކަޝްމީރުގެ އަގުލަބިއްޔަތު ގެއްލުނު.

އިންޑިއާ

އިންޑިއާ ފަޅީގެ ކަޝްމީރުގެ އަގުލަބިއްޔަތު މޯދީއަށް ގެއްލިއްޖެ

މޯދީ ވިދާޅުވީ އެ ސަރަހައްދުގައި ސުލްހަވެރި އިންތިހާބެއް ބޭއްވުމަކީ އިންޑިއާގެ ގާނޫނުއަސާސީ އާއި ޑިމޮކްރަސީގެ ކާމިޔާބީއެއް ކަމަށް

ކަޝްމީރުގެ މިނިވަންކަން ނިގުޅައިގަތުމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރި ސިޔާސީ ޕާޓީން އިންޑިއާ ފަޅީގެ ކަޝްމީރު އިންތިހާބުގެ އެންމެ ގިނަ ގޮނޑި ހޯދައިފި އެވެ.

މިއީ ހިޔާލު ހޯދުމުގެ ވޯޓުތަކުން މޯދީގެ ބީޖޭޕީއަށް އެ ސަރަހައްދުގެ އަގުލަބިއްޔަތު ލިބޭނެ ކަމަށް ކުރި ލަފައާ ހިލާފު ނިންމުމެކެވެ.

ނޭޝަނަލް ކޮންފަރެންސް (އެންސީ)އަށް 42 ގޮނޑި ލިބުނު އިރު، މައިގަނޑު ގޮތެއްގައި އެ ޕާޓީއަށް ގިނަ ގޮނޑި ލިބިފައި ވަނީ ކަޝްމީރު ވާދީންނެވެ. އެއީ އިންޑިއާއާ ދެކޮޅު ބަގާވާތުގެ މައި މަރުކަޒު ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީއަށް 29 ގޮނޑި ލިބުނު އިރު، އެ ހުރިހާ ގޮނޑިއަކީ ވެސް ހިންދޫންގެ އަގުލަބިއްޔަތު އޮންނަ ޖައްމޫގެ ސަރަހައްދުތަކުން ލިބުނު ގޮނޑި އެވެ.

އެންސީއާ ގުޅިގެން އިންތިހާބުގައި ވާދަކުރި އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ކޮންގްރެސް ޕާޓީއަށް ވަނީ ހަ ދާއިރާއަކުން ކާމިޔާބު ލިބިފަ އެވެ.

"އަޅުގަނޑުމެން އުންމީދު ކުރި ވަރަށް ވުރެ ބޮޑަށް ރައްޔިތުން އަޅުގަނޑުމެންނަށް ތާއީދު ކުރި. މިހާރު އަޅުގަނޑުމެންގެ މަސައްކަތަކަށް ވާނީ އަޅުގަނޑުމެންނަކީ މި ވޯޓުގެ އިތުބާރު ހުރި ބައެއްކަން ސާބިތުކޮށްދިނުން،"  ދެ ގޮނޑި ކާމިޔާބު ކުރެއްވި އެންސީގެ ލީޑަރު އަދި އެ ސަރަހައްދުގެ ކުރީގެ ޗީފް މިނިސްޓަރު އުމަރު އަބްދުالله ވިދާޅުވި އެވެ.

އޭނާގެ ބައްޕަ އަދި ޕާޓީގެ ރައީސް ފާރޫގު އަބްދުالله ވިދާޅުވީ އެންމެ ބޮޑު އަމާޒަކަށްވާނީ ފުލުހުންގެ ބާރުވެރިކަން ނައްތާލައި އެ ސަރަހައްދު ހިންގައި ޖަލުތަކުން މީހުން މިނިވަން ކުރަން މަސައްކަތް ކުރުން ކަމަށެވެ.

"މީޑިއާއަކީ މިނިވަން ތަނަކަށް ހަދާނަން،" އޭނާ ވިދާޅުވި އެވެ.

އެންސީގެ ލީޑަރު އަދި ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރު އުމަރު އަބްދުالله ނޫސްވެރިން ކައިރީ.

ރޭ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ޕާޓީގެ އެކްޓިވިސްޓުންނާ މުހާތަބު ކުރައްވައި މޯދީ ވިދާޅުވީ އެ ސަރަހައްދުގައި ސުލްހަވެރި އިންތިހާބެއް ބޭއްވުމަކީ އިންޑިއާގެ ގާނޫނުއަސާސީ އާއި ޑިމޮކްރަސީގެ ކާމިޔާބީއެއް ކަމަށެވެ.

"ކަޝްމީރުގެ ރައްޔިތުން މެންޑޭޓް ދިނީ އެންސީ ކޯލިޝަނަށް. އެ ބޭފުޅުންނަށް އަޅުގަނޑު މަރުހަބާ ދަންނަވަން. ވޯޓް ހިއްސާގެ ނިސްބަތަށް ބަލައިފި ނަމަ އެންމެ ބޮޑު ޕާޓީއެއްގެ ގޮތުގައި އޮތީ ބީޖޭޕީ،" މޯދީ ވިދާޅުވި އެވެ.

މި ވޯޓުގެ ސަބަބުން ކަޝްމީރު ސީދާ ނިއު ދިއްލީގެ ބާރުގެ ދަށަށް ދިއުމުގެ ބަދަލުގައި، ކަޝްމީރުގެ އަމިއްލަ ސަރުކާރަކާއި ސަރަހައްދީ ގާނޫނު ހަދާ މަޖިލީހެއް ގާއިމު ކުރަން ފުރުސަތު ލިބޭނެ އެވެ.

ނަމަވެސް ކަޝްމީރަކީ "ޔޫނިއަން ޓެރިޓަރީ"އެއްގެ ގޮތުގައި ދެމިއޮންނަ ތަނަކަށްވާތީ، ނިއު ދިއްލީއިން އެސެމްބްލީއަށް ބާރު ފޯރުވުމުގެ ފުރުސަތު ލިބޭނެ އެވެ.

އިންޑިއާގެ އެހެން ސްޓޭޓްތަކެކޭ އެއްފަދައިން އާ ސަރުކާރަށް ވެސް ބާރުތައް ލިބުމަށްޓަކައި ކަޝްމީރުގެ ސްޓޭޓްގެ ދަރަޖަ އަލުން ދޭން ޖެހެ އެވެ. ނަމަވެސް، 2019 ވަނަ އަހަރު ނިގުޅަގައިތް ބާރުތަކުގެ ސަބަބުން ކުރިން އޮތް ބާރުތަކެއް އެ ޕާޓީއަކަށް ނޯންނާނެ އެވެ.

"ރައްޔިތުން ބާރުތައް ދީފި. 5 އޮގަސްޓުގައި ނިންމި ނިންމުން ގަބޫލު ނުކުރާކަން އެ މީހުން ވަނީ ސާބިތުކޮށްދީފައި،" 2019 ވަނަ އަހަރުގެ ނިންމުމަށް އިޝާރާތް ކުރައްވައި ފާރޫގް ވިދާޅުވި އެވެ.

އެންސީގެ އެތައް ސަތޭކަ އެކްޓިވިސްޓުން ވަނީ އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ވޯޓު ގުނާ މަރުކަޒުތަކުގެ ބޭރުގަ އާއި އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުންގެ ގެތަކަށް އެއްވެ އުފާ ފާޅުކޮށްފަ އެވެ.

މިއީ ފާއިތުވި 10 ވަރަކަށް އަހަރު ތެރޭ ނެގި މިފަދަ ފުރަތަމަ ވޯޓެވެ. އަދި މޯދީގެ ހިންދޫ ނޭޝަނަލިސްޓް ސަރުކާރުން މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ މި ސަރަހައްދުގައި ޒަމާނުއްސުރެ އޮތް ސެމީ އޮޓޮނޮމީ 2019 ވަނަ އަހަރު އުވާލި ފަހުން ނެގި ފުރަތަމަ ވޯޓެވެ.

މި ސަރަހައްދުގެ ގާނޫނު ހަދާ މަޖިލީހުގައި ފަސް ގޮނޑި އައްޔަންކޮށް 90 ގޮނޑި އިންތިހާބުކުރާ އިރު، ސަރުކާރެއް އެކުލަވާލުމަށް ޕާޓީއަކަށް ނުވަތަ ކޯލިޝަނަކަށް ޖުމްލަ 95 ގޮނޑީގެ ތެރެއިން މަދުވެގެން 48 ގޮނޑި ބޭނުންވާނެ އެވެ. ނޭޝަނަލް ކޮންފަރެންސާއި ކޮންގްރެސް ކޯލިޝަންގައި 48 ގޮނޑި ހިމެނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް