ސެޕްޓެމްބަރު 21، 2024- ސްރީލަންކާގެ ކޮލޮމްބޯގައި ބޭއްވި ރިޔާސީ އިންތިހާބު އޮތް ދުވަހު، ނޭޝަނަލް ޕީޕަލްސް ޕަވާގެ ރިޔާސީ ކެންޑިޑޭޓް އަނޫރާ ކުމާރާ ޑިސަނަޔަކަ ވޯޓުލުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ [ފޮޓޯ/ ރޮއިޓާސް]

ސްރީ ލަންކާ

ސްރީ ލަންކާގެ ރިޔާސީ އިންތިހާބު އަނޫރާ ލީޑްކުރަނީ

22 ސެޕްޓެމްބަރު 2024

ސްރީލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު އެ ގައުމުގެ ވާތު ފިޔައިގެ ލީޑަރު އަނޫރާ ކުމާރަ ދިސަނަޔަކަ ލީޑް ކުރާ ކަމަށް އިންތިހާބުގެ ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.

މިހާތަނަށް ގުނި 6 މިލިއަން ވޯޓުގެ ނަތީޖާ ދައްކާ ގޮތުން %40 ވޯޓާ އެކު އެންމެ ކުރީގައި އުޅެނީ އަނޫރާ އެވެ. ދެ ވަނަ އަށް އެންމެ ކުރީގައި އުޅެނީ %33 ވޯޓާ އެކު ސަޖިތު ޕްރޭމަދާސާ އެވެ. ރައީސް ރަނިލް ވިކްރަމަސިންހަ، %17 ވޯޓާ އެކު އުޅުއްވަނީ ތިން ވަނާގައި ކަމަށް ސްރީލަންކާގެ އިލެކްޝަން ކޮމިޝަނުން ބުނެ އެވެ.

އިއްޔެ ނެގި ވޯޓުގައި އެ ގައުމުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 17 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް %75 މީހުން ވޯޓުލާފައިވާ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އަނޫރާ އިންތިހާބުގައި ވާދަ ކުރެއްވީ ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އެ ކޯލިޝަންގެ ތެރޭގައި ދައުލަތުގެ ނުފޫޒު ގަދަކުރުމާއި ޓެކްސް ކުޑަކުރުމާއި މާކެޓްގެ އިގްތިސާދީ ސިޔާސަތުތައް ހަނިކުރަން އާދަޔާ ހިލާފަށް ތާއީދުކުރާ އޭނާގެ ވާތުފިޔައިގެ ވިސްނުން ގެންގުޅޭ ޖަނަތާ ވިމުކްތީ ޕެރެމުނާ (ޖޭވީޕީ) ޕާޓީ ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ޖޭވީޕީ ޕާޓީއަށް މިހާރު ލިބިފައިވަނީ އެންމެ ތިން ގޮނޑި އެވެ. ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކާއި ފަގީރުންނަށް ތާއީދުކުރާ އިތުރު ސިޔާސަތުތަކެއް ގެންގުޅުއްވާނެ ކަމުގެ ވައުދުތަކުގެ ސަބަބުން އަނޫރާ ،55، އަށް ވަނީ އާންމުންގެ ތާއީދު ލިބިފަ އެވެ.

އޭނާ ވެރިކަމަށް ކެމްޕޭން ކުރެއްވީ ބަދަލު ގެންނަވާނެ ކެންޑިޑޭޓެއްގެ ގޮތުގައި ވައުދުތައް ވިއްކަވައިގެންނެވެ. އަދި ކެމްޕޭން ވައުދުތަކުގެ ތެރޭގައި، އޭނާގެ ޕޮލިސީތަކާ އެކު ސަރުކާރު ހިންގުމަށް ޖާގަ ހޯދުމުގެ ގޮތުން އާ މަޖިލިހަކަށް މަގުފަހި ކުރުމަށް، މިހާރު އޮތް މަޖިލީސް 45 ދުވަހުގެ ތެރޭގައި އުވާލައްވާނެ ކަމުގެ ވައުދާ އެކެވެ.

"ދިގު އަދި ބުރަ ކެމްޕެއިނަކަށް ފަހު އިންތިހާބުގެ ނަތީޖާ މިހާރު ސާފުވެއްޖެ،" ފޮރިން މިނިސްޓަރު އަލީ ސަބްރީ އެކްސްގައި ވިދާޅުވި އެވެ.

"ރައީސް ރަނިލް ވިކްރަމަސިންހައަށް އަޅުގަނޑު ވަރަށް ބޮޑަށް ކެމްޕެއިން ކުރިން. ނަމަވެސް ސްރީލަންކާގެ ރައްޔިތުން އެމީހުންގެ ނިންމުން ނިންމައި، އަނޫރާ ކުމާރާ ޑިސަނަޔަކައަށް އެ މީހުން ދިން މެންޑޭޓަށް އަޅުގަނޑު ފުރިހަމައަށް އިހުތިރާމް ކުރަން." ސަބްރީ ވިދާޅުވި އެވެ.

މިއީ 2022 ވަނަ އަހަރު ސްރީލަންކާގެ އިގްތިސާދު ވަޅުޖަހައި، ތެލާއި ބޭހާއި ކައްކާ ގޭސް ފަދަ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް ފައިސާ ދެއްކުމަށް ދަތިވުމަށް ފަހު ބޭއްވި ފުރަތަމަ އިންތިހާބެވެ.

އެ އިގުތިސާދީ ކާރިސާގައި ރައްޔިތުން ނުކުމެ، އޭރު އޮތް ގޯޓާބަޔަ ރާޖަޕަކްސަގެ ސަރުކާ ދެކޮޅަށް މުޒާހަރާކޮށް އޭނާގެ ރަސްމީގެ ގެކޮޅަށް ވަދެ ގަނެ، ރައްޔިތުން ކެކި އުތުރި އެރުމުން ގޯޓާބަޔަފިއްލަވައި، ފަހުން އިސްތިއުފާ ދެެއްވި އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕްރޮގްރާމެއް ހިންގައި އިގްތިސާދު ވަގުތީ ގޮތުން ރަނގަޅުވި ނަމަވެސް ދިރިއުޅުމުގެ އަގު ބޮޑުވުމަކީ އަދިވެސް ގިނަ ބަޔަކަށް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

މިދިޔަ މަހު އިންފްލޭޝަން %0.5އާ ހަމައަށް ދަށަށް ދިޔަ ނަމަވެސް ކުރީގެ އިގްތިސާދީ ކާރިސާގައި %70 އަށް ވެސް އިންފްލޭޝަން އެރި އެވެ. އަދި ތިން އަހަރުގެ ތެރޭގައި މި އަހަރު އިގްތިސާދު %3ގައި ކުރިއަރާނެ ކަމަށް ލަފާ ކުރެ އެވެ. ނަމަވެސް އެތައް މިލިއަން ބަޔަކު ވަނީ ފަގީރުކަމުގެ ތެރެއަށް ވެއްޓިފަ އެވެ. ގިނަ ބަޔަކު އުންމީދު ކުރަނީ އާ ލީޑަރާ އެކު ރަނގަޅު މުސްތަގުބަލެއް ލިބޭނެ ކަމަށެވެ.

ސްރީލަންކާގެ އިގުތިސާދު ހަމައަކަށް އެޅުވުމަށް އަދި މާކެޓްތަކަށް ޔަގީންކަން ދިނުމާއި ދަރަނި އަދާކުރުމާއި އިންވެސްޓަރުން ޝައުގުވެރިކުރުވައި، ގައުމުގެ ރައްޔިތުންގެ ހަތަރުބައިކުޅަ އެއްބައި މީހުން ތިބި ފަގީރުކަމުން އަރައިގަތުމަށް އެހީތެރިވުމަށް، 2027 ވަނަ އަހަރާ ހަމައަށް އައިއެމްއެފް ޕްރޮގްރާމުގައި ސްރީލަންކާ ދެމި އޮތުމަށް އާ ލީޑަރަށް މަޖުބޫރުވާނެ އެވެ.

އަނޫރާގެ ޓެކްސް ކުޑަ ކުރުމުގެ ސިޔާސަތުތަކާ ހެދި އިންވެސްޓަރުންނާއި މާކެޓްގެ ބައިވެރިން ވަނީ ނުތަނަވަސްވެފަ އެވެ. ނަމަވެސް އަނޫރާގެ ވާހަކަ ދެއްކުންތެރިކަމުގެ ތެރެއިން، ކެމްޕެއިން ތަގުރީރުތަކުގައި އޭނާ ވަނީ މިހާރަށް ވުރެ ރަނގަޅު ބަދަލެއް ގެންނަވާނެ ކަމުގެ ވައުދާއި ކޮންމެ ބަދަލެއް ވެސް ގެންނަވާނީ އައިއެމްއެފްގެ ލަފާގެ މަތިން ކަމަށާއި ދަރަނި އަނބުރާ ދެއްކުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް