ކާފިއު ހިންގާފައި ވިޔަސް އަދިވެސް ބައެއް ސަރަހައްދުތަކުގައި ދަނީ ހަމަނުޖެހުން ހިންގަމުން

ބަންގްލަދޭޝް

ބަންގްލަދޭޝްގެ ހަމަނުޖެހުންތައް: ވަޒީފާ ކޯޓާގެ ބޮޑު ބައެއް ސުޕްރީމް ކޯޓުން އުވާލައިފި

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން މުޒާހަރާގެ ބައިވެރިން އަމަލު ކުރާނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވޭ. ނަމަވެސް މުޒާހަރާކުރާ ބައެއް ގްރޫޕްތަކުގެ ލީޑަރުން ގެންދަނީ މީހުން މެރުމުން އެކަމަށް އިންސާފު ލިބެން ޖެހޭނެ ކަމަށް ގޮވާލަމުން

ބަންގްލަދޭޝްގެ މިނިވަންކަމަށް މަސައްކަތް ކުރި ސިފައިންގެ އާއިލާތަކަށް ހާއްސަކޮށްފައިވާ ވަޒީފާގެ ކޯޓާއާ ދެކޮޅަށް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ބޮޑެތި މުޒާހަރާތައްކޮށް، އެ ހަމަނުޖެހުންތަކުގައި 100 މީހުން މަރުވި ފަހުން، ވަކި ބަޔަކަށް ވަޒީފާ ޔަގީންކޮށްދޭ ކޯޓާއިން ބޮޑު ބައެއް އެންމެ މަތީ ކޯޓުން އުވާލައިފި އެވެ.

ސަރުކާރު ވަޒީފާތަކުގެ ތިންބައިކުޅަ އެއްބައި ހާއްސަކޮށްފައި ވަނީ 1971 ވަނަ އަހަރު ޕާކިސްތާނުގެ ކިބައިން މިނިވަންކަން ހޯދުމަށް ކުރި ހަނގުރާމާގައި ބައިވެރިވި މީހުންގެ އާއިލާ އާއި ގާތް ތިމާގެ މީހުންނަށެވެ.

ނަމަވެސް މިއަދު ކޯޓުން ނިންމީ ގައުމު މިނިވަން ކުރަން މަސައްކަތް ކުރި މީހުންގެ ގާތް ތިމާގެ މީހުންނަށް ހާއްސަ ކުރެވޭނީ %5 ކަމަށެވެ.

އެ ހުކުމަށް ސަރުކާރުން އަދި ޖަވާބެއް ދީފައެއް ނުވެ އެވެ.

ކާފިއުގެ ދެވަނަ ދުވަހަށް އަމަލުކުރަން ފެށި އިރު ވެރިރަށް ޑާކާގެ މަގުތައް ވަނީ ފަޅުވެފަ އެވެ. ނަމަވެސް ބައެއް ސަރަހައްދުތަކުގައި ހަމަނުޖެހުންތަކެއް ހިނގަމުންދެ އެވެ.

ޔަގީން ނުކުރެވޭ ބައެއް ހަބަރުތައް ބުނާ ގޮތުގައި ބައެއް ލީޑަރުން ދަނީ ހައްޔަރު ކުރަމުންނެވެ.

ކޯޓާ ސިސްޓަމާ ދެކޮޅަށް ޔުނިވާސިޓީގެ އެތަކެއް ހާސް ދަރިވަރުންތަކެއް ހަފުތާތަކެއް ވަންދެން މުޒާހަރާ ކުރަމުންދާ އިރު، އެ ދަރިވަރުން ބުނަނީ އެއީ ތަފާތުކުރުމެއް ކަމަށާއި އޭގެ ބަދަލުގައި ވަޒީފާ ދޭންވާނީ ފެންވަރަށް ބަލައިގެން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން މުޒާހަރާގެ ބައިވެރިން އަމަލު ކުރާނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް މުޒާހަރާކުރާ ބައެއް ގްރޫޕްތަކުގެ ލީޑަރުން ގެންދަނީ މީހުން މެރުމުން އެކަމަށް އިންސާފު ލިބެން ޖެހޭނެ ކަމަށް ގޮވާލަމުންނެވެ.

ހުކުރު ދުވަހު އެކަނި ހިނގި ހަމަނުޖެހުންތަކުގައި ވެސް 50 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް