ސަރުކާރުގެ ވަޒީފާތަކުގެ ކޯޓާ ނިޒާމާ ދެކޮޅަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި މުޒާހަރާގެ ތެރެއިން ރަޔަޓް ފުލުހުންނާ ދަރިވަރުންތަކެއް ހަމަނުޖެހުން ހިންގަނީ. (ފޮޓޯ/އޭޕީ)

ބަންގްލަދޭޝް

ބަންގްލަދޭޝްގައި ވަގުތުން ބަޑި ޖެހުމުގެ އަމުރާ އެކު ހަރުކަށި ކާފިއު އިއުލާންކޮށްފި

ނަރުސިންގްޑީގެ ޖަލަކަށް ހުކުރު ދުވަހު މުޒާހަރާގެ ބައިވެރިން ވަދެ، އެ ޖަލުގައި ރޯކޮށްލުމުން 800 އެއްހާ ގައިދީން ފިލާފައިވާ ކަމަށް ވެސް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައި

ބަންގްލަދޭޝްގެ ސިވިލް ސާވިސްގެ ވަޒީފާތައް ކަނޑައަޅާ ކޯޓާ ނިޒާމާ ދެކޮޅަށް މުޅި ގައުމުގައި ހިންގާ މުޒާހަރާތަކުގައި އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަހަމްވުމާ ގުޅިގެން، ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކުގައި ފުލުހުން "ވަގުތުން ބަޑިޖެހުމު"ގެ އަމުރަކާ އެކު ހަރުކަށި ކާފިއު އިއުލާނުކޮށްފި އެވެ.

ރޭގަނޑު ދަންވަރު ކާފިއު ފަށާފައި ވާއިރު، މެންދުރުން ފެށިގެން މެންދުރު ފަހު 2އަށް ވަނީ ޒަރޫރީ މަސައްކަތްތައް ކުރުމަށް ލުއިދީފަ އެވެ. އަދި މިއަދު ހެނދުނު 10އާ ހަމައަށް ދެމިގެންދާނެ ކަމަށް ބެލެވެ އެވެ. އަދި ހަރުކަށިކަން ދައްކާ މީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް، އެފަދަ މީހުންގެ ގަޔަށް ބަޑި ޖެހުމުގެ އިހުތިޔާރު މިއަދު އޮފިސަރުންނަށް ދީފައިވާ ކަމަށް ވެރިކަން ކުރާ އަވާމީ ލީގު ޕާޓީގެ ޖެނެރަލް ސެކްރެޓަރީ އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އުބައިދުލް ގާދިރު ވިދާޅުވި އެވެ.

ބަންގްލަދޭޝްގައި މީގެ ހަފުތާއެއްހާ ދުވަސް ކުރިން މުޒާހަރާތައް ފެށީ 1971 ވަނަ އަހަރު އެ ގައުމު ޕާކިސްތާންގެ ކިބައިން މިނިވަންވުމަށް ހަނގުރާމަ ކުރި، ކުރީގެ ސިފައިންގެ ގާތް ތިމާގެ މީހުންނަށް ސަރުކާރުގެ ވަޒީފާގެ %30އާ ހަމައަށް ރިޒާވް ކުރާ ކޯޓާ ސިސްޓަމާ ދެކޮޅަށެވެ. އެ މުޒާހަރާ މައިގަނޑު ގޮތެއްގައި ކުރަނީ ސްކޫލް ދަރިވަރުންނެވެ. މިދިޔަ އަންގާރަ ދުވަހު ހަމަނުޖެހުންތައް ފެށުނީ ދުވަހު ނޫހަކުން 103 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

މިދިޔަ ހުކުރު ދުވަހަކީ މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހަށް ވެދާނެ އެވެ. ސޮމޯއީ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ދުވަހު ވަނީ 43 މީހަކު މަރުވެފަ އެވެ. އަދި އެސޯސިއޭޓެޑް ޕްރެސްގެ ރިޕޯޓަރަކަށް ޑާކާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުން 23 މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. ނަމަވެސް، އެ އެންމެން މަރުވީ މިދިޔަ ހުކުރު ދުވަހު ކަމެއް އަދި ސާފެއް ނުވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިތުރު 22 މީހަކު މަރުވެފަ އެވެ. އެ ދުވަހު ދަރިވަރުން މުޒާހަރާ ކުރީ މުޅި ގައުމު "ބަންދު ކުރުމަށް" ގޮވާލަ އެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ އެމެރިކާގެ އެމްބަސީން ހުކުރު ދުވަހު ބުނީ ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި "އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައިވާ" ކަމަށެވެ. އަދި ހާލަތު އޮތީ ވަރަށް ހަލަބޮލިކޮށް ކަމަށް ވެސް ބުނެފައިވެ އެވެ.

މަރުވި މީހުންނާއި ޒަހަމްވި މީހުންގެ ރަސްމީ އެއްވެސް މައުލޫމާތެއް ބަންގްލަދޭޝްގެ ކަމާ ބެހޭ ފަރާތްތަކުން އާންމުކޮށްފައެއް ނުވެ އެވެ.

އޮފިޝަލުން ވިދާޅުވީ ކާފިއު އަކީ ޑާކާގެ މަގުތަކާއި އެހެން ސިޓީތަކުގެ ޔުނިވާސިޓީ ކެމްޕަސްތަކުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ ކުރިމަތިލުންތަކާ ގުޅިގެން އިތުރު ހަމަނުޖެހުންތައް ހުއްޓުވުމަށް އެޅި ކާފިއުއެއް ކަމަށެވެ.

ރަސްމީ ފަރާތްތަކުން ވަނީ މޮބައިލް އަދި އިންޓަނެޓްގެ ހިދުމަތް މަނާކޮށް، އޮންލައިންކޮށް މުވާސަލާތީ ހިދުމަތްތައް މެދުކަނޑާލައިފަ އެވެ. އަދި ބައެއް ޓީވީ ނިއުސް ޗެނަލްތައް ބަންދުކޮށްފައި ވާއިރު، ގިނަ ނޫސްތަކުގެ ވެބްސައިޓްތަކުގެ ހިދުމަތް ވެސް ވަނީ ކެނޑިފަ އެވެ.

އޭގެ އިތުރުން ބަންގްލަދޭޝްގެ މަރުކަޒީ ބޭންކާއި ބޮޑުވަޒީރުގެ އޮފީސް ހިމެނޭ ގޮތަށް ސަރުކާރުގެ ބައެއް މުހިންމު ވެބްސައިޓްތައް ވަނީ ހެކްކޮށްފަ އެވެ.

ވެރިރަށުގެ އުތުރުގައި އޮންނަ ޑިސްޓްރިކްޓް، ނަރުސިންގްޑީގެ ޖަލަކަށް ހުކުރު ދުވަހު މުޒާހަރާގެ ބައިވެރިން ވަދެ، އެ ޖަލުގައި ރޯކޮށްލުމުން 800 އެއްހާ ގައިދީން ފިލާފައިވާ ކަމަށް ވެސް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެ ހަލަބޮލިކަމުގެ ސަބަބުން ބަންގްލަދޭޝްގެ ހިންގުމާއި އިގްތިސާދު ހީނަރުވެ، ދަސްވެނިވާ ދަރިވަރުންނަށް ރަނގަޅު ވަޒީފާއެއް ނުލިބޭ ޒުވާނުންގެ މާޔޫސްކަން ހާމަވެގެންދެ އެވެ. މީގެ އިތުރުން، އިދިކޮޅު މައި ޕާޓީތަކުން ބޮއިކޮޓްކުރި ޖެނުއަރީ މަހު ބޭއްވި އިންތިހާބަށް ފަހު ޖެހިޖެހިގެން ހަތަރު ވަނަ ދައުރެއް ކާމިޔާބު ކުރެއްވި ބޮޑުވަޒީރު ޝެއިހް ހަސީނާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަަށް އެ މުޒާހަރާތައްވެ އެވެ.

މުޒާހަރާގެ ބައިވެރިން ބުނަނީ ކޯޓާ ނިޒާމަކީ ތަފާތުކުރުމެއް ކަމަށާއި ގައުމު މިނިވަން ކުރި އަދި ހަސީނާގެ ސަޕޯޓަރުންނަށް މަންފާ ލިބޭ ނިޒާމެއް ކަމަށެވެ. އެ ނިޒާމުގެ ބަދަލުގައި ފެންވަރަށް ބަލައިގެން ވަޒީފާތައް ދޭނެ ސިސްޓަމެއް ގެންނަން ޖެހޭ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ކޯޓާ ނިޒާމު ދިފާއުކުރައްވައި ހަސީނާ ވިދާޅުވީ، ސިޔާސީ ކަންކަން އެއްފަރާތްކޮށް، ޕާކިސްތާނާ ދެކޮޅަށް ހަނގުރާމަ ކުރި ފަރާތަކުން ކޮށްދިން މަސައްކަތްތަކަށް ބޮޑު އިހުތިރާމެއް ދޭން ޖެހޭ ކަމަށެވެ.

މީގެ ހަ އަހަރު ކުރިން، 2018 ވަނަ އަހަރު ސަރުކާރުން ވަޒީފާގެ ކޯޓާ ސިސްޓަމް ހުއްޓާލީ ދަރިވަރުންގެ ބޮޑު މުޒާހަރާއަކާ ގުޅިގެންނެވެ. ނަމަވެސް، މިދިޔަ ޖޫން މަހު ބަންގްލަދޭޝްގެ ހައި ކޯޓުން ވަނީ އެ ނިންމުން ބާތިލްކޮށް، ކޯޓާ އަލުން ދޭން ނިންމައިފަ އެވެ. އަލުން ކޯޓާ ނިޒާމު އަނބުރާ ރުޖޫއަ ކުރީ ކުރީގެ ސިފައިންގެ ގާތްތިމާގެ މީހުން ޕެޓިޝަނެއް ހުށަހެޅުމުންނެވެ.

ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް ނިމެންދެން އެ ހުކުމް ސަސްޕެންޑްކޮށްފައިވާ ކަމަށާއި އެ މައްސަލަ މިއަދު ކުރިއަށް ގެންދާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް