ތެހްރާނުގައި މި މަހުގެ 1 ވަނަ ދުވަހު އޮތް މުނާސަބަތެއްގައި އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމެނާއީ ތަގްރީރު ކުރައްވަނީ.

އީރާން

ދެމިއޮތުމަށް ނުރައްކާވާ ނަމަ ނިއުކްލިއާ ހަތިޔާރު އުފައްދާނަން: އީރާން

އީރާން އާއި އިޒްރޭލާ ދެމެދު އޮތް ހަތުރުވެރިކަން ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައި

އީރާން ދެމިއޮތުމަށް އިޒްރޭލުން ނުރައްކާ ކުރާ ނަމަ ނިއުކްލިއާ ހަތިޔާރެއް އުފެއްދުމަށް މަޖުބޫރުވާނެ ކަމަށް އީރާންގެ ސުޕްރީމް ލީޑަރަށް ލަފާއަރުއްވާ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

"އީރާން ދެމިއޮތުމަށް ނުރައްކާވާ ހާލަތެއްގައި ނިއުކްލިއާ ބޮމެއް ހެދުން ނޫން ގޮތެއް ނެތް، އަސްކަރީ ވިސްނުން ބަދަލުކުރުން ނޫން ގޮތެއް ނޯންނާނެ،" ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމެނާއީ އަށް ލަފާ އަރުއްވާ ކަމާލް ހައްރާޒީ މިއަދު ވިދާޅުވި ކަމަށް އީރާންގެ ސްޓޫޑަންޓް ނިއުސް ނެޓްވޯކް އިން ރިޕޯޓްކޮށްފައިވެ އެވެ.

"އަހަރެމެންގެ ނިއުކްލިއާ މަރުކަޒުތަކަށް ޒަޔަނިސްޓު ގައުމުން ހަމަލާއެއް ދީފި ނަމަ އަހަރެމެންގެ ވިސްނުން ބަދަލުކުރާނަން."

އީރާނުން ނިއުކްލިއާ ހަތިޔާރު ބިނާ ކުރުމާ ބެހޭގޮތުން ހާމެނާއީ 2000ގެ އަހަރުތަކުގެ ކުރީކޮޅު ދެއްވި ފަތުވާއެއްގައި ވިދާޅުވީ އީރާނުން އެފަދަ ހަތިޔާރެއް ބިނާ ނުކުރާނެ ކަމަށާއި އެއީ ދީނީ ގޮތުން "ހަރާމް" ކަމެއް ކަމަށެވެ.

ނަމަވެސް ހުޅަނގުގެ ޕްރެޝަރުތަކާ ހެދި ނިއުކްލިއާ ހަތިޔާރު ތައްޔާރުކުރަން މަޖުބޫރު ވެދާނެ ކަމަށް އިރާނުގެ ޖާސޫސީ ވަޒީރު 2021 ވަނަ އަހަރު ވަނީ ވިދާޅުވެފަ އެވެ.

އީރާނުން މިހާރު ޔޫރޭނިއަމް މުއްސަނދި ކުރަމުން އަންނަނީ %60އާ ހަމައަށެވެ. ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަން މި އަދަދު %90 އަށް އަރަން ޖެހެ އެވެ. އީރާނުގައި މިހާރު ހުރި ޔޫރޭނިއަމް އިތުރަށް ފައްކާ ކޮށްފި ނަމަ ނިއުކްލިއާ ދެ ބޮން ހެދިދާނެ ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ އޮފިޝަލަކު ވިދާޅުވި އެވެ.

އީރާން އާއި އިޒްރޭލާ ދެމެދު އަހަރުތަކެއް ވަންދެން ނުތަނަވަސްވެފައި އޮތް ހުޅުގަނޑު މިދިޔަ މަހު ވަނީ ފަޅައިގެން ގޮސްފަ އެވެ.  ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އީރާނުގެ އެމްބަސީއަށް އިޒްރޭލުން ދިން ކަމަށް ގަބޫލު ކުރެވޭ ހަމަލާއަކާ ގުޅިގެން އީރާނުން ވަނީ އިޒްރޭލަށް 300 އަށް ވުރެ ގިނަ މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފަ އެވެ. ނަމަވެސް މި މިސައިލްތައް އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރިއްޔާތަކުން ވަނީ ވައްޓާލާފަ އެވެ. 

ރައްދުގައި އިޒްރޭލުން ވެސް ވަނީ އީރާނަށް ރަމްޒީ ހަމަލާތަކެއް ފޮނުވާލާފަ އެވެ. އީރާން އަށް ގެއްލުމެއް ލިބިފައި ނުވާ އެ ހަމަލާތަކުގެ ރައްދު ތެހެރާނުން އިޒްރޭލަށް ދީފައެއް ނުވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް