ގާޒާއަށް ވެއްދުމަށް އެހީ ބަރުކޮށްފައިވާ ލޮރީތަކެއް މިސްރުގެ އަލް-އާރިޝް ސިޓީ ބޯޑަރުގައި އިއްޔެ މަޑުކޮށްގެން.

ގާޒާ ހަނގުރާމަ

ގާޒާއަށް އިއްޔެ އެއްވެސް އެހީއެއް ވެއްދިފައެއް ނުވޭ: އދ.

އިޒްރޭލުން ވަނީ ރަފަހްގެ ބައެއް ސަރަހައްދުތައް ހުސްކުރަން އަންގާފައި. މީގެ ތެރޭގައި ހޮސްޕިޓަލްތައް ހުރި ސަރަހައްދުތައް ވެސް ހިމެނޭ.

ގާޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާގެ ހާލަތު ގޯސްވަމުންދާ ހަލުވިމިނާ މެދު އދ.ގެ ތަރުޖަމާނު ސްޓެފާން ޑުޖަރިކް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ގާޒާގައި ހިންގަމުން އަންނަ އދ.ގެ އޮޕަރޭޝަންތަކާ ބެހޭގޮތުން އަޕްޑޭޓެއް ދެއްވަމުން ޑުޖަރިކް ވިދާޅުވީ ހަމަލާތަކާ ގުޅިގެން މިހާރު ވެސް އެހީގެ މަސައްކަތްތައް ކުރުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އިއްޔެ ވެސް ގާޒާއަށް އެއްވެސް އެހީގެ ސާމާނެއް ވެއްދިފައި ނުވާ ކަމަށެވެ.

ޑުޖަރިކް ވިދާޅުވީ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ތެޔޮ ފަދަ ތަކެތި ހުއްޓާނުލާ ގާޒާއަށް ވައްދަން ޖެހޭ ކަމަށެވެ. އަދި ބައެއް ސިއްހީ ހިދުމަތްތައް ހުއްޓުމަކަށް އައުމުގެ ބިރު ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ހާލަތު އޮތީ ވަރަށް ގޯސްކޮށްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ޑުޖަރިކް އިތުރަށް ވިދާޅުވީ މި ހާލަތުގެ ސީރިއަސްކަން އަލް-ނިއްޖާރް ހޮސްޕިޓަލް ހުސްކުރުމަށް އިޒްރޭލުން އެންގި އެންގުމުން ފެނިގެންދާ ކަމަށާއި ވަކިން ހާއްސަކޮށް އެ ހޮސްޕިޓަލުން ޑައަލިސިސް ހަދަމުން އައި ބަލިމީހުންނަށް ކުރިމަތިވެފައިވާ ހާލަތު ސީރިއަސް ކަމަށެވެ.

"ރަފަހްގެ ތިން ހޮސްޕިޓަލުގެ ތެރެއިން އެއް ހޮސްޕިޓަލް ކަމުގައިވާ އަލް-ނިއްޖާރް އިއްޔެ ކުއްލިގޮތަކަށް ހުސްކުރަން ޖެހުނީ. އެއީ އިޒްރޭލުގެ ދިފާއީ ބާރުތަކުން ހުސްކުރުމަށް ފޮނުވި އަމުރުގައި ފާހަގަކޮށްފައި ހުރި ސަރަހައްދުގައި ހުންނަ ހޮސްޕިޓަލަކަށް ވާތީ،" ޑުޖަރިކް ވިދާޅުވި އެވެ.

ގާޒާގެ ހުރިހާ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދާނެކަން އދ. އިން ވަނީ ކަށަވަރުކޮށްދީފަ އެވެ. ގާޒާގެ އާބާދީގެ ދެބައިކުޅަ އެއްބައި ކަމުގައިވާ މިލިއަނަކަށް ވުރެ ގިނަ އާންމުން ހިމާޔަތް ހޯދައިގެން މިވަގުތު ޖަމާވެފައި ތިބީ ރަފަހް ސިޓީގަ އެވެ.

ގާޒާގެ އާންމުން ކޮންމެ ތަނެއްގައި ތިބި ނަމަވެސް ނުވަތަ އެހެން ތަނަކަށް ބަދަލުވާން ޖެހުނު ކަމުގައިވީ ނަމަވެސް އެ މީހުންގެ އެންމެ އަސާސީ ހައްގުތައް ކަށަވަރުކޮށްދީ އެމީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން މަޖުބޫރު ކަމަށް އދ.ގެ އިންސާނީ އެހީއާ ބެހޭ އޮފީހުގެ ވެރިޔާ މާޓިން ގްރިފިތުސް ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ގޯސްވަމުންދާ ހާލަތާ ގުޅިގެން އާންމުން ރައްކާތެރި ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަވަހަށް އަޅަން ޖެހޭ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް