އެމެރިކާގެ ރައީސް ޖޯ ބައިޑަން.

އެމެރިކާ

ރަފަހްއަށް ވަދެފި ނަމަ އިޒްރޭލަށް ބައެއް ހަތިޔާރުތައް ސަޕްލައި ކުރުން އެމެރިކާއިން ހުއްޓާލަނީ

މިއީ ރަފަހް އަށް ނުވަނުމަށް އެމެރިކާއިން އިޒްރޭލަށް މިހާތަނަށް ދިން އެންމެ ހަރުކަށި އިންޒާރު

ގާޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީއަށް ވަދެގަނެ ބޮޑު އޮޕަރޭޝަނެއް ފައްޓައިފި ނަމަ އެމެރިކާއިން ބައެއް ހަތިޔާރު ސަޕްލައިކުރުން ހުއްޓާލާނެ ކަމުގެ އިންޒާރު ރައީސް ޖޯ ބައިޑަން އިޒްރޭލަށް ދެއްވައިފި އެވެ.

"އެ މީހުން ރަފަހް އަށް ވަދެގަނެފި ނަމަ، ތާރީހުގެ ތެރެއިން ރަފަހްގައި ބޭނުންކޮށްފައި ހުރި އެއްވެސް ވައްތަރެއްގެ ހަތިޔާރެއް އަހަރެންނެއް ނުފޮނުވާނަން،" ސީއެންއެން އަށް ދެއްވި ބަސްދީގަތުމެއްގައި ބައިޑަން ވިދާޅުވި އެވެ.

އަދި "އިޒްރޭލުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދެމިހުންނާނަން" ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.

އެމެރިކާއިން ފާޅުގައި ދެމުން އަންނަ ހަރުކަށި އިންޒާރުތަކާ އެކު ނަމަވެސް އިޒްރޭލުން އަންނަނީ ރަފަހްއަށް ވަދެގަނެ ބޮޑު އޮޕަރޭޝަނެއް ހިންގުމަށް ތައްޔާރުވަމުންނެވެ.

ރަފަހް ބެލެވިފައި ވަނީ ގާޒާގައި ހަމާސްގެ ބާރު މިހާރު އޮތް ހަމަ އެކަނި ސަރަހައްދު ކަމުގަ އެވެ. އަދި މި ސިޓީގައި ބޮޑު އޮޕަރޭޝަނެއް ހިންގައިފި ހިމާޔަތް ހޯދައިގެން ތިބި މިލިއަނަކަށް ވުރެ ގިނަ އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ވާނޭކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބުދަ ދުވަހު ސީއެންއެން އިން ދުރައް ދެއްކި ބަސްދީގަތުމުގައި ބައިޑަން ވިދާޅުވީ، "އަހަރުމެން ހަތިޔާރާއި އާޓިލަރީ ވަޒަން ސަޕްލައި ނުކުރާނަން" ކަމަށެވެ.

އަދި އިޒްރޭލުން ރަފަހަ އަށް އަދި ވަދެގަނެފައި ނުވާ ކަމަށާއި މިހާތަނަށް އިޒްރޭލުން ކުރިކަމެއް ކޮށްފައި ވަނީ ރަފަހްގެ ބޯޑަރުގައި ކަމަށް ބައިޑަން ވިދާޅުވި އެވެ.

"އެކަމަކު [އިސްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ] އަށާއި ހަނގުރާމައާ ބެހޭ ކެބިނެޓަށް އަހަރެން ސާފުކޮށް ދަންނަވައިފިން އާބާދީ ތޮށްޖެހިފައި ތިބި ތަންތަނަށް ވަދެގަތުމަށް އަހަރުމެންގެ ތާއީދެއް ނުލިބޭނެކަން."

އިޒްރޭލުން ރަފަހް އަށް ވަދެފިނަމަ ހަތިޔާރު ނުދޭނެކަމަށް އެމެރިކާ ރައީސް ވިދާޅުވާ ގުޅޭ (ވީޑިއޯ/ސީބީސީ ނިއުސް)

އިސްރޭލުން ގާޒާގައި ތިބި އާންމުން މެރުމަށް އެމެރިކާގެ ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ބައިޑަން ވަނީ މި ބަސްދީގަތުމުގައި އިއުތިރާފް ވެވަޑައިގެންފަ އެވެ. އަދި އިޒްރޭލުން "ރަތް ރޮނގެއް" ހުރަސްކޮށްފައި ވޭތޯ ސުވާލު ކުރުމުން ބައިޑަން ވިދާޅުވީ "އަދި ހުރަސްކޮށްފައެއް ނުވޭ" ކަމަށެވެ.

ބައިޑަންގެ މި ބަސްދީގަތުމަކީ ރަފަހް އަށް ވަދެގަތުމާ ދެކޮޅަށް އެމެރިކާއިން އިޒްރޭލަށް މިހާތަނަށް ދިން އެންމެ ވަރުގަދަ އިންޒާރެވެ. އަދި އިޒްރޭލަށް ފޮނުވަން ހަމަޖައްސާފައި އޮތް ބޮން ޝިޕްމަންޓެއް މަޑުޖައްސާލާފައިވާ ކަމަށް މިހަފްތާގައި ވޮޝިންޓަނުން ވަނީ ހާމަކޮށްފަ އެވެ.

ގާޒާގައި އިސްރޭލުން ހިންގަމުންދާ އޮޕަރޭޝަންތައް ހުއްޓުވުމަށް އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީ ބައެއް މެމްބަރުންނާއި އާންމުންގެ ގިނަ ބަޔަކު ވެސް ދަނީ ރައީސް ބައިޑަން އަށް ޕްރެޝަރު ކުރަމުން ނެވެ.

ކޮމެންޓް (1)

profile-image-placeholder

އަލިބެ

9 މޭ 2024
ދުނިޔެއަށް ދައްކާލާ ދަޅަ ތިޔައީ. އިޒްރޭލަކީ އެމެރިކާ،ޔޫރަޕް އަދި ހުޅަނގުގެ ނަހަލާލު ދަރިއެއް.އިޒްރޭލު ހިމާޔަތް ކުރަން ބިލިއަނުން ހޭދަކުރަމުން އެދަނީ އެގައުމުތަކުން.އިރާނުން ދިން ހަމަލާއިން އިޒްރޭލު ސަލާމަތްކުރަން އެގައުމުތަކުން އެކުރީ އޭގެ ހެއްކަކަށް ފުދޭ މަސައްކަތެއް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް