ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ އެކްޓިވިސްޓް މަރާލުމުގައި އިންޑިއާ ސަރުކާރުގެ އަތެއް އޮވެދާނެ ކަމަށް ވިދާޅުވެފައި.

ކެނެޑާ

ކެނެޑާގައި ސީކް އެކްޓިވިސްޓެއް މަރާލި މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން އިންޑިއާ އާއި ކެނެޑާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި

އިންޑިއާގައި ސީކުންނަށް ވަކި ދައުލަތެއް ގާއިމު ކުރުމަށް ގޮވާލަމުން ދިޔަ އެކްޓިވިސްޓެއް ކެނެޑާގައި މަރާލި މައްސަލައިގައި ކެނެޑާއިން އިންޑިއާގެ ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ހަރްދީޕް ސިންގް ނިއްޖާރް، 45، މަރާލާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ކެނެޑާގެ ވެންކޫވާގަ އެވެ.

މި މައްސަލައިގައި އިންޑިއާ ސަރުކާރުގެ އަތެއް އޮތް ކަމަށް ބެލެވޭ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މިދިޔަ އަހަރު ވިދާޅުވުމާ ގުޅިގެން އިންޑިއާ އާއި ކެނެޑާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ.

ދިއްލީ އިން ވަނީ ކެނެެޑާގެ ތުހުމަތު ދޮގުކޮށްފަ އެވެ.

ނިއްޖާރް މަރާލި މައްސަލައިގައި ކެނެޑާގައި ހައްޔަރުކޮށްފައި ވަނީ ކަރަން ބްރާ، 22، ކަމާތު ޕްރީތު ސިންގް، 22، އަދި ކަރަން ޕްރީތު ސިންގް، 28، ކަމަށް ކެނެޑާ ފުލުހުންގެ ސުޕަރިންޓެންޑެންޓް މަންދީޕް މޫކަރް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ މި ތިން މީހުން ހައްޔަރު ކުރީ އެ މީހުން ދިރިއުޅެމުން ދިޔަ އެޑްމޮންޓަން އިން ކަމަށެވެ. ކޯޓު ރެކޯޑްތަކުން ފެންނަން އޮތް ގޮތުގައި އެމީހުންގެ މައްޗަށް ކުރަނީ ގަސްދުގައި މީހަކު މަރާލުމާއި މީހަކު މަރާލުމަށް ރޭވުމުގެ ތުހުމަތެވެ. 

މި ތިން މީހުން ކެނެޑާގައި ދިރިއުޅެމުން އަންނަތާ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް ވެފައިވާ ކަމަށް ކެނެޑާ ފުލުހުން ބުނެ އެވެ.

އަދި މި މައްސަލައާ "އިންޑިއާ ސަރުކާރާ އޮތް ގުޅުން" ދެނެގަތުމުގެ ތަހްގީގުތައް އަދިވެސް ކުރިއަށް ދާ ކަމަށް ފުލުހުން ބުނެ އެވެ.

"މި މައްސަލައިގައި ވަކިވަކިން ތަފާތު ތަހުގީގުތަކެއް ކުރިއަށް އެބަ ގެންދަން. އެއީ މިއަދު ހައްޔަރު ކުރި މީހުންގެ މައްޗަށް އެކަނި ހިންގަމުން އަންނަ ތަހުގީގުތަކެއް ނޫން،" ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރު ޑޭވިޑް ތެބޫލް ވިދާޅުވި އެވެ. 

އަދި މި ތަހުގީގުތަކުގައި އިންޑިއާގެ އިދާރާތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް  އެ ގުޅުން "އުނދަގޫ ވެފައި ގޮންޖެހުން ބޮޑުތާ" ގިނަ އަހަރުތަކެއް ވެފައިވާ ކަމަށް ކެނެޑާގެ ފުލުހުން ބުންޏެވެ.

ނިއްޖާރް އަކީ އިންޑިއާގެ ޕަންޖާބު ސަރަހައްދުގައި ސީކުންނަށް ހާލިސްތާންގެ ނަމުގައި މިނިވަން ދައުލަތެއް އުފެއްދުމަށް ކެމްޕެއިން ކުރަމުން އައި އެކްޓިވިސްޓެކެވެ. އިންޑިއާ ސަރުކާރުން މީގެ ކުރިން އޭނާ ސިފަކޮށްފައި ވަނީ ވަކިވެގަންނަން މަސައްކަތް ކުރާ ހަނގުރާމަވެރި ގްރޫޕެއް ގެންގުޅޭ ޓެރަރިސްޓެއްގެ ގޮތުގަ އެވެ. މަރާލުމުގެ ކުރިން ވެސް ނިއްޖާރް އަށް މަރުގެ އިންޒާރުތައް ލިބުނު ކަމަށް ނިއްޖާރް އަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އަދި ނިއްޖާރް މަރާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ކެނެޑާގެ ޖާސޫސީ ހިދުމަތްތަކުން އޭނާއަށް އިންޒާރު ދިން ކަމަށް ވެސް އޭނާއާ ގާތް މީހުން ވަނީ ބުނެފަ އެވެ.

ކެނެޑާއިން ކުރާ ތުހުމަތުތައް އިންޑިއާ ސަރުކާރުން ދޮގު ކުރާ އިރު، "ހާލިސްތާނުގެ ޓެރަރިސްޓުންނަށާއި ހައްދުފަހަނައަޅާފައިވާ މީހުންނަށް" ކެނެޑާއިން އިން ހިމާޔަތް ދެމުންދާ ކަމަށް ނިއު ދިއްލީއިން ތުހުމަތު ކުރެ އެވެ.

ނިއްޖާރްގެ މަރުގެ މައްސަލައިގައި ތިން މީހަކު ހައްޔަރު ކުރުމާ ގުޅޭ (ވީޑިއޯ/ވިއޯން)

މި މައްސަލައާ ގުޅިގެން އިންޑިއާއިން ވަނީ ދިއްލީގައި ހުންނަ ކެނެޑާ އެމްބަސީގެ މުވައްޒަފުން މަދުކުރުމަށް މިދިޔަ އަަހަރު އަންގާފަ އެވެ. އަދި އިންޑިއާ ސަރުކާރުގެ އަތެއް އޮތް ކަމަށް ބުނާ ތުހުމަތަކަށް ހެކި ދެއްކުމަށް ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯއަށް އެކި ފަރާތްތަކުން ޕްރެޝަރު ބޮޑުކޮށްފައި ވެސް ވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް