ހާރިޖީ ވަޒީރު ކަމުގެ މަގާމުގައި ހުންނެވިއިރު މަނެލޭ ވަނީ ޗައިނާއާ އެކު ޑީލެއް ހައްދަވާފައި.

ސޮލޮމޮން އައިލެންޑްސްގެ އިންތިހާބު ޗައިނާއަށް ތާއީދު ކުރާ ކެނޑިޑޭޓު ކާމިޔާބުކޮށްފި

ޕެސިފިކް ސަރަހައްދަށް ނުފޫޒު ފޯރުވުމުގެ ރޭހުގައި ހުޅަނގާއި ޗައިނާއިން ދަނީ ވަރުގަދައަށް ވާދަ ކުރަމުން

ބެއިޖިންގް އާ އެކު ގެންގުޅުމެން އަންނަ ގާތް ގުޅުންތައް ދެމެހެއްޓުމުގެ ނިޝާނެއްގެ ގޮތުން ޕެސިފިކް ކަނޑުގައި އޮންނަ ސޮލޮމޮން އައިލެންޑްސްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ޗައިނާއަށް ތާއީދު ކުރައްވާ ބޭފުޅެއް ހަމަޖައްސަވައިފި އެވެ.

ޖެރަމަޔާ މަނޭލޭ ބޮޑުވަޒީރު ކަމަށް އައްޔަން ކުރުމަށް ފާސްވެފައި ވަނީ 31 ވޯޓުން ނެވެ. އިދިކޮޅުން ވާދަކުރެއްވި ވިލިއަމް ވޭލް އަށް ލިބިވަޑައިގަތީ 18 ވޯޓެވެ.

މިއާ އެކު ހުޅަނގަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަންނަ މިހާރުގެ ބޮޑުވަޒީރު މަނާސޭހް ސޮގަވާރޭ އަށް ފަހު މި މަގާމާ ހަވާލުވެވަޑައިގަންނަވާނީ މަނޭލޭ އެވެ.

 ސޮލޮމޮން އައިލެންޑްސް އިން 2019 ވަނަ އަހަރު ވަނީ ޓައިވާނާ އެކު އޮތް ރަސްމީ ގުޅުންތައް ކަނޑާލައި، ޗައިނާއާ އެކު މި ގުޅުންތައް ގާއިމުކޮށްފަ އެވެ. ސަރަހައްދީ ގައުމުތަކަށް ސިހުން ލިބިގެން ދިޔަ މި ފިޔަވަޅު ނިންމި އިރު ސޮލޮމޮން އައިލެންޑްސްގެ ހާރިޖީ ވަޒީރު ކަމުގެ މަގާމުގައި ހުންނެވީ މަނޭލޭ އެވެ. 

ބޮޑުވަޒީރު ކަމުގެ މަގާމާ މަނޭލޭ އަދި ހަވާލުވެވަޑައިގެންފައި ނުވި ނަމަވެސް އޭނާ ވަނީ މިހާރު ވެސް ޗައިނާއާ އެކު އޮތް ގާތް ގުޅުންތައް ކުރިއަށް ގެންދަވާނެ ކަމުގެ އިޝާރާތްތައް ދެއްވާފަ އެވެ. މީގެ ތެރޭގައި ދިފާއީ އަދި ސަލާމަތީ ކަންކަމާ ބެހޭގޮތުން ޗައިނާއާ އެކު ސޮލޮމޮން އައިލެންޑްސް އިން ހަދާފައިވާ ސިއްރު ޑީލު ވެސް ހިމެނެ އެވެ. 

އިދިކޮޅު ފަރާތްތަކުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ފުރުސަތު ލިބިއްޖެ ނަމަ މި ޑީލު އުވާލަން ނުވަތަ މި ޑީލުގައިވާ ތަފްސީލުތައް އާންމުންނަށް ހާމަކުރަން މަސައްކަތް ކުރާނެ ކަމަށް ކުރިން ބުނެފަ އެވެ. 

ޗައިނާއާ އެކު އޮތް ގާތް ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ އިޝާރާތްތަކެއް މަނާލޭ ދެއްވި ނަމަވެސް ޒަމާނުއްސުރެ ސޮލޮމޮން އައިލެންޑްސް އިން ގާތް ގުޅުންތަކެއް ބާއްވަމުން އަންނަ އޮސްޓްރޭލިއާ ފަދަ ހުޅަނގުގެ ގައުމުތަކާ ދެކޮޅަށް މާ ބޮޑު ވާހަކަތަކެއް މަނޭލޭ ދައްކަވާނެކަމަށް ނުބެލެވޭ ކަމަށް މާހިރުން ލަފާ ކުރައްވަ އެވެ.

މިހާތަނަށް މަނޭލޭ ފާހަގަ ކުރެވިގެން ގޮސްފައި ވަނީ ވަކި ކޮޅަކަށް މާ ބޮޑަށް ބުރަނުވާ ގޮތަށް ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުގަ އެވެ.

ބޮޑުވަޒީރު ކަމަށް ހޮވިވަޑައިގަތުމާ އެކު މަނޭލޭ އަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވި ލީޑަރުންގެ ތެރޭގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް ހިމެނިވަޑައިގަންނަވަ އެވެ.

"އޮސްޓްރޭލިއާ އާއި ސޮލޮމޮން އައިލެންޑްސް އަކީ ގާތް ރަހުމަތްތެރިން އަދި އަހަރުމެންގެ މުސްތަގްބަލު އޮތީ ގުޅިފައި،" މަނޭލޭއާ އެކު މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށް ފާހަަގަކޮށް އަލްބަނީސް އެކްސްގައި ޕޯސްޓް ކުރައްވާފައިވެ އެވެ.

ސޮލޮމޮން އައިލެންޑްސްގެ ބޮޑުވަޒީރު ކަމަށް މަނޭލޭ ހޮވިވަޑައިގަތުމާ ގުޅޭ (ވީޑިއޯ/ވިއޯން)

ސޮލޮމޮން އައިލެންޑްސްގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވި އާންމު އިންތިހާބު އޮތީ މިދިޔަ މަހު އެވެ. އަދި ބޮޑުވަޒީރު ކަމަށް ބޭފުޅަކު އައްޔަން ކުރަނީ މަޖިލީހަށް ހޮވޭ މެމްބަރުންގެ މެދުގައި ވޯޓެއް ނަގައިގެންނެވެ. މި ވޯޓު ނަގާފައި ވަނީ މިއަދު އެވެ.

އެތައް ސަތޭކަ ރަށްތަކެއްގެ މައްޗަށް އުފެދިފައި އޮތް ޖަޒީރާ ފަގީރު ގައުމެއް ކަމުގައިވާ ސޮލޮމޮން އައިލެންޑްސްގެ އާބާދީ އުޅެނީ 700،000 ވަރުގަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް