ހާކީވް އިން ފެނުނު އުތުރު ކޮރެއާގައި އުފައްދާފައިވާ ކަމަށް ބެލެވޭ މިސައިލެއްގެ ބައެއް.

އދ

ޔޫކްރެއިންގެ ހާކީވް އަށް ހަމަލާ ދީފައި ވަނީ އުތުރު ކޮރެއާގެ މިސައިލުތަކުން: އދ.

އުތުރު ކޮރެއާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ހުޅަނގުން ތުހުމަތު ކުރަމުން އަންނަތާ ގިނަ މަސްތަކެއް ވަނީ ވެފައި

ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު ޔޫކްރެއިނުގެ ހާކީވް އަށް ވެއްޓުނު މިސައިލުގެ ބަޔަކީ އުތުރު ކޮރެއާއިން އުފައްދާ ބެލިސްޓިކް މިސައިލެއްގެ ބައެއް ކަމަށް އދ.ގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ މޮނިޓަރުން އދ.ގެ ސަލާމަތީ މަޖިލީހުގެ ކޮމިިޓީއަކަށް އަންގާފައިވާ ކަމަށް ރޮއިޓާސް އިން މިއަދު ރިޕޯޓުކޮށްފި އެވެ.

އދ.ގެ މޮނިޓަރުންގެ ޓީމަކުން މިކަން އަންގާފައިވާ ކަމަށް ބުނާ 32 ސަފްހާގެ ރޮއިޓާސް އަށް ފެނިފައިވާ ރިޕޯޓެއްގައި، މި މިސައިލުގެ ބަޔަކީ އުތުރު ކޮރެއާގެ ހްވާންސޯން-11 މަރުކާގެ ބެލިސްޓިކް މިސައިލެއްގެ ބަޔެއް ކަމަށާއި މިއީ އުތުރު ކޮރެެއާއިން ހަތިޔާރު ނުއުފެއްދުމަށް އަންގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ސީދާ ހިލާފު އަމަލެއް ކަމަށް ބުނެފައި ވެ އެވެ.

އުތުރު ކޮރެއާ އިން ހިންގަމުން އަންނަ ބެލިސްޓިކް މިސައިލް އަދި ނިއުކްލިއާ ޕްރޮގްރާމްތަކާ ގުޅިގެން އދ. އިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ 2006 ވަނަ އަހަރު އެވެ. އަދި ފާއިތުވެދިޔަ އަހަރުތަކުގައި މި ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ.

އދ.ގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ތިން މޮނިޓަރުން ވަނީ މި މަހު ކުރީކޮޅު ޔޫކްރެއިނަށް ވަޑައިގެން، ވެއްޓުނު މިސައިލުގެ ބައިތައް ބަލާ ފާސްކޮށްފަ އެވެ. އަދި މޮނިޓަރުންނަށް "މި މިސައިލު ލޯންޗުކުރި ތަނަކާއި ލޯންޗު ކުރީ ކޮން ބައެއްކަން ވެސް ދެނެގަނެވިފައި ނުވާ" ކަމަށް އެ ރިޕޯޓުގައި ވެ އެވެ.

"ޔޫކްރެއިނުގެ އިދާރާތަކުން ފޯރުކޮށްދިން މައުލޫމާތުތަކުން، މި މިސައިލު ލޯންޗުކޮށްފައި ވަނީ ރަޝިޔާގެ ސަރަހައްދުގެ ތެރެއިންކަން ވަނީ ދެނެގަނެވިފައި،" އދ.ގެ ސަލާމަތީ މަޖިލީހުގެ އުތުރު ކޮރެއާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ކޮމިޓީއަށް މިދިޔަ ބުރާސްފަތި ދުވަހު ހުށައެޅި ރިޕޯޓުގައި ވެ އެވެ.

ޔޫކްްރެއިނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އުތުރު ކޮރެއާއިން ރަޝިޔާއަށް ހަތިޔާރު ސަޕްލައި ކުރަމުންދާ ކަމަށް އެމެރިކާ އާއި ހުޅަނގުގެ އެހެން ގައުމުތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

މޮސްކޯ އާއި ޕްޔޯންގްޔޭންގް އިން މި ތުހުމަތުތައް ދޮގުކޮށްފައި ވާއިރު، މިދިޔަ އަހަރު މި ދެ ގައުމުން ވަނީ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރަން ނިންމައި އެކަން އިއުލާނުކޮށްފަ އެވެ.

އުތުރު ކޮރެއާގެ މިސައިލެއްގެ ބައެއް ޔޫކްރެއިނުން ފެނުމާ ގުޅޭ (ވީޑިއޯ/ވިއޯން)

މިދިޔަ ފެބްރުއަރީ މަހު އޮތް އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި، އުތުރު ކޮރެއާގައި އުފައްދާފައިވާ ބެލިސްޓިކް މިސައިލުތައް މަދުވެގެން ނުވަ ފަހަރަކު ޔޫކްރެއިނަށް ހަމަލާ ދޭން ރަޝިޔާއިން ބޭނުންކޮށްފައިވާ ކަމަށް އެމެރިކާއިން ތުހުމަތު ކޮށްފައި ވެ އެވެ.

އދ.ގެ މޮނިޓަރުން ވިދާޅުވި ގޮތުގައި، އުތުރު ކޮރެއާއިން ހްވާސޯންގް-11 މަރުކާގެ ބެލިސްޓިކް މިސައިލު ފުރަތަމަ އާންމުކޮށް ޓެސްޓުކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް