ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އައިއެމްއެފްގެ ވެރިޔާ ކްރިސްޓަލީނާ ޖޯޖީވާއާ އެކު ސައުދީ އަރަބިއްޔާގެ ރިޔާދުގައި އިއްޔެ ބައްދަލު ކުރައްވަނީ.

ޕާކިސްތާން

އައިއެމްއެފް އިން ޕާކިސްތާނަށް 1.1 ބިލިއަން ޑޮލަރު ދޫކުރަނީ

ބޭރު ލޯނުތަކަށް ފައިސާ ދައްކަން ޕާކިސްތާނުން އަންނަނީ އިތުރު ލޯނުތައް ނަގަމުން

އިގްތިދާސީ ހީނަރުކަމާ ކުރިމަތިވެފައި އޮތް ޕާކިސްތާންއާ އެކު އިއްޔެ ބޭއްވި މުހިންމު ބައްދަލުވުމަކަށް ފަހު އެ ގައުމަށް ދޭން ފާސްކޮށްފައިވާ ލޯނު އެހީގެ ތެރެއިން 1.1 ބިލިއަން ޑޮލަރު ދޫކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ނިންމައިފި އެވެ.

ބޭރުގެ މާލީ އެހީގެ މައްޗަށް ޕާކިސްތާނުން ބަރޯސާވެފައި އޮތް އޮތުން ކުޑަކުރުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ބުނެ އިގްތިސާދީ މާހިރުން ވަނީ އިންޒާރުފީފަ އެވެ.

މިދިޔަ އަހަރު އެއްބަސްވި ޑީލެއްގެ ދަށުން ޕާކިސްތާނަށް ދޫކުރަން ނިންމި 3 ބިލިއަން ޑޮލަރުގެ ލޯނު އެހީގެ އެންމެ ފަހު ބައި ދޫކުރުމަށް ނިންމާފައިވާ ކަން ޕާކިސްތަނުގެ މާލީ ވުޒާރާ އާއި އައިއެމްއެފް އިން ހާމަކުރީ ރޭ އެވެ. 

ލޯނު ފައިސާ ދޫކުރުމަށް ނިންމުމުގެ އިތުރުން އައިއެމްއެފް ވަނީ ޕާކިސްތާނު ސަރުކާރަށް އިންޒާރުތަކެއް ވެސް ދީފަ އެވެ.

"ޕާކިސްތާނުގެ އިގްތިސާދު ހަމަޖެހި ވަރުގަދަ އަދި އިއާދަކުރަނިވި ކުރިއެރުންތަކެއް ހާސިލުކުރުމަށް ގެންނަމުންދާ ސިޔާސަތުގެ ބަދަލުތައް އިދާރަތަކުން ދަމަހައްޓަން ޖެހޭ. މީގެ ތެރޭގައި މާލީ އަމާޒުތައް ހާސިލު ކުރުމުގައި ހަރުކަށިކަން ދަމަހައްޓައި ފައިސާގެ އެކްސްޗޭންޖް އަށް އަންނަ ބޮޑެތި ލޮޅުންތަކުން ނާޒުކު ކަންކަން ހިމާޔަތްކޮށް އަދި އިތުރު ފަރާތްތައް ކުރިއަށް ދިޔުމަށް ދެމުން އަންނަ އެހީތެރިކަން ވަރުގަދަކުރުމަށް ގެންނަ ބަދަލުތައް ފުޅާކުރުން،" އައިއެމްއެފްގެ ބަޔާނެއްގައިވެ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އާއި އައިއެމްއެފްގެ މެޖޭނިންގް ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ވަނީ އިއްޔެ ސައުދީގެ ވެރިރަށް ރިޔާދުގައި ބައްދަލުކުރައްވާފަ އެވެ.

އައިއެމްއެފްއާ އެކު މިހާރު ހަމަޖައްސާފައިވާ ޑީލު މިމަހުގެ 11 ވަނަ ދުވަހު ހަމަވެފައި ވާއިރު، ޕާކިސްތާނުން ވަނީ އިތުރު ޑީލެއް ހޯދުމަށް ވެސް މަސައްކަތް ކޮށްފަ އެވެ.

ފާއިތުވެ ދިޔަ ދެ އަހަރެއްހާ ދުވަހު ޕާކިސްތާނުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފަ އެވެ. އެގޮތުން މި މުއްދަތުގެ ތެރޭ  އެގައުމުގެ އިންފްލޭޝަން ރޭޓު %38 އަށް މައްޗަށް ޖެހި، ފެބްރުއަރީ 2023ގައި އެ ގައުމުގެ ރިޒާވު 3 ބިލިއަން ޑޮލަރަށް ތިރިވެފައިވެ އެވެ. އެއީ އެންމެ ފަސް ހަފްތާއަށް ބޭނުންވާ މިންވަރަށް މުދާ އެތެރެކުރުމަށް ޕާކިސްތާނަށް ބޭނުންވާ މިންވަރެވެ.

ކުރިން ޕާކިސްތާނުގެ މާލީ ވުޒާރާއަށް ލަފާ ދެއްވި ހަގަން ނަޖީބް އަލް ޖަޒީރާއަށް ވިދާޅުވީ، ފާއިތުވެ ދިޔަ ނުވަ މަސް ދުވަހުގެ ތެރޭ ގައުމުގެ 350 ބިލިއަން ޑޮލަރުގެ އިގްތިސާދު ކޮންމެވެސް ވަރަކަށް ރަނގަޅުވެ، ބޭރު ފައިސާގެ ރިޒާވް މައްޗަށް ޖެހި މިދިޔަ މަހު %20ގައި ހުރި އިންފްލޭޝަން ވެސް ދަށްވަމުން އަންނަ ކަމަށެވެ.

ޕާކިސްތާނުން ބޭރު ފަރާތްތަކަށް ދައްކަން ހުރި ލޯނުގެ އަދަދު މިހާރު ހުރީ 130 ބިލިއަން ޑޮލަރަށް ވުރެ މަތީގަ އެވެ. އަދި މި ލޯނުތައް ދެއްކުމަށް އިތުރު ލޯނުތައް ނަގަމުން ދިޔުމުގެ ކަންބޮޑުވުން އިގްތިސާދީ މާހިރުން ގެންދަވަނީ ފާޅު ކުރަމުން ނެވެ.

ނަޖީބް ވިދާޅުވީ ސަރުކާރަށް މިހާރު އޮތް މައިގަނޑު ގޮންޖެހުމަކަށް ވާނީ ގައުމުގެ އިގްތިސާދީ ދުވެލި "އުފެއްދުންތެރިކަމާއި އިންވެސްޓްމަންޓުތަކުން" ނެރެވޭނެ މަގުޗާޓެއް އެކުލަވާލުމެވެ.

"އަހަރުމެން ހަނދާން ބަހައްޓަން ޖެހޭ ޕާކިސްތާނުން މިހާރު ވެސް އައިއެމްއެފް އަށް 7 ބިލިއަން ޑޮލަރު ދައްކަން އެބަ އޮތް،" ނަޖީބް ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް