ގާޒާގެ އާބާދީގެ ދެބައި ކުޅަ އެއްބައި ވަނީ ރަފަހްއަށް ޖަމާވެފައި

ރަފަހް އުދުވާން ހުއްޓުވަން އެމެރިކާއަށް ފަލަސްތީން ރައީސް ގޮވާލައްވައިފި

ރަފަހްއަށް ވަދެނުގަތުމަށް ހުޅަނގުގެ ހުރިހާ ފަރާތްތަކުން ވެސް ދަނީ އިޒްރޭލަށް އިންޒާރު ދެމުން

މިލިއަނަކަށް ވުރެ ގިނަ ފަލަސްތީން ރައްޔިތުން ތޮށްޖެހިފައިވާ ގާޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީގައި އިޒްރޭލުން ހިންގަން އުޅޭ އުދުވާން ހުއްޓުވޭނެ ހަމައެކަނި ގައުމަކީ އެމެރިކާ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް ވިދާޅުވެއްޖެ އެވެ.

ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކުގެ ލީޑަރުކަން ކުރައްވަމުން އަންނަ އައްބާސް  ވިދާޅުވީ ރަފަހްއަށް އެއްވެސް ހަމަލާއެއް ދީފި ނަމަ އެތަނުގައި ތިބި ފަލަސްތީނު ރައްޔިތުން ގާޒާއިން ނުކުތުމަށް ތެޅިގަންނާނެ ކަމަށެވެ.

ހަމާސް އިން ރަހީނުކޮށްފައި ތިބި މީހުން މިނިވަންކުރަން ޑީލެއް ހެދިއްޖެ ނަމަ ރަފަހްއަށް ވަދެގަތުމަށް ގެންގުޅޭ ވިސްނުން ދޫކޮށްލެވިދާނެ ކަމަށް އިޒްރޭލުގެ ހާރިޖީ ވަޒީރު ހޮނިހިރު ދުވަހު ވަނީ ވިދާޅުވެފަ އެވެ.

"އަހަރެމެންގެ އެންމެ މުހިންމު އަމާޒަކީ ރަހީނުން މިނިވަންކުރުން،" އިޒްރޭލް ކަޓްޒް ވިދާޅުވި އެވެ.

ހަމަލާތައް ބަދަލުކުރުން ހުއްޓާލަން އިޒްރޭލާއި ހަމާސްއިން ކުރަމުން އަންނަ ޝަރުތުތަކުގައި ހުރި ފަރަގާ ގުޅިގެން މިސްރާއި ގަތަރުން މެދުވެރިއެއްގެ ރޯލު އަދާކުރަމުން އަންނަ މަޝްވަރާތައް ވަނީ މަޑުޖެހިފަ އެވެ. ނަމަވެސް އިޒްރޭލުން އެންމެ ފަހުން ހުށައަޅާފައިވާ  ޕްރޮޕޯސަލްއަށް ޖަވާބެއް ފޮނުވުމަށް މިސުރުގެ ގާހިރާއަށް ސަފީރެއް ފޮނުވާނެކަމަށް ހަމާސް އިން ވަނީ މިއަދު ބުނެފަ އެވެ. 

ހަމާސް އިން ބޭނުންވަނީ ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނެސް ގާޒާއިން އިޒްރޭލުގެ ހުރިހާ ސިފައިން ފައިބާށެވެ. އަނެއްކޮޅުން އިޒްރޭލުން ބޭނުންވަނީ ހުރިހާ ރަހީނުން  މިނިވަންކޮށް ހަމާސް އެކީ ނައްތާލާށެވެ.

އިޒްރޭލް ސިފައިން ރަފަހްއަށް ވަދެގަތުން އެމެރިކާއިން ހުއްޓުވަން އައްބާސް  ގޮވާލެއްވީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި އޮތް ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

އައްބާސް ވިދާޅުވީ ކިތަންމެ ކުޑަ ހަމަލާއެއް ރަފަހްއަށް ދިން ނަމަވެސް އެތަނަށް ޖަމާވެފައި  ތިބި ފަލަސްތީނު ރައްޔިތުން ސަލާމަތްވުމަށް ތެޅިގަންނާނެ ކަމަށެވެ. 

މިއާ އެކު "ފަލަސްތީނު ރައްޔިތުންގެ ތާރީހުގައި ވެސް އެމީހުންގެ މައްޗަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާ ހިނގާނެ،" ކަމަށް އައްބާސް އިންޒާރު ދެއްވި އެވެ.

މިފަދަ ހަމަލާއަކާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ހަނގުރާމައިން ސަލާމަތްވުމަށް ގާޒާއިން ނުކުންނަން ފަށައިފި ނަމަ އެކަން ވާނީ ފަލަސްތީނު ރައްޔިތުން އެމީހުންގެ އަމިއްލަ ބިންތަކުން ނެރެލުން ކަމަށާއި، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މިސްރާއި  އެހެނިހެން އަރަބި ގައުމުތަކުން ވަނީ ބުނެފަ އެވެ. 

އެމެރިކާގެ ހާރިޖީ ސެކްރެޓަރީ އެންޓޮނީ ބްލިންކެން އާއި އައްބާސް މިއަދު ސައުދީ އަރަބިއްޔާގައި ބައްދަލުކުރަން ވަނީ ހަމަޖެހިފަ އެވެ.

އާންމުންނަށް ރައްކާތެރިކަން ލިބޭނެ ހަރުދަނާ ޕްލޭންއެއް ނެތި އިޒްރޭލުން ރަފަހްއަށް ނުވަނުމަށް އެމެރިކާއިން ވެސް ވަނީ ތަކުރާރުކޮށް އިޒްރޭލަށް އިންޒާރު ދީފަ އެވެ. އެމެރިކާގެ މި ކަންބޮޑުވުންތައް އަޑުއެހުމަށް އިޒްރޭލުން އެއްބަސްވެފައިވާ ކަމަށް ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް