އޮކްޓޯބަރު 7 ވަނަ ދުވަހު ފަލަސްތީނުގެ ހަނގުރާމަވެރިން ރަހީނުކުރި އިޒްރޭލުގެ ސީގެލް ފޮޓޯ ހިފައިގެން މީހަކު މުޒާހަރާގައި ބައިވެރިވަނީ.

ރަހީނުކޮށްފައި ތިބި ދެ މީހެއްގެ ވީޑިއޯ ހަމާސް އިން ރިލީސްކޮށްފި

މި ވީޑިއޯ ނެރުމުގެ 3 ދުވަސް ކުރިން ވެސް ހަމާސް އިން ވަނީ މިފަދަ އެހެން ވީޑިއޯއެއް ވެސް ރިލީސްކޮށްފައި

ގާޒާގައި ރަހީނުކޮށްފައި ތިބި އިޒްރޭލުގެ ދެ މީހަކު އެމީހުން މިނިވަންކޮށްދިނުމަށް ޑީލެއް ހެދުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގޮވާލާ ވީޑިއޯއެއް ހަމާސްގެ އަސްކަރީ ގޮފިން ރިލީސްކޮށްފި އެވެ.

އިއްޔެ ރިލީސްކޮށްފައިވާ މި ވީޑިއޯ މީގެ ކުރިން ހަމާސް އިން ރިލީސްކޮށްފައިވާ ވީޑީއޯތަކާ އެއްގޮތެވެ. ހަމާސްގެ މިއަމަލު ކުށްވެރިކޮށް އިޒްރޭލުން ވަނީ މިއީ "ސައިކޮލޮޖިކަލް ޓެރަރިޒަމް" ކަމަށް ބުނެފަ އެވެ.

އިއްޔެގެ ވީޑިއޯގައި ވަކި ވަކިން ވާހަކަ ދައްކާފައި ވަނީ 64 އަހަރުގެ ކީތު ސީގެލް އާއި 47 އަހަރުގެ އޮމްރި މިރަން އެވެ. އާއިލާ ދެކެ ލޯބިވާކަމަށް ބުނެ މި ދެ ރަހީނުން ވެސް ވަނީ މިނިވަންކޮށް ދިނުމަށް އެދިފަ އެވެ.

ހަމާސް އިން މިރަން ރަހީނު ކޮށްގެން ގެންދިޔައީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އޭނާގެ އަންހެނުންނާއި ކުޑަ ދެ އަންހެން ދަރިންގެ ކުރިމަތީގަ އެވެ.

"ހަމާސްގެ ހައްޔަރުގައި އަހަރެން ހުންނަތާ 202 ދުވަސް ވެއްޖެ. މިތަނުގެ ހާލަތު ނުތަނަވަސް، އުނދަގޫ އަދި ވަރަށް ގިނަ ބޮންތައް ގޮވާ އަޑު ވެސް އިވޭ،" މިރަން މި ވީޑިއޯގައި ބުނެ އެވެ.

"އަހަރުމެންނަށް މިތަނުން ނުކުމެވި ރައްކާތެރި ދުޅަހެޔޮ ތަނަކަށް ގެންދަން ޖެހޭ ވަގުތު ޖެހިއްޖެ. މުޒާހަރާތައް ކުރިއަށް ގެންދޭ، އޭރުން މިހާރު ވެސް ޑީލެއް ހެދިދާނެ."

ހޮނިހިރު ދުވަހު ހަމާސް އިން މި ވީޑިއޯ އާންމުކޮށްފައި މިވަނީ، މެދުކަނޑާލާފައި އޮތް މަޝްވަރާތައް އަލުން ފެއްޓޫމަށް މިސްރުން އިޒްރޭލަށް ވަފުދެއް ފޮނުވާފައިވާ ކަމާއި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އިޒްރޭލުން ހުށައަޅާފައިވާ ޑީލުގެ ޝަރުތުތައް ހަމާސް އިން ދިރާސާކުރަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.

އިއްޔެގެ ވީޑިއޯގައި ދެން ވާހަކަ ދެއްކި ސީގެލް ބުނީ "އަހަރުމެން މިތަނުގައި މިތިބީ ނުރައްކަލުގައި، ބޮން ގޮވާ، ބިރުވެރި އަދި އެހާ ވެސް ފިކުރުކުރަން ޖެހޭ ކަމެއް" ކަމަށެވެ. ސީގެލް އިތުރަށް ބުނީ އޭނާގެ އާއިލާއާ ބައްދަލުވާނެ ކަމަށް އޭނާ އުއްމީދު ކުރާކަމަށެވެ. ސީގަލް ވަނީ މި ވީޑިއޯގައި ރޮއެފަ އެވެ.

"އާއިލާއަށް ބުނެލަން ބޭނުން ވަނީ ވަރަށް ލޯބިވެއޭ. އަހަރެން ސަލާމަތުން ހުރިކަން އެމީހުންނަށް އެނގުން އަހަންނަށް މުހިންމު،"

ހަމާސް އިން އިއްޔެގެ ވީޑިއޯ ރިލީސްކޮށްފައި މިވަނީ އޭގެ ތިން ދުވަސް ކުރިން އެހެން ރަހީނެއްގެ ވީޑިއޯ ވެސް ރިލީސްކޮށްފައި ވަނިކޮށެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ހަމަލާތަކުގައި ހަމާސް އިން ވަނީ އިޒްރޭލާއި ބޭރު ގައުމުތަކުގެ 250 ވަރަކަށް މީހުން ރަހީނުކޮށްފަ އެވެ.

އިޒްރޭލުގެ ތެލް އެވީވުގައި ކުރިއަށް ދިޔަ މުޒާހަރާއެއްގެ ތެރެއިން އަލް ޖަޒީރާގެ ބާނާޑް ސްމިތު ރިޕޯޓުކުރި ގޮތުގައި، "މި މުޒާހަރާތަކުގެ ބައިވެރިން އަންނަނީ ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާލަމުން" ކަމަށާއި "ހަނގުރާމަ ނިންމާލާ ރަހީނުން ދޫކޮށްލުމަށް އެމީހުން ދަނީ ގޮވާލަމުން"ނެވެ.

"ނަތަންޔާހޫ ގަސްދުގައި ހަނގުރާމަ ދިގު ކުރަމުން ގެންދަނީ [ހަނގުރާމަ ނިމުމަށް ފަހު] ވޯޓެއް ނަގައިފި ނަމަ ނަތަންޔާހޫއަށް ކުރިމަތިވާނެ ލަދުން އޭނާއަށް މިވަގުތު ސަލާމަތްކަން ލިބޭތީ ކަމަށް މުޒާހަރާގެ ގިނަ ބައިވެރިން ދަނީ ބުނަމުން،" ސްމިތު ބުންޏެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް