ޕެޑްރޯ ސަންޗޭޒް އަށް ތާއީދުކޮށް ބޭއްވި އެއްވުމުގައި 12،000 އަށް ވުރެ ގިނަ މީހުން ބައިވެރިވިކަމަށް ރިޕޯޓުކޮށްފައިވޭ.

ސްޕެއިން

ސްޕެއިންގެ ބޮޑުވަޒީރު ސަންޗޭޒް އަށް ތާއީދުކޮށް އެތައް ހާސް ބަޔަކު އެއްވެއްޖެ

ކަނާތު ފިޔައިގެ ފަރާތްތަކުން އަންނަނީ ބޮޑުވަޒީރު ސަންޗޭޒް އަށް ގިނަ އުނދަގޫތަކެއް ކުރަމުން

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އިސްތިއުފާ ނުދެއްވުމަށް ގޮވާލާ އޭނާއަށް ތާއީދު ކުރާ އެތައް ހާސް ސަޕޯޓަރުންނެއް މެޑްރިޑްގެ މަގުތަކަށް އެއްވެއްޖެ އެވެ.

ސޯޝަލިސްޓް ލީޑަރު ސަންޗޭޒް ސްެޕެއިންގެ އާންމުން ހައިރާން ކޮށްލެއްވީ އޭނާގެ މުސްތަގުބަލާ މެދު ވިސްނުމަށް ރަސްމީ ހުރިހާ މަސައްކަތެއް ކެންސަލް ކުރައްވާކަން ބުދަ ދުވަހު އިއުލާން ކުރައްވަމުން ނެވެ.

އޭނާ މިގޮތަށް ނިންމެވީ އޭނާގެ އަނބިކަނބަލުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް، އެ މައްސަލައިގެ އިބްތިދާއީ ތަހުގީގެއް ކޯޓުން ފެއްޓުމާ ގުޅިގެން ނެވެ.

ބޮޑުވަޒީރު ސަންޗޭޒް މުސްތަގުބަލާ މެދު ވަކި ގޮތެއް ނިންމާނީ އިއުލާނު ކުރާނީ އަންނަ ހޯމަ ދުވަހު އެވެ.

ވެރިރަށް މެޑްރިޑުގައި ހުންނަ ސޯޝަލިސްޓް ޕާޓީގެ މައި އޮފީސް ކުރިމަތީ އޮތް އެއްވުމުގައި ބައިވެރިވުމަށް ސްޕެއިންގެ އެކި ކަންކޮޅުތަކުން ސޯޝަލިސްޓް ޕާޓީގެ ސަޕޯޓަރުން ވަނީ ބަހުގައި މެޑްރިޑަށް ދަތުރުކޮށްފަ އެވެ. އަދި އެއްވި ސަޕޯޓަރުން ވަނީ ޕެޑްރޯ ހިތްވަރު ދޫކޮށް ނުލައްވުމަށާއި އޭނާ ހުންނެވީ އެކަނި ނޫންކަމަށް ގޮވާލާފަ އެވެ.

މި އެއްވުމުގައި ބައިވެރިވި ކޮންސަލްޓަންޓެއް ގޮތަށް މަސައްކަތް ކުރާ މެދުއުމުރުގެ ސާރާ ޑޮމިންގޭޒް ބުނީ ސަންޗޭޒްގެ ސަރުކާރުން އަންހެނުންނަށާއި މައިނޯރިޓީ ކޮމިނިއުނިޓީސްތަކަށް ރަނގަޅު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އޭނާ އުއްމީދު ކުރާ ކަމަށެވެ.

ސްޕެއިންގެ އުތުރުގެ ވަލަޑޮލިޑުން މި އެއްވުމުގައި ބައިވެރިވުމަށް އައި އުމުރުން 44 އަހަރުގެ ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ ހޯސޭ މާރިއާ ޑިއޭޒް ބުނީ ސަންޗޭޒް އިސްތިއުފާ ދެއްވައިފި ނަމަ ކަނާތު ފިޔައަށް ވެރިކަން ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"އޭގެ މާނައަކީ ހައްގުތަކާއި މިނިވަންކަމަށް ފަހަތަށް ފިޔަވަޅެއް އެޅިގެން ދިޔުން،" އޭނާ ބުންޏެވެ. 

މެޑްރިޑްގައި ހުންނަ މަރުކަޒީ ސަރުކާރުން ބުނިގޮތުގައި މި އެއްވުމުގައި 12،500 މީހުން ވަނީ ބައިވެރިވެފަ އެވެ.

ސަންޗޭޒް އިސްތިއުފާ ދިނުމާ މެދު ވިސްނަވާކަން ކުރެއްވީ އޭނާގެ އަނބިކަނބަލުން ބެގޯނާ ގޯމޭޒް ނުފޫޒު ފޯރުވިކަމުގެ ތުހުމަތުތަކާ ގުޅިގެން މެޑްރިޑްގެ ކޯޓަކުން ތަހުގީގެއް ފައްޓަން ތައްޔާރުވެފައިވާކަން ހާމަވި ދުވަހު އެވެ.

ގޯމޭޒްގެ މައްޗަށް މި ތުހުމަތުތައް އުފުލީ، ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ މީހެއް ކަމުގައިވާ މިގުއެލް ބާނާޑް 'ލިމްޕިއަސް' (ކްލީން ހޭންޑްސް) ޖަމިއްޔާގެ މެދުވެރި ކޮށެވެ.

މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ތަހްގީގު ކުރަމުން އަންނަނީ ސަރުކާރުގެ ފައިސާ ނުވަތަ ޕަބްލިކް ކޮންޓްރެކްޓްތައް ހޯދާދިނުމުގައި ގޯމޭޒް އާއި އަމިއްލަ ކުންފުނިތަކާ އޮތް ގުޅުންތައް އިތުރަށް ދެނެގަތުމަށެވެ.

ވަކިން ހާއްސަކޮށް، 'އައިއީ އެފްރިކާ ސެންޓާ'ގެ ނަމުގައި ގޯމޭޒް ހިންގެވި ފައުންޑޭޝަނަކާއި ކޮވިޑު ތެރޭގައި 475 މިލިއަން ޔޫރޯގެ ސަރުކާރު އެހީ ލިބުނު އެއާ ޔޫރޮޕާ އެއާލައިނު ހިންގަމުން އަންނަ ޓޫރިޒަމް ގްރޫޕް 'ގްލޯބާލިއާ' އާ ދެމެދު އޮތް ގުޅުމެވެ.

ސަންޗޭޒްއަށް ތާއީދުކޮށް މެޑްރިޑުގައި އޮތް އެއްވުމާ ގުޅޭ (ވީޑިއޯ/ރޮއިޓާސް)

ކަނާތު ފިޔައިގެ މީޑިޔާތަކުގައި ވަރަށް ބޮޑަށް ރިޕޯޓްކޮށްފައިވާ މި މައްސަލަ އަކީ ދޮގު ތުހުމަތުތަކެއް ކަމަށް ސަންޗޭޒް އާއި އޭނާގެ އަރިސް ބޭފުޅުން އަންނަނީ ވިދާޅުވަމުން ނެވެ.

މި މައްސަލައިގައި ހެކި ނެތުމުން ތަހުގީގު ހުއްޓާލުމަށް މެޑްރިޑްގެ ޕަބްލިކް ޕްރޮސެކިއުޓަރުން ވަނީ ބުރާސްފަތި ދުވަހު ގޮވާލާފަ އެވެ. ބާނާޑްގެ ދައުވާގައި ބައެއް ނޫސް ރިޕޯޓުތައް ހިމަނާފައި ވާއިރު މީގެ ތެރެއިން އެއް ނޫސް ރިޕޯޓް ސައްހަ ނޫންކަމަށް މިހާރު ވެސް ވަނީ ހޯދިފަ އެވެ.

ކޯލިޝަން ސަރުކާރެއް ހިންގަވަމުން އަންނަ ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވީ، އޭނާގެ އަނބިކަނބަލުންގެ މައްޗަށް އުފުލާފައިވާ މި ތުހުމަތުތަކަކީ ކަނާތު ފިޔައިގެ ޕާޓީތަކުން އޭނާގެ ނާގާބިލުކަން ދެއްކުމަށް ޖެއްސި އެންމެ ފަހުގެ ސްޓަންޓެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް