ޖަރުމަނުން ބޭނުންކުރަމުން އަންނަ ޕެޓްރިއޮޓް މިސައިލް ނިޒާމެއް

އެމެރިކާ

ދިފާއީ މިސައިލުތައް ޔޫކްރެއިނަށް ފޮނުވުން އެމެރިކާއިން އަވަސްކުރަނީ

މިއީ އެމެރިކާއިން ޔޫކްރެއިނަށް ދިނުމަށް މި ހަފްތާގައި ފާސްކުރި 60 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖު ތެރޭގައި ހިމެނޭ ބައެއް

ވޮޝިންޓަނުން ފާސްކުރި އަސްކަރީ އެހީގެ އާ ޕެކޭޖުގެ ދަށުން ޕެޓްރޮއިޓް ވައިގެ ދިފާއީ ނިޒާމުތަކަށް ބޭނުންވާ މިސައިލުތައް ޔޫކްރެއިނަށް ފޮނުވުން ވީހާ ވެސް އަވަހެއް ކުރަމުން އަންނަ ކަމަށް ޕެންޓަގަން އިން ބުނެފި އެވެ.

އެމެރިކާއިން މިކަމަށް ހަރަދު ކުރާނީ 6 ބިލިއަން ޑޮލަރު ކަމަށް ދިފާއީ ސެކްރެޓަރީ ލޮއިޑް އޮސްޓިން ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވީ ރަޝިއާގެ ވައިގެ ހަމަލާތަކުން ދިފާއުވެ ފުރާނަތައް ސަލާމަތް ކުރުމަށް ޕެޓްރިއޮޓްގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ކަމަށެވެ.

ބީބީސީއާ ވާހަކަ ދައްކަމުން އޮފިޝަލަކު ބުނި ގޮތުގައި، 6 ބިލިއަން ޑޮލަރުގެ މި ޕެކޭޖަކީ ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދިޔަ ބުދަދުވަހު ތަސްދީގުކުރެއްވި 60 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖުގެ ތެރޭގައި ހިމެނޭ ބައެކެވެ. މި ޕެކޭޖުގެ ތެރޭގައި 1 ބިލިއަން ޑޮލަރުގެ އެހީ ވަގުތުން ދިނުމަށް ވެސް ހަމަޖެހިފައިވެ އެވެ.

އެމެރިކާގެ ދިފާއީ ސެކްރެޓަރީ ވިދާޅުވީ މިއީ އެމެރިކާއިން މިހާތަނަށް ދޭން ފާސްކުރި އެންމެ ބޮޑު ސަލާމަތީ އެހީގެ ޕެކޭޖު ކަމަށާއި، މި އެހީ ވީހާވެސް އަވަހަކަށް ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މި އެހީގެ ތެރޭގައި ވައިގެ ދިފާއީ ނިޒާމަށް ބޭނުންވާ މިސައިލުތަކާއި ކައުންޓަ-ޑްރޯން ނިޒާމުތަކާއި، އެކި ކަހަލަ ވަޒަން ހިމެނޭނެ އެވެ. ނަމަވެސް ޕެޓްރިއޮޓް މިސައިލް ފޮނުވަން ބޭނުންކުރާ ނިޒާމުތަކެއް މި ޕެކޭޖްގައި ނުހިމެނެ އެވެ. އެހެންކަމުން އާ މިސައިލް ބޭނުންކުރާނީ މިހާރު ވެސް ޔޫކްރެއިންގައި ބަހައްޓާފައި ހުރި ނިޒާމްތައް މެދުވެރިކޮށެވެ.

"ހަމައެކަނި ޕެޓްރިއޮޓް [މިސައިލުތަކެއް] ނޫން އެމީހުންނަށް [ޔޫކްރެއިނަށް] ބޭނުން ޖެހިފައި ވަނީ. އެހެން ނިޒާމުތަކާއި އިންޓަސެޕްޓާސް ވެސް އެމީހުންނަށް ބޭނުންވޭ،" އޮސްޓިން ވިދާޅުވި އެވެ. 

"އެކަމަކު ޕެޓްރިއޮޓްއަކީ ފުރިހަމަ ހައްލުކަމަށް ނުވިސްނުމަށް އަޅުގަނޑު އެންމެންނަށް  އިލްތިމާސް ކުރަން."

އިތުރު މިސައިލް ނިޒާމުތައް ވެސް ވަރަށް އަވަހަށް ކީވްއަށް ފޯރުކޮށްދޭނެ ކަމަށް އޮސްޓިން ވިދާޅުވި އެވެ. މިފަދަ އިތުރު ގާބިލުކަން ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް ޔޫރަޕުގެ ބައިވެރިންނާ އެކު މަޝްވަރާ ކުރަމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޗާލްސް ބްރައުން ވިދާޅުވީ މި އެހީ ފޯރުކޮށްދިނުމުން ހަނގުރާމައިގައި ހަތިޔާރު ހުސްވެދާނެތީ ވިސްނަން ޔޫކްރެއިން ސިފައިންނަށް ނުޖެހޭނެ ކަމަށެވެ.

އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދޭ އެހީގެ ތެރޭގައި ޔޫކްރެއިނުގެ ދިފާއީ ސިނާއަތް ބިނާކުރުން ވެސް ހިމަނާފައިވެ އެވެ. މިއާ އެކު ފައުޖުތަކަށް ބޭނުންވާ ވަޒަން އަމިއްލައަށް އުފެއްދުމުގެ ގާބިލުކަން ޔޫކްރެއިނަށް ލިބޭނެ އެވެ.

އޮސްޓިން ވިދާޅުވީ ރަޝިއާއިން އެ ގައުމުގެ ދިފާއީ ސިނާއަތުގެ އުފެއްދުންތެރިކަން މިހާރު ވެސް މައްޗަށް ޖައްސާފައިވާ ކަމަށާއި، މީގެ އިތުރުން އީރާން އާއި އުތުރު ކޮރެއާއިން ވެސް ރަޝިޔާއަށް ހަތިޔާރު ހޯދަމުން އަންނަ ކަމަށެވެ.

"ޔޫކްރެއިނަށާއި ޔޫރަޕަށާއި އެމެރިކާއަށް އޮތް ބިރު ވިސްނާލައްވާ. ޕޫޓިންއަށް ޔޫކްރެއިންގައި ކާމިޔާބު ލިބިއްޖެ ނަމަ އެތައް އަހަރެއް ވަންދެން ޔޫރަޕަށް ކުރިމަތިވެފައި ނެތް ވަރުގެ  ސަލާމަތީ ބިރަކާ ކުރިމަތިލާން ޖެހޭނެ. ހަމައެކަނި ޔޫކްރެއިނަކުން ރަޝިޔާ ނިންމައެއް ނުލާނެ،" އޮސްޓިން ވިދާޅުވި އެވެ.

އެމެރިކާގެ އެހީގެ ޕެކޭޖުގެ ދަށުން ޔޫކްރެއިނަށް ފޯރުކޮށްދޭ ހަތިޔާރުތަކާ ގުޅޭ (ވީޑިއޯ/13ޑަބްލިއުއެމްއޭޒީ)

މި ހަނގުރާމައިގައި ރަޝިޔާއިން ފާއިތުވެދިޔަ މަސްތަކުގައި ކުރިއެރުންތަކެއް ހޯދާފައި ވާއިރު، ޔޫކްރެއިނުގައި ހުރި ހަތިޔާރާއި ވަޒަނުގެ ސްޓޮކު ހުސްވަމުންދާ ކަމަށް ބުނެ ކީވް އިން ވަނީ ހުޅަނގުގެ ސަރުކާރުތަކަށް ހަތިޔާރު ފޯރުކޮށްދިނުމަށް އެދި ތަކުރާރުކޮށް ގޮވާލައިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް