އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން.

އެމެރިކާ

ޔޫކްރެއިނަށް ބިރު ދެއްކުމަށް ޗައިނާއިން ރަޝިޔާއަށް އެހީތެރިވެދޭ: ބްލިންކެން

އެމެރިކާ-ޗައިނާ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތުމަށް ފަހު މިހާރު އަންނަނީ މަޑުމަޑުން ރަނގަޅުވަމުން

ޔޫކްރެއިނަށް ހަމަލާދިނުމަށް ބޭނުންކުރާ ތަކެތި ރަޝިޔާއަށް ފޯރުކޮށްދިނުން ހުއްޓާނުލައިފި ނަމަ ވޮޝިންޓަނުން ޗައިނާއާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ދެއްވައިފި އެވެ.

ބެއިޖިންގައި ހުންނަވާ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓް ވިދާޅުވީ، ފިނި ހަނގުރާމައަށް ފަހު ޔޫރަޕްގެ ސަލާމަތަށް ކުރިމަތިވި އޮތް އެންމެ ބޮޑު ނުރައްކަލަށް ޗައިނާއިން އެހީތެރިވަމުންދާ ކަމަށް އެމެރިކާއިން ދެކޭކަން ބެއިޖިންގްގެ އިސް ވެރިންނަށް ސާފުކޮށް އަންގައިދެއްވި ކަމަށެވެ.

ނަމަވެސް އެމެރިކާއިން އަޅާނީ ކޮންކަހަލަ ފިޔަވަޅެއް ކަމެއް ބްލިންކެން ވިދާޅުވެފައެއް ނުވެ އެވެ.

ބެއިޖިންގްގެ އޮފިޝަލުންނާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި، ޗައިނާއިން އެމެރިކާއަށް އެތެރެވަމުންދާ ފެންޓަނިލް ޑްރަގު ހުއްޓުވުމަށް ބެއިޖިންގް އިން ކުރި މަސައްކަތްތަކަށް ބްލިންކެން ވަނީ ތައުރީފު ކުރައްވާފަ އެވެ.

އެމެރިކާގެ ސިއްހީ ބޮޑު މައްސަލައެއް ކަމަށް ވައިޓް ހައުސް އިން ފާހަގަކޮށްފައިވާ  ފެންޓަނިލް ޑްރަގު އެންމެ ގިނައިން އެމެރިކާއަށް އެތެރެވަމުންދަނީ ޗައިނާއިންނެވެ. 

މީގެ އިތުރުން، މެދު އިރުމަތީގައި ޗައިނާއަށް މުހިންމު ރޯލެއް އަދާކުރެވިދާނެ ކަމަށާއި އީރާނާ އެކު އޮތް ގުޅުން ބޭނުންކޮށްގެން، އިޒްރޭލާ ޖެހިފައިވާ މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށް ބެއިޖިންގް އިން ތެހެރާނަށް ބާރު އެޅުމަށް ބްލިންކެން އެދިވަޑައިގަތެވެ.

ދިހަ މަސް ދުވަސް ތެރޭ ބްލިންކެން ޗައިނާއަށް ވަޑައިގެންނެވި މިއީ ދެވަނަ ފަހަރެވެ. އެމެރިކާ-ޗައިނާ ގުޅުން މިދިޔަ އަހަރު ވަރަށް ބޮޑަށް ހީނަރުވެފައި އޮތުމަށް ފަހު ދެ ގައުމުން މިހާރު އަންނަނީ މަޝްވަރާ ކޮށްގެން އިތުރަށް ކަންކަން ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރަމުންނެވެ.

ވޮޝިންޓަނާއި ބެއިޖިންގްއާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި، ޓައިވާނުގެ މައްޗަށާއި ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްޗަށް ބެއިޖިންގް އިން ކުރަމުންދާ ދައުވާ ހިމެނެ އެވެ. އަދި އެމެރިކާއިން އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ޗައިނާއަށް އެކްސްޕޯޓު ކުރުން މަނާ ކުރުމާއި މިދިޔަ އަހަރު ކުރީ ކޮޅު ޗައިނާގެ ޖާސޫސީ ފުއްޕާހަންތަކެއް އެމެރިކާގެ ސަރަހައްދުން ފެނުން ހިމެނެ އެވެ.

އަދި ހަމަ މިއާ އެކު ޗައިނާގެ ބައިޓްޑާންސް ކުންފުނީގެ ޓިކްޓޮކް އެޕްލިކޭޝަނަށް ވޮޝިންޓަނުން ކުރިމަތި ކުރަމުންދާ ޕްރެޝަރުތައް ވެސް ހިމެނެ އެވެ.

ބްލިންކެން ބެއިޖިންގްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅޭ (ވީޑިއޯ/ސްކައި ނިއުސް އޮސްޓްރޭލިއާ)

ބްލިންކެން ވަނީ މިއަދު މެންދުރު ބެއިޖިންގް ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްއާ ބައްދަލު ކުރައްވާފަ އެވެ. މިދިޔަ ނޮވެމްބަރު މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލުކުރެއްވި ފަހުން ދެ ގައުމުގެ ގުޅުމަށް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ޝީ ވަނީ ބްލިންކެން އަރިހު ވިދާޅުވެފަ އެވެ.

އަދި ދެ ގައުމުން "ވާދަވެރިންގެ ބަދަލުގައި ބައިވެރިންނަށް" ވާން ޖެހޭ ކަމަށާއި ޗައިނާގެ ތަރައްގީއާ މެދު ހެޔޮ ގޮތަކަށް އެމެރިކާއިން ވިސްނާ ނަމަ ގުޅުން ހަމައަކަށް އެޅި، ރަނގަޅުވެ އިތުރަށް ކުރިއަށްދާނެ ކަމަށް ޝީ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް