މާޗު މަހުން ފެށިގެން ފާލަމުގެ އެއްގަމަށްވާ ބައިގެ މަސައްކަތް ފެންނަ ސެޓެލައިޓު ފޮޓޯއެއް.

ފަލަސްތީން

އެމެރިކާއިން ގާޒާގެ ފްލޯޓިން ބަނދަރު ހެދުމުގެ މަސައްކަތް ފައްޓައިފި

މޭ މަހުގެ މެދުތެރޭ މި ބަނދަރުގެ މަސައްކަތް ނިމި ބޭނުން ކުރަން ފެށޭނެ ކަމަށް ވަނީ ލަފާކުރެވިފައި

ގާޒާއަށް ވައްދަމުން އަންނަ އިންސާނީ އެހީގެ މިންވަރު އިތުރު ކުރުމަށްޓަކާ އެމެރިކާގެ އަސްކަރިއްޔާއިން ގާޒާގައި ބޮޑު ފްލޯޓިން ބަނދަރެއް ހެދުމުގެ މަސައްކަތް ފައްޓާފައިވާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފި އެވެ.

މި ބަނދަރު ނިމުމާ އެކު، ސައިޕްރަސް މަގުން އަންނަ ބޯޓުތަކުން ގެންނަ އެހީގެ ސާމާނު ބޯޓުން ބާލުވައި ލޮރީތަކަށް ބަރުކޮށް ގާޒާގެ އެތެރެއަށް ފޯރުކޮށްދެވޭނެ އެވެ.

މި ބަނދަރު ހެދުމުގެ މަސައްކަތް ނިމި ބޭނުން ކުރަން ފެށޭނެ ކަމަށް އެމެރިކާގެ އޮފިޝަލުން ލަފާކޮށްފައި ވަނީ މޭ މަހުގެ ކުރީކޮޅެވެ.

މި މަސައްކަތުގައި ބައިވެރިވާ އެމެރިކާ ސިފައިންގެ އެއްވެސް މީހަކު ގާޒާއަށް ނުފައިބާނެ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެފައި ވެ އެވެ.

އިޒްރޭލުން ހިންގަމުންދާ އުދުވާނާ ގުޅިގެން ގާޒާއަށް އެހީގެ ސާމާނު އެއްގަމުން ވެއްދުމަށް އެތައް ބައިވަރު ހުރަސްތަކަކާ ކުރިމަތިވެފައިވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ގާޒާގެ ބޭރުން ފްލޯޓިން ބަނދަރެެއް ހަދާނެ ވާހަކަ އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާނު ކުރެއްވީ މިދިޔަ މަހު އެވެ.

ގާޒާގައި ތިބި އާންމުންނަށް ބަނޑަށް ޖެހުމުގެ ހާލަތެއް ކުރިމަތިވެދާނެކަން "ގާތްގަނޑަކަށް ޔަގީން" ކަމަށާއި ކުޑަކުދިން ބަނޑަށް މަރުވަމުންދާ ކަމަށް ބުނެ އދ. އިން ވަނީ އިންޒާރު ދީފަ އެވެ.

ގާޒާގެ ފްލޯޓިން ފާލަން ބޭނުން ކުރާނެ ގޮތް

ގާޒާގައި ހަދާ ފްލޯޓިން ބަނދަރުގެ މަސައްކަތުގައި އެމެރިކާގެ 1،000 އެއްހާ ސިފައިން ހަރަކާތްތެރިވާނެ އެވެ. މިކަމުގައި ބައިވެރިވާ ސިފައިންގެ އެއްވެސް މީހެއް ގާޒާގެ އެއްގަމުގައި ފައި ނުޖައްސާނެކަމުގެ ޔަގީންކަން ކުރިން ވެސް ޕެންޓަގަން އިން ދީފައި ވެ އެވެ.

 ގާޒާއަށް އެހީ ވެއްދުމަށާއި ގާޒާ ތެރޭގައި އެހީ ބެހުމަށް ގިނަ ހުރަސްތަކަކާ ކުރިމަތިވާ ކަމުގެ ޝަކުވާ އދ.ގެ އެޖެންސީތަކުން ކުރަމުން އަންނަތާ މަސްތަކެއް ވެއްޖެ އެވެ.

މި ބަނދަރު ހެދުމުން އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތާ އދ. ގެ ދަ ވޯލްޑް ފުޑް ޕްރޮގްރާމް އިން ވަނީ ހަވާލުވެފަ އެވެ. ނަމަވެސް މި މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން އިޒްރޭލުން ކަށަވަރު ކޮށްދޭން ޖެހޭނެކަން އދ. އިން ވަނީ އަންގާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް