އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ރަޝިޔާގެ ސަފީރު ވަސިލީ ނެބެންޒިއާ ގަރާރު ވީޓޯ ކުރައްވަނީ.

އދ

ޖައްވީ ނިއުކްލިއާ ހަތިޔާރު މަނާކުރާ ގަރާރު ރަޝިޔާއިން ވީޓޯކޮށްފި

ރަޝިޔާއިން ނިއުކްލިއާ ގާބިލުކަން ޖައްވުގައި ގާއިމު ކުރުމަށް މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުތައް ވަނީ ތިލަވެފައި

ޖައްވުގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރުން މަނާކުރުމަށް އެމެރިކާއިން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށައެޅި ގަރާރު ރަޝިޔާއިން ވީޓޯކޮށްފި އެވެ.

އެމެރިކާއިން މި ގަރާރު ހުށައަޅާފައި މިވަނީ،  ޖައްވީ ސެޓެލައިޓުތައް ގޮއްވާލުމަށް ރަޝިޔާއިން ނިއުކްލިއާ ގާބިލުކަން ޖައްވުގައި ގާއިމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެމެރިކާގެ ޖާސޫސީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ މަސްތަކެއް ވެފައި ވަނިކޮށެވެ. 

 ރަޝިޔާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަސިލީ ނެބެންޒިއާ މި ގަރާރު ފާސްކުރުމަށް މަސައްކަތް ކުރުން ސިފަކުރެއްވީ "ހުތުރު މަންޒަރެއް" ގޮތުގަ އެވެ. އަދި މިއީ، ގަރާރު ހުށައެޅި އެމެރިކާ އާއި ޖަޕާނުގެ، "މަކަރުވެރި ރޭވުމެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ރަޝިޔާއިން ނިއުކްލިއާ އެންޓި-ސެޓެލައިޓް ގާބިލުކަމެއް ގާއިމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ޖާސޫސީ މައުލޫމާތު އެމެރިކާއަށް ލިބިފައިވާކަން ކަށަވަރު ކޮށްދެއްވާފަ އެވެ. އަދި މިކަމުގެ މަައުލޫމާތު ލިބިފައި ހުރި އެމެރިކާގެ ޖާސޫސީ ދާއިރާގެ ތިން މީހަކު ސީއެންއެން އަށް މައުލޫމާތު ދިން ގޮތުގައި، ރަޝިޔާއިން ގާއިމު ކުރުމަށް މަސައްކަތް ކުރަމުން އަންނަނީ،  ގޮއްވާލުމުން ހަކަތައިގެ ބޮޑު ރާޅެއް އުފެދިގެން ސެޓެލައިޓްތައް ހަލާކުކޮށްލާ ވަރުގެ ހަތިޔާރެކެވެ.

އދ.ގެ މަޖިލީހުގައި ވޯޓަށް އެހުމުގެ ކުރިން އެމެރިކާގެ އޮފިޝަލުން ވިދާޅުވީ ރަޝިޔާއެއް ކަމެއް ފޮރުވަން އުޅޭނަމަ މި ވޯޓު ވީޓޯ ކުރާނެ ކަމަށެވެ. އަދި ވޯޓަށް ފަހު އެމެރިކާގެ ސަފީރު ލިންޑާ ތޯމަސް-ގްރީންފީލްޑް ވަނީ މި ތުހުމަތުތައް ތަކުރާރު ކުރައްވާފަ އެވެ.

"އެހެންވީމަ މިއަދުގެ ވީޓޯއިން ސުވާލު އުފެދެނީ ކީއްވެގެންތޯ؟ ކީއްވެގެންތޯ، އެ ގަވާއިދަށް ތަބާވާ ނަމަ، އެކަން ކަށަވަރު ކުރާ ގަރާރެއް ފާސްކުރަން ތާއީދު ނުދޭންވީ؟" ތޯމަސް-ގްރީންފީލްޑް ސުވާލު އުފެއްދެވި އެވެ.

"ކޮން ކަމެއްބާ ފޮރުވަން މިއުޅެނީ؟ ހައިރާން ކުރުވަނިވި ލަދުވެތި ކަމެއް."

މި ވޯޓުގައި ޗައިނާއިން ވަކިކޮޅަކަށް ވޯޓު ނުދިނުމުން އެކަމަށް ވެސް އެމެރިކާގެ ސަފީރު ވަނީ ފާޑުވިދާޅުވެފަ އެވެ.

ބެއިޖިންގް އިން "މި ދައްކުވައި ދިނީ ބައިނަލްއަގްވާމީ ނިއުކްލިއާ ހަތިޔާރުގެ އަދަދުތައް މަދުކޮށް ރައްކާތެރިކަން އިތުރުކުރުމުގެ ބަދަލުގައި ޖޫނިއާ ޕާޓްނަރެއްގެ ހައިސިއްޔަތުން ރަޝިޔާ ދިފާއު ކުރުން މާ މުހިންމުކަން" ތޯމަސް-ގްރީންފީލްޑް ވިދާޅުވި އެވެ. 

ރަޝިއާ އާއި ޗައިނާއިން މި ގަރާރަށް ހުށަހެޅި އިސްލާހުތަކާ ދެކޮޅަށް ވެސް ސަލާމަތީ މަޖިލީހުން ވަނީ ވޯޓު ދީފަ އެވެ.

ތޯމަސް-ގްރީންފީލްޑް އިތުރަށް ވިދާޅުވީ، ބުދަ ދުވަހު ނެގުނު ވޯޓަކީ ހަތިޔާރު ކޮންޓްރޯލް ކުރުމުގެ މަސްއޫލިއްޔަތާ މެދު މިހާރު އޮތް އިތުބާރު އަލުން އާރާސްތުކުރުމަށް ލިބުނު ހަގީގީ ފުރުސަތެއް ކަމަށެވެ.

ޖައްވީ ނިއުކްލިއާ ހަތިޔާރު މަނާކުރާ ގަރާރު ރަޝިޔާއިން ވީޓޯކުރުމާ ގުޅޭ (ވީޑިއޯ/ވިއޯން)

އެމެރިކާ އާއި ޖަޕާނުން އެކުލަވާލި ގަރާރަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 އަށް ވުރެ ގިނަ މެމްބަރު ގައުމުތަކުގެ ލިބިފައިވެ އެވެ.

މި ގަރާރުގެ މަގްސަދަކަށްވީ، ޖައްވު ވެސް ހިމެނޭގޮތަށް ދުނިޔޭގައިވާ ނިއުކްލިއާ ހަތިޔާރުތައް އިތުރު ނުކޮށް ހިފެހެއްޓުމާއި، ސުލްހަވެރި އަމާން ކަންކަމަށް ޖައްވު ބޭނުންކުރުމަށް ވެފައިވާ އެއްބަސްވުން އަލުން ކަށަވަރު ކުރުމެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް