ދެކުނު ކޮރެއާ-އެމެރިކާ ތަމްރީނުތަކުގައި އޭޓީއޭސީއެމްއެސް މިސައިލެއް ލޯންޗުކުރަނީ.

އެމެރިކާއިން ސިއްރުން ކީވްއަށް ދުރު ރާސްތާ މިސައިލް ފޯރުކޮށްދީފި

ޔޫކްރެއިނަށް ދިނުމަށް 61 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އެމެރިކާއިން ވަނީ މި ހަފްތާގައި ފާސްކޮށްފި

އެމެރިކާއިން ސިއްރުން ފޯރުކޮށްދީފައިވާ ދިގު ރާސްތާ ބެލިސްޓިކް މިސައިލުތައް ޔޫކްރެއިނުން ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ބޭނުންކުރަން ފަށާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ކަށަވަރު ކޮށްދީފި އެވެ.

މި މަހު ޔޫކްރެއިނަށް ފޮނުވުނު މި މިސައިލުތަކަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދިޔަ މާޗް މަހު ފާސްކުރި 300 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖުގެ ތެރޭގައި ހިމެނޭ ހަތިޔާރު ތަކެކެވެ.

އެމެރިކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރަޝިޔާއިން ހިފާފައި އޮތް ކްރައިމިއާގެ އަމާޒުތަކަށް ހަމަލާ ދިނުމަށް މި މިސައިލުތައް ވަނީ މިހާތަނަށް އެއްފަހަރު ބޭނުންކުރެވިފަ އެވެ.

ބައިޑަން މި ހަފްތާގައި ވަނީ ޔޫކްރެއިންއަށް 61 ބިލިއަން ޑޮލަރުގެ އާ އެހީގެ ޕެކޭޖެއް ދިނުމަށް ސޮއިކުރައްވާފަ އެވެ.

އެމެރިކާއިން ވަނީ މީގެ ކުރިން ޔޫކްރެއިނަށް އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމްސް (އޭޓީއޭސީއެމްއެސް) މިސައިލުގެ މެދު ރާސްތާ ވާޝަނެއް ފޯރުކޮށްދީފަ އެވެ. އަދި އެއަށް ވުރެ ބާރުގަދަ ހަތިޔާރެއް ފޮނުވަން އެމެރިކާއިން އޮތީ މިހާތަނަށް ފަސްޖެހިފައި އޮތީ އެމެރިކާގެ އަސްކަރީ ތައްޔާރީ ހާލަތަށް ބުރޫ އަރާފާނެކަމުގެ ކަންބޮޑުވުންތަކާ އެކު އެވެ.

ނަމަވެސް 300 ކިލޯމީޓަރުގެ ރާސްތާއެއް ހުންނަ ދުރު ރާސްތާ މިސައިލުތައް ޔޫކްރެއިނަށް ފޮނުވުމަށް ބައިޑަން ސިއްރުން ފެހި ސިގްނަލް ދެއްވާފައި ވަނީ ފެބްރުއަރީ މަހު އެވެ.

"އެމެރިކާއިން ޔޫކްރެއިންއަށް ދުރު ރާސްތާގެ އޭޓީއޭސީއެމްސް ފޯރުކޮށްދިނީ ސީދާ ރައީސްގެ އިރުޝާދުގެ މަތިން،" އެމެރިކާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވެދާންތު ޕަޓޭލް ވިދާޅުވި އެވެ.

މިހާތަނަށް ޔޫކްރެއިނަށް ފޮނުވާފައި ވަނީ މީގެ ކިހާ ހަތިޔާރެއް ކަމެއް އަދި އެނގިފައި ނުވި ނަމަވެސް، މީގެ އިތުރު ހަތިޔާރު ފޮނުވަން ވިސްނާފައިވާ ކަމަށް އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސަލިވަން ވަނީ ވިދާޅުވެފަ އެވެ.

"މީގެން [ހަނގުރާމައިގައި] ތަފާތުތަކެއް ފެނިގެން ދާނެ. އެކަމު އަހަރެން ކުރިން ވެސް މި ޕޯޑިއަމްގައި ބުނި ފަދައިން... ރިހި ވަޒަނެއް ނެތް މިކަމަކު،" އޭނާ ވިދާޅުވި އެވެ.

އަންގާރަ ދުވަހުގެ ރޭ ރަޝިޔާއިން ހިފާފައި އޮތް ބަނދަރުމަތީ ސިޓީއެއް ކަމުގައިވާ ބާޑިއަންސްކްގައި ތިބި ރަޝިޔާ ސިފައިންނަށް ހަމަލާދިނުމަށް މި މިސައިލުތައް  ބޭނުންކޮށްފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ވަނީ ރިޕޯޓުކޮށްފަ އެވެ.

ހަތިޔާރުގެ ސްޓޮކުތައް ހުސްވާން ކައިރިވެ ހަނގުރާމައިގައި ރަޝިޔާއިން ކުރިއެރުންތަކެއް ހޯދަމުން ދިޔުމާ ގުޅިގެން ކީވް އިން ވަނީ ފާއިތުވެ ދިޔަ މަސްތަކުގައި ހުޅަނގުގެ އަސްކަރީ އެހީއަށް ތަކުރާރުކޮށް ގޮވާލާފަ އެވެ.

އެމެރިކާއިން ޔޫކްރެއިނަށް ދިގު ރާސްތާ މިސައިލު ފޯރުކޮށްދިނުމާ ގުޅޭ (ވީޑިއޯ/ވިއޯން)

ޔޫކްރެއިނާ ދެކޮޅަށް 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާއިން ފެށި އުދުވާނާ ގުޅިގެން މިހާތަނަށް ދެ ފަރާތުން ވެސް އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް