އަންރާގެ އެހީގައި ގާޒާއަށް ތެޔޮ ބައުޒަރެއް ވަންނަނީ.

ގާޒާ

އަންރާއަަށް ދޭ އެހީތައް އަލުން ފެއްޓުމަށް އީޔޫއިން ގޮވާލައިފި

އުންރާގެ 2،135 އަށް ވުރެ ގިނަ މުވައްޒަފުން ޓެރަރިސްޓު ޖަމާއަތްތަކަށް ނިސްބަތްވާކަމަށް އިޒްރޭލުން ތުހުމަތު ކުރޭ

ގާޒާއަށް އަށް ކަނޑައަޅާފައިވާ އދ.ގެ އެންމެ ބޮޑު އެޖެންސީ އަންރާއަށް ކުރިން ދެމުން އައި އެހީތައް އަލުން ފެއްޓުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގޮވާލައިފި އެވެ.

އީޔޫއިން މިގޮތަށް ގޮވާލީ، އަންރާގެ މުވައްޒަފުންނާއި މެމްބަރުން ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަވާ ކަމަށް ބުނެ އިޒްރޭލުން އުފުލި ތުހުމަތުތަކަށް ބާރު ލިބިދޭ ހެއްކެއް އިޒްރޭލުން ދައްކާފައި ނުވާ ކަމަށް ބުނެ ނެރެފައިވާ ތަހްގީގީ ރިޕޯޓާ ގުޅިގެން ނެވެ.

ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގައި އަންރާގެ މުވައްޒަފުންތަކެއް ބައިވެރިވިކަމަށް އިޒްރޭލުން އުފުލި ތުހުމަތުތަކާ ގުޅިގެން ގިނަ ގައުމުތަކަކުން އުންރާއަށް ފައިސާގެ އެހީ ދިނުން މަޑުޖައްސާލި އެވެ.

އަންރާއަށް އެހީތައް ދޭން އަލުން ފައްޓަން އީޔޫއިން ގޮވާލާފައިވީ ނަމަވެސް، އަންރާއިން "ހަގީގީ ކުރިއެރުންތަކެއް" ނުހޯދަނީސް އެހީ ފޯރުކޮށް ނުދޭނެކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ސިއްހީ، ތައުލީމީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އަންރާގެ 13،000 މުވައްޒަފުން ގާޒާގައި މަސައްކަތް ކުރަމުން ދެ އެވެ.

ހޯމަ ދުވަހު ނެރުނު ރިޕޯޓުގައި އުންރާގެ "ގަވާއިދުތަކާ ދިމާވޭތޯ ބެލުމަށް ހަމަޖައްސާފައިވާ ގިނަ ނިޒާމުތަކާއި އެ ނިޒާމުތައް އިތުރަށް ފުރިހަމަ ކުރާނެ ގޮތްތައް" ހިމަނާފައި ވުމުން އީޔޫގެ އިންސާނީ އެހީތެރިކަމާ ބެހޭ ވެރިޔާ ޔަނެކް ލެނަސިކް ވަނީ އެ ރިޕޯޓަށް މަރުހަބާ ވިދާޅުވެފަ އެވެ.

އަދި އުންރާ އަކީ "ފަލަސްތީން ރެފިއުޖީންނަށް އޮތް ދިރިހުރުމުގެ ފުރުސަތެއް" ކަމަށް ފާހަގަ ކުރައްވާ ލެނަސިކް ވަނީ ބައިނަލްއަގްވާމީ ބައިވެރިން އެ އެޖެންސީއަށް އެހީ ދިނުމަށް ގޮވާލާފަ އެވެ.

ނޯވޭގެ ހާރިޖީ ވަޒީރު އެސްޕެން ބާތު އެއީޑޭ ވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާ، އޮސްޓްރޭލިއާ، ކެނެޑާ، ފިންލެންޑް، ޖަރުމަނު، އައިސްލެންޑް، ޖަޕާން އަދި ސްވީޑެން އިން އުންރާއަށް އެހީތައް ފައްޓާފައިވުމުން އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.

ނަމަވެސް އެމެރިކާ، އިނގިރޭސިވިލާތް، އިޓަލީ، ނެދަލެންޑްސް، އޮސްޓްރިއާ އަދި ލިތުއޭނިއާއިން އުންރާއަށް އެހީތައް ދޭން އަދި ފައްޓާފައެއް ނުވެ އެވެ.

އުންރާގެ 2،135 އަށް ވުރެ ގިނަ މުވައްޒަފުން ހަމާސް އަށް ނުވަތަ ފަލަސްތީނުގެ އިސްލާމިކް ޖިހާދަށް ނިސްބަތްވާކަމަށް އިޒްރޭލުން ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް ފްރާންސްގެ ކުރީގެ ހާރިޖީ ވަޒީރު އިސްކޮށް ހުންނަވާ އދ. އިން ހިންގި މިނިވަން ތަހްގީގެއްގައި އިޒްރޭލުގެ މި ތުހުމަތުތަކަށް ބާރު ލިބިދޭ ހެއްކެއް ފެންނަން ނެތްކަމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް