ރަޝިޔާގެ ދިފާއީ ވަޒީރުގެ ނާއިބު ތިމުރް އިވަނޮވް (ވ) ރައީސް ވްލަޑަމިއާ ޕޫޓިން (މ) އާއި ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ (ކ) އާ އެކު.

ރަޝިޔާ

ރިޝްވަތު ނެންގެވިކަމުގެ ތުހުމަތުގައި ރަޝިޔާގެ ދިފާއީ ވަޒީރުގެ ނާއިބު ހައްޔަރުކޮށްފި

ކޮރަޕްޝަން އިންތިހާ ބޮޑު ކަމަށް ތުހުމަތު ކުރެވިފައިވާ ރަޝިޔާގައި މިފަދަ ކަމެއްގައި ވެރިޔަކު ހައްޔަރު ކުރުމަކީ ފެނުން ނާދިރު މަންޒަރެއް

ރަޝިޔާގެ ދިފާއީ ވަޒީރުގެ ނާއިބު ރިޝްވަތު ނެންގެވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެފި އެވެ.

ރަޝިޔާގެ ދަ އިންވެސްޓިގޭޓިވް ކޮމިޓީ އިން އިއްޔެ ނެރުނު ބަޔާނެއްގައި، މިފަދަ ތަހްގީގެއް ހިނގަމުން އަންނަ ކަމަށާއި އެ ތަހްގީގަށް ތިމުރް އިވަނޮވް ހައްޔަރު ކޮށްފައިވާ ކަމަށް ބުނެފައި ވެ އެވެ.

މީގެ އަށް އަހަރު ކުރިން ރަޝިޔާގެ ދިފާއީ ވުޒާރާއާ  ގުޅުނު، މިހާރު އުމުރުން 47 އަހަރުގެ އިވަނޮވް އަކީ ރަޝިޔާ އަސްކަރިއްޔާގެ އުމްރާނީ ތަރައްގީގެެ މަޝްރޫއުތަކުގެ ޒިންމާދާރު ވެރިޔާ އެވެ.

ރަޝިޔާގައި ކޮރަޕްޝަން އޮތް މިންވަރު އިންތިހާ ބޮޑު ކަމަށް ތުހުމަތުކޮށް އެކްޓިވިސްޓުން ފާޑުކިޔަމުން އަންނަތާ ގިނަ އަހަރުތަކެއް ވަނީ ވެފަ އެވެ. 

މިފަހުން އަވަހާރަވި ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސޭ ނަވާލްނީ އިސްވެ ހުންނަވައި 2022 ގައި އުފެއްދެވި އެންޓި ކޮރަޕްޝަން ފައުންޑޭޝަން (އޭސީއެފް) އިން ވަނީ "ޔޫކްރެއިނުގެ ހިފާފައިވާ ސަރަހައްދުތަކުގައި ރަޝިޔާއިން ހިންގަމުންދާ އިމާރާތްކުރުމުގެ މަޝްރޫއުތަކުގެ ކޮރަޕްޝަންގެ އަމަލުތަކެއްގައި" އިވަނޮވް ބައިވެރިވަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ވަކިން ހާއްސަކޮށް ރަޝިޔާއިން ސުންނާފަތި ކޮށްލި އަދި މިހާރު ރަޝިޔާގެ އަތްދަށުގައި އޮތް ޔޫކްރެއިނުގެ މަރިއޮޕޮލް ސިޓީގައި ހިންގަމުންދާ ޕްރޮޖެކްޓުތަކުން އިވަނޮވް ނާޖާއިޒު ފައިދާ ނަންގަވާ ކަމަށް އޭސީއެފް އިން ތުހުމަތުކޮށްފައި ވެ އެވެ. 

އިވަނޮވްގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ ދެއްވާ ޖަވާބެއް ދަ އިންވެސްޓިގޭޓިވް ކޮމިޓީއިން އިއްޔެ ނެރުނު ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ރަޝިޔާގެ ޖިނާއީ އަދުލާ ބެހޭ ގާނޫނުގެ 290 ވަނަ މާއްދާގެ 6 ވަނަ ނުކުތާގެ ދަށުންނެވެ. އެއީ 1 މިލިއަން ރޫބުލް (10،700 ޑޮލަރު) އަށް ވުރެ ބޮޑު އަދަދެއް ހިމެނޭ ކޮރަޕްޝަންގެ ތުހުމަތުތަކެވެ. މި ކުށް ސާބިތުވެއްޖެ ނަމަ 15 އަހަރު ދުވަހާ ހަމައަށް ޖަލަށް ލުމާ އެކު ބޮޑު އަދަދަކުން އިވަނޮވް ޖޫރިމަނާ ކުރާނެ އެވެ.

އިވަނޮވް އަކީ ކުރިން މޮސްކޯ ސަރަހައްދަށް ކަނޑައަޅާފައި ހުންނެވި ބޮޑުވަޒީރުގެ ނާއިބެވެ. މިހާރު ރަޝިޔާގެ ދިފާއީ ވަޒީރު ކަމުގައި ހުންނެވި ސަރްގޭ ޝޮއިގޫ ވެސް ވަނީ މޮސްކޯ ސަރަހައްދުގެ އިސް މަގާމެއް ކަމުގައިވާ ގަވަރުނަރުކަން ކުރިން ކުރައްވާފަ އެވެ. އިވަނޮވް އަކީ ޝޮއިގޫއާ އަރިސް ބޭފުޅެކެވެ. 

ރަޝިޔާ ސަރުކާރުގެ އެންމެ އިސް ވެރިން މަގާމުގެ ނުފޫޒު ބޭނުންކޮށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާ ކަމަށް އަބަދުވެސް ތުހުމަތު ކުރެވެ އެވެ. އެހެންކަމުން އިވަނޮވް ހައްޔަރު ކުރުން ވެގެން ގޮސްފައި ވަނީ ރަޝިޔާ ސަރުކާރުން އެޅި އާދަޔާހިލާފު ފިޔަވަޅަކަށެވެ. 

ކްރެމްލިންގެ ތަރުޖަމާނު ޑިމީޓްރީ ޕެސްކޯވް ރިޕޯޓަރުންނަށް ވިދާޅުވީ، އިވަނޮވް ހައްޔަރު ކުރާކަން ދުރާލާ ރައީސް ވްލަޑިމިއާ ޕޫޓިންއަށް އަންގާފައިވާ ކަމަށެވެ.

އިވަނޮވް އަކީ އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ރަޝިޔާ އަސްކަރިއްޔާގެ 10 ވަނަ އަށް އެންމެ ބާރުގަދަ މީހާ ކަމަށް އީޔޫއިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް