ކޮލަމްބިއާ ޔުނިވާސިޓީގެ ކެމްޕަހެއްގެ ބޭރުގައި ދަރިވަރުންނާއި މުވައްޒަފުން ގާޒާއަށް ތާއީދުކޮށް މުޒާހަރާކުރާ އިރު ފުލުހުން ރަޔަޓް ގިއަރުގައި.

އެމެރިކާ

އެމެރިކާގެ ޔުނިވާސިޓީތަކުގައި ކުރިއަށްދާ ގާޒާ މުޒާހަރާތަކުން ގިނަ ދަރިވަރުންތަކެއް ހައްޔަރުކޮށްފި

މި މުޒާހަރާތަކާ ވިއެޓްނާމް ހަނގުރާމައާ ދެކޮޅަށް ޔުނިވާސިޓީތަކުގައި ކުރި މުޒާހަރާތަކާ އެއްގޮތް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ފާހަގަކުރަމުން

އެމެރިކާގެ އެންމެ އިއްޒަތްތެރި ޔުނިވާސިޓީތަކުގައި ގާޒާ ހަނގުރާމައާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތައް ވަރުގަދަވަމުން އަންނަ އިރު، އޮފިޝަލުން އަންނަނީ މި ހަރަކާތްތައް ހިންދާލުމަށް މަސައްކަތް ކުރަމުން ނެވެ.

ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ ނިއު ޔޯކް ޔުނިވާސިޓީ (އެންވައިޔޫ)ގައި ހިނގަމުން ދިޔަ މުޒާހަރާއެއް ރޫޅާލާ ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. ހޯމަ ދުވަހު ޔޭލް ޔުނިވާސިޓީއިން ވެސް ދަރިވަރުންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ކޮލަމްބިއާ ޔުނިވާސިޓީގައި ބައެއް ކްލާސްތައް ވަނީ ކެންސަލް ވެސް ކޮށްފަ އެވެ.

މި މުޒާހަރާތަކުގައި ޔަހޫދީންނާ މެދު ނަފުރަތު އުފެއްދުމަށް ހިންގާފައިވާ ބައެއް ކަންތައްތައް  ވައިޓް ހައުސް އިން ވަނީ ކުށްވެރިކޮށްފަ އެވެ. 

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށުނު ހަމާސް-އިޒްރޭލު ހަނގުރާމައާ ގުޅޭ ގޮތުންނާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ބެހޭގޮތުން އެމެރިކާގެ ކެމްޕަސްތަކުގައި ގިނަ މުޒާހަރާތަކާއި ހޫނު ގަދަ ބަހުސްތަކެއް އަންނަނީ ހިނގަމުން ނެވެ.

މުސްލިމުން އަދި ޔަހޫދީންނާ ދެކޮޅަށް ވެސް ހިނގަމުން އަންނަ ނަފުރަތުގެ އަމަލުތައް ގިނަވެފައިވާ ކަމަށް ދެ ފަރާތަށް ތާއީދު ކުރާ ދަރިވަރުން ވެސް ވަނީ ބުނެފަ އެވެ.

ކެމްޕަސްތަކުގައި ހިނގަމުން އަންނަ މި ހަރަކާތްތަކާ ބެހޭގޮތުން ސުވާލު ކުރުމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ހޯމަ ދުވަހު ވިދާޅުވީ، "ޔަހޫދީންނާ މެދު ނަފުރަތު އުފެދޭ ގޮތަށް ހިންގާ މުޒާހަރާތަކާއި" އަދި "ފަލަސްތީނުގައި ހިނގަމުން އަންނަ ކަންތައްތައް ނޭނގޭ މީހުން" ވެސް ކުށްވެރި ކުރާ ކަމަށެވެ.

މަސަޗޫސަޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން.

ޔުުނިވާސިޓީތަކުގައި ހިނގަމުން އަންނަ މި މުޒާހަރާތަކަށް މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބުނީ މިދިޔަ ހަފްތާގައި ކޮލަމްބިއާ ޔުނިވާސިޓީގެ ކެމްޕަހަށް ނިއު ޔޯކުގެ ފުލުހުން ގޮސް 100 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރުމުން ނެވެ. 

އެ ފަހުން މިވީ މަދު ދުވަސްކޮޅު ތެރޭ މިފަދަ ރެލީތައް ވަނީ އިތުރުވެފަ އެވެ. އެންވައިޔޫ އާއި ޔޭލް ޔުނިވާސިޓީގެ އިތުރުން ޔުނިވާސިޓީ އޮފް ކެލިފޯނިއާ އެޓް ބާކެލީ، މަސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)، ދަ ޔުނިވާސިޓީ އޮފް މިޗިގަން އަދި އެމަސަން ކޮލެޖް އެންޑް ޓަފްޓްސްގައި ވެސް މިފަދަ ރެލީތައް މިހާރު ވަނީ ފެށިފަ އެވެ.

މި މުޒަހަރާތަކުގެ ބައިވެރިން ގޮވާލަމުން ދަނީ "އިޒްރޭލުގެ އިސްތިއުމާރީ ވިސްނުން ދެމެހެއްޓުމުގެ މަސްލަހަތު އޮންނަ ކުންފުނިތަކާއި ހަތިޔާރު އުފައްދާ ކުންފުނިތަކަށް ޔުނިވާސިޓީތަކުން ފައިސާ އާއި އެހެނިހެން އެހީތެރިކަން" ދިނުން ހުއްޓާލާ އެ ކަހަލަ މައުލޫމާތުތައް ޔުނިވާސިޓީތަކުން އާންމު ކުރުމަށެވެ.

އޭއެފްޕީއާ ވާހަކަ ދެއްކި އަލެހަންޑްރޯ ޓަނޮން ކިޔާ ދަރިވަރަކު ބުނީ އެމެރިކާ މިވަގުތު އޮތީ ވަރަށް ނާޒުކު މުހިންމު ދަނޑިވަޅެއްގައި ކަމަށެވެ. އަދި ވިއެޓްނާމް ހަނގުރާމަ އާއި ސައުތު އެފްރިކާގެ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މީގެ އެތައް އަހަރެއް ކުރިން ކުރެވުނު މުޒާހަރާތަކާ މިހާރު ކުރިއަށް މިދާ މުޒާހަރާތަކާ އެއްގޮތް ކަންތައްތަކެއް ހުރިކަމަށް ޓަނޮން ބުންޏެވެ.

"އަހަރުމެން މިތިބީ ފަލަސްތީނާ އެކު އަދި ހުރިހާ އެންމެންގެ މިނިވަންކަމާ އެއްކޮޅަށް،" ސީބީއެސް އަށް މުޒާހަރާގެ އެއް ބައިވެރިއަކު ބުންޏެވެ.

ހަމަ އެ މަގުގެ އަނެއް ފަރާތުގައި އިޒްރޭލުގެ ދިދަ ހިފައިގެން ހުރި މީހަކު ބުނީ "މިތާ އޮތީ ރަނގަޅު އެންމެ ފަރާތެއް އަދި ތާރީހުގައި ވެސް އޮތީ ރަނގަޅު އެންމެ ފަރާތެއް" ކަމަށާއި "މިއީ ރަނގަޅު ފަރާތް" ކަމަށެވެ.

އެންވައިޔޫ އިން ބުނި ގޮތުގައި، އެ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލު ބޭރުގައި ހުއްދަ ނުނަގާ ކުރިއަށް ގެންދިޔަ 50 މީހުން ބައިވެރި މުޒާހަރާގެ ސަބަބުން ކުލާސްތަކެއް ބުރޫ އެރި އެވެ. ފުލުހުން މި މީހުން ހައްޔަރު ކުރަން ފައްޓާފައި ވަނީ ހޯމަ ދުވަހުގެ ރޭ އެވެ. އަދި ހައްޔަރު ކުރި މީހުންގެ އަދަދެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އޭގެ ގަޑިއިރުތަކެއް ކުރިން ކަނެޓިކަޓްގެ ނިއު ހޭވަންގައި ހުންނަ ޔޭލް ޔުނިވާސިޓިއިން  މުޒާހަރާކޮށްގެން ގާތްގަނޑަކަށް 50 ވަރަކަށް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެތަނަށް އެތައް ސަތޭކަ ބަޔަކު އެއްވި ކަމަށާއި، މުޒާހަރާ ހުއްޓާލުމަށް ކުރި އިލްތިމާސްތަކަށް އެމީހުން ބޯލަނބާފައި ނުވާކަމަށް އިދާރާތަކުން ވަނީ ބުނެފަ އެވެ.

ހޯމަ ދުވަހު ކޮލަމްބިއާ ޔުނިވާސިޓީގެ ވެރިޔާ ޑރ. މިނޯޝޭ ޝާފިކް ވަނީ، "ބިރުދެއްކުމާއި ފުރައްސާރަ ކުރުމުގެ އަމަލުތަކެއް" ހިނގަމުންދާކަމަށް ފާހަގަކޮށް ކެމްޕަސްތަކަށް ދަރިވަރުން ނުދިޔުމަށް އިލްތިމާސްކޮށްފަ އެވެ. އެ ޔުނިވާސިޓީގެ ކްލާސްތައް ބާއްވާފައި ވަނީ އޮންލައިން ކޮށެވެ. 

އެންވައިޔޫގައި އޮތް މުޒާހަރާތަކުގައި ޔުނިވާސިޓީއާ ގުޅުން ނެތް ބަޔަކު ބައިވެރިވެފައިވާ ކަމަށް އެ ޔުނިވާސިޓީއިން ވަނީ ބުނެފަ އެވެ. އަދި ޔަހޫދީންނާ ދެކޮޅަށް ނަފުރަތުގެ އަމަލުތަކެއް ހޯމަ ދުވަހު ހިންގާފައިވާ ކަމަށް ވެސް އެންވައިޔޫއިން ބުނެފައިވެ އެވެ.

މިފަހުން އިންޓަނެޓުގައި ދައުރުވި ބައެއް ވީޑިއޯތަކުގައި، ކޮލަމްބިއާ ޔުނިވާސިޓީގައި އޮތް މުޒާހަރާގެ ބައެއް ބައިވެރިން ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއަށް ތާއީދުކޮށް އަޑުއުފުލާ މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ.

ހޯމަ ދުވަހު ކޮލަމްބިއާ ޔުނިވާސިޓީއަށް ވަޑައިގެން ހާލަތު ބައްލަވާލެއްވި ޑިމޮކްރެޓިކް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކެތީ މޭނިންގް ވިދާޅުވީ، އެ މުޒާހަރާއިން އިޒްރޭލުގެ ހަލާކަށް އެދި ބައެއް ފަރާތްތައް އަޑުއުފުލަމުން ދިޔަތަން އޭނާއަށް ފެނިވަޑައިގެންފައިވާ ކަމަށެވެ.

ކޮލަމްބިއާ ޔުނިވާސިޓީއިން ބުނިގޮތުގައި ޔަހޫދީ ދަރިވަރިންނަށް އަންނަނީ  ފުރައްސާރައިގެ އަމަލުތަކާ ވެސް ކުރިމަތިވަމުން ނެވެ. އަދި ހާލަތު ރަނގަޅު ވަންދެން ކެމްޕަސްތަކަށް ޔަހޫދީ ދަރިވަރުން ނުދިޔުމަށް އެ ޔުނިވާސިޓީއާ ގުޅުން އޮންނަ ޔަހޫދީ ދީނީ މީހަކު ވެސް ވަނީ ގޮވާލައްވާފަ އެވެ. 

ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ޔަހޫދީންނާ ދެކޮޅަށް ނަފުރަތުގެ އަމަލުތައް ހިންގަމުން ދާ ކަމަށް ކުރާ ތުހުމަތުތަައް ދޮގުކޮށްފަ އެވެ. އަދި ފާޑުކިޔަމުން މިދަނީ އިޒްރޭލަށާއި އެ ގައުމުގެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކަށް ކަމަށް މުޒާހަރާގެ ބައިވެރިން ބުނެ އެވެ.

ފަލަސްތީނަށް އިންސާފު ހޯދުމަށް ގޮވާލާ ކޮލަމްބިއާގެ ދަރިވަރުންތަކެއް އުފައްދާފައިވާ ޖަމިއްޔާއިން ބުނީ "ނަފުރަތާއި ސަބަބެއް ނެތި ހަރުކަށިކަން ދައްކާ ހުރިހާ އަމަލުތަކެއް" ކުށްވެރި ކުރާ ކަމަށެވެ. އަދި އެ ޖަމިއްޔާގެ ވިސްނުން ރަމްޒުކޮށް ނުދޭ ބަޔަކު ހިންގަމުން އަންނަ ހަރުކަށި ކަންތައްތައް ވެސް 'ޖަސްޓިސް އިން ޕަލެސްޓައިން' ޖަމިއްޔާއިން ވަނީ ކުށްވެރިކޮށްފަ އެވެ.

ނިއު ޔޯކް ޔުނިވާސިޓީގައި ގާޒާ ހަނގުރާމައަށް ފާޑުކިޔާ ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ މިދިޔަ ހަފްތާގައި ކޮލަމްބިއާ ޔުނިވާސިޓީގެ ވެރިޔާ ޑރ. ޝަފީކް ހާޒިރުކޮށް ޔަހޫދީންނާ ދެކޮޅަށް ހިންގަމުން އަންނަ އަމަލުތައް ހުއްޓުވުމަށް ޔުނިވާސިޓީ އަޅަމުން އަންނަ ފިޔަވަޅުތަކާ ބެހޭގޮތުން ސުވާލުކޮށްފަ އެވެ.

ޑރ. ޝަފީކް އަށް އެކި ކޮޅުކޮޅުން ވަނީ ޕްރެޝަރާ ކުރިމަތިވެފަ އެވެ. މީގެ ތެރޭގައި ޔުނިވާސިޓީގެ މުޒާހަރާތަކުން ގިނަ ބަޔަކު ހައްޔަރު ކުރުމުން ޔުނިވާސިޓީ ސެނެޓުން އެކަން ސެންސަރު ކުރުމަށް ފާސްކުރަން މަސައްކަތް ކުރި ގަރާރާ މެދު ތިލަވެފައި އޮތް ޕްރެޝަރުތައް ވެސް ހިމެނެ އެވެ.

ކޮލަމްބިއާ ޔުނިވާސިޓީގެ ޔަހޫދީ ދަރިވަރުންނާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ގޮވާލަމުންދާ ފަރާތްތައް ހުއްޓުވުމަށް ފޭލުވެފައިވާ ކަމަށް ބުނެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ޑރ. ޝަފީކް އިސްތިއުފާ ދެއްވުމަށް ގޮވާލާފަ އެވެ. އަދި ޔަހޫދީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކޮށްދިނުމަށް އެދި ޑިމޮކްރެޓިކް ޕާޓީ އިން ވެސް ވަނީ އެ ޔުނިވާސިޓީއަށް ގޮވާލާފަ އެވެ.

މި މުޒާހަރާތަކާ ގުޅިގެން ކޮލަމްބިއާ ޔުނިވާސިޓީގެ ސްޓާފުން އެޅި ބައެއް ފިޔަވަޅުތަކަށް ވެސް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުން ނެވެ. އެގޮތުން ބީބީސީއަށް ހޯމަ ދުވަހު ލިބިފައިވާ ކޮލަމްބިއާގެ 'ނައިޓް ފަސްޓް އެމެންޑްމަންޓް އިންސްޓިޓިއުޓް' އިން ފޮނުވި ލިޔުމެއްގައި، މި މައްސަލައިގައި ޔުނިވާސިޓީ އިން ގެންގުޅެމުން އަންނަ ވިސްނުން "ވީހާ ވެސް އަވަހަކަށް ރަނގަޅު" ކުރުމަށް ގޮވާލާފައިވެ އެވެ. އަދި ޔުނިވާސިޓީއިން ބޭރުގެ އިދާރާތައް މި މައްސަލައިގެ ތެރެއަށް ވައްދަން ޖެހޭނީ މީހުންނަށާއި މުދަލަށް ބިރެއް އޮތް ކަމުގައިވާ ނަމަ ކަމަށް އެ ބަޔާނުގައި ވެއެވެ.

ޔޭލް ޔުނިވާސިޓީގައި ކުރިއަށް ދިޔަ މުޒާހަރާތަކުގެ ތެރެއިން.

ހަމާސް-އިޒްރޭލު ހަނގުރާމަ ހަތް ވަނަ މަހަަކަށް އެޅިފައި ވާއިރު މިހާތަނަށް ފަލަސްތީނުގެ 34،000 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް ގާޒާގެ އިދާރާތަކުން ބުނެ އެވެ. 

މިފަހުން އެމެރިކާގައި ނެގުނު ގެލަޕް ހިޔާލު ހޯދުމުގެ ވޯޓެއްގެ ނަތީޖާ ދައްކާގޮތުން، އިޒްރޭލުން ގާޒާގައި ހިންގަމުން އަންނަ ހަރަކާތްތަކަށް އެމެރިކާގެ ގިނަ ރައްޔިތުން މިހާރު ތާއީދެއް ނުކުރެ އެވެ. ގާޒާ ހަނގުރާމައާ މެދު އެމެރިކާގެ އާންމުންގެ މެދުގައި ހިޔާލު ބަދަލުވަމުން އަންނަކަން މި ސާވޭއިން ވަނީ ފެނިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް