ޔޫކްރެއިންގެ އަވަށެއް ފުނޑުފުނޑުކޮށްލާފައި: މިއީ ރަޝިޔާއިން ސީރިޔާގެ އަލައްޕޯ އާއި ޗެޗްނިޔާގެ ގްރޯޒްނީއަށް ވެސް ހެދި ގޮތް

އެމެރިކާ

ޔޫކްރެއިނަށް އަސްކަރީ އެހީ ވަރަށް އަވަހަށް ފޮނުވާނެ ކަމަށް ބައިޑަން ވިދާޅުވެެއްޖެ

ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއިން އަންނަނީ ފާއިތުވެދިޔަ ހަފްތާތަކުގައި މުހިންމު ކާމިޔާބީތަކެއް ހޯދަމުން

ޔޫކްރެއިނަށް އަސްކަރީ އެހީ ފޯރުކޮށްދޭން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ބިލާ އެކު މި އެހީ ވީހާ ވެސް އަވަހަކަށް ފޯރުކޮށްދޭން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ޔޫކްރެއިންގެ ރައީސް ވޮލޮޑްމިއާ ޒެލެންސްކީއަށް އަރުވައިފި އެވެ. 

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެއިން މި ބިލު ފާސްވެގެން ގޮސްފައި މި ވަނީ ގިނަ ހަފްތާތަކެއް ވަންދެން މި ބިލަށް ބޭނުންވާ ވަރަށް ވޯޓު ނުލިބި މަޖިލީހުގައި ތާށިވެފައި އޮތުމަށް ފަހު އެވެ.

އަދި މިއަދު ގާނޫނު ހަދާ މަޖިލީހުގެ މަތި ގެއިން މި ބިލު ފާސްކުރުމަށް ހަމަޖެހިފައިވާ އިރު، ވައިގެ ދިފާއީ ނިޒާމުތައް ފަދަ "މުހިންމު" އަސްކަރީ އެހީތަކެއް ކީވް އަށް ފޯރުކޮށްދޭން ބައިޑަން ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އެމެރިކާގެ ޔަގީންކަން ބައިޑަން ޒެލެންސްކީއަށް ދެއްވާފައި މިވަނީ ރަޝިޔާއިން ޔޫކްރެއިނުގެ ހާކީވްގައި ހުންނަ ޓީވީ ޓަވަރަކަށް ހަމަލާތަކެއް ދީފައި ވަނިިކޮށެވެ. އިއްޔެ މެންދުރު ދިން އެ ހަމަލާތަކުގައި އެ ޓަވަރު ވެއްޓޭ މަންޒަރު ދައުރުވަމުންދާ ވީޑިއޯތަކުން ފެނެ އެވެ. 

މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް ހަމަލާގެ ސަބަބުން އެ ސަރަހައްދުގެ ޓީވީ ބްރޯޑްކާސްޓަށް ވަނީ ބުރޫ އަރައިފަ އެވެ. ފާއިތުވެ ދިޔަ ހަފްތާތަކުގައި ރަޝިޔާ ސިފައިން އަންނަނީ މެދުކެނޑުމެއް ނެތި ހާކީވް އަށް ވައިގެ ހަމަލާތައް ދެމުން ނެވެ.

މި ހަމަލާ ކުށްވެރި ކުރައްވާ ރައީސް ޒެލެންސްކީ ވިދާޅުވީ، ރަޝިޔާގެ އަމާޒަކީ މީހުން ދިރިނޫޅެވޭ ވަރުގެ ތަނަކަށް އެ ސިޓީ ހެދުން ކަމަށެވެ. މި ހަމަލާގެ މައުލޫމާތު ޒެލެންސްކީ ވަނީ ބައިޑަންއާ ހިއްސާ ކުރައްވާފަ އެވެ. އަދި ބައިޑަން ވަނީ ރަޝިޔާގެ ހަރުކަށިކަމާ ދެކޮޅަށް ޔޫކްރެއިނަށް އެހީތެރިވެދިނުމުގައި އެމެރިކާއިން ދެމި އޮންނާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.

އެމެރިކާގެ މަޖިލީހުގެ ދަށުގެއިން ފާސްކުރި އެހީގެ ޕެކޭޖުގައި ޔޫކްރެއިނަށް އިގްތިސާދީ އެހީގެ ގޮތުގައި  9 ބިލިއަން ޑޮލަރު ވެސް ހިމަނާފައިވެ އެވެ.

ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއިން އަންނަނީ ފާއިތުވެދިޔަ ހަފްތާތަކުގައި މުހިންމު ކާމިޔާބީތަކެއް ހޯދަމުން ނެވެ. އަދި މި ފެށޭ މޭ މަހުގެ 9 ވަނަ ދުވަހު ރަޝިޔާއިން ފާހަގަކުރާ ނަސްރުގެ ދުވަހާ ދިމާކޮށް މި ހަނގުރާމައިގައި ކާމިޔާބީތަކެއް އިއުލާނު ކުރުމަށް މޮސްކޯއިން ބޭނުންވާނެ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.

ބައިޑަން ވަނީ ޔޫކްރެއިން ހަނގުރާމައާ ބެހޭގޮތުން ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އާސުލާ ވޮން ޑެ ލެޔެންއާ ވެސް އިއްޔެ މަޝްވަރާ ކުރައްވާފަ އެވެ.

ވޮން ޑެ ލެޔެންގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި "ރަޝިޔާގެ ހަރުކަށިކަމާ ދެކޮޅަށް ދިފާއުވުުމަށް ޔޫކްރެއިނަށް އެހީތެރިވުމަށާއި" އަދި "މިނިވަންކަމަށް ހަނގުރާމަަ ކުރަން ޔޫކްރެއިނަށް މެދުނުކެނޑި ބައިނަލްއަގްވާމީ ތާއީދު ބޭނުންވާ" ކަމުގެ މުހިންމު ކަމާ މެދު މަޝްވަރާ ކުރެވުނު ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް