ހެލިކޮޕްޓަރުތައް ވެއްޓުނުތަނުގައި އިމަޖެންސީ މަސައްކަތްތެރިން ހަރަކާތްތެރި ވަނީ.

މެލޭޝިއާ

މެލޭޝިއާގައި އަސްކަރީ ދެ ހެލިކޮޕްޓަރެއް ޖެހި 10 މީހަކު މަރުވެއްޖެ

މި ހާދިސާ ތަހްގީގު ކުރަން ކޮމިޓީއެއް އުފައްދާނެ ކަމަށް މެލޭޝިއާ އަސްކަރިއްޔާއިން ވަނީ ބުނެފައި

މެލޭޝިއާގެ އަސްކަރިއްޔާއިން ރޯޔަލް މެލޭޝިއަން ނޭވީ ޕެރޭޑަށް ކުރަމުން ދިޔަ ރިހާސަލެއްގައި ދެ ހެލިކޮޕްޓަރެއް އެކްސިޑެންޓުވެ، 10 މީހަކު މަރުވެއްޖެ އެވެ.

ލޯކަލް މީޑިއާގައި ޝާއިއުކޮށްފައިވާ ފުޓޭޖުން ފެންނަ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ އެއް ހެލިކޮޕްޓަރުގެ ބުރަފަތި އަނެއް ހެލިކޮޕްޓަރުގެ ރޮޓޮރަރުގައި ޖެހިގެން ނެވެ.

މިއަދު ހެނދުނު 9:30ގައި މި ހާދިސާ ހިނގާފައި ވަނީ މެލޭޝިއާގެ ކަނޑުގެ އަސްކަރީ ބޭހެއް އޮންނަ ލުމުތު އަވަށުގަ އެވެ.

މި ހާދިސާއެއްގައި އެއްވެސް މީހަކު ސަލާމަތްވެފައެއް ނުވެ އެވެ.

"ހުރިހާ މީހުން މަރުވިކަން ވަނީ ޔަގީން ކުރެވިފައި އަދި ހަށިގަނޑުތައް ދެނެގަތުމަށް [ލުމުތު] އަސްކަރީ ހޮސްޕިޓަލަށް ވަނީ ފޮނުވިފައި،" ރޯޔަލް މެލޭޝިއަން ނޭވީއިން ބުންޏެވެ. އަދި މި ހާދިސާ ތަހްގީގުކުރަން ކޮމިޓީއެއް އުފައްދާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

މި އެކްސިޑެންޓުގައި ހަތް މީހުނާ އެކު ވެއްޓުނު 'އެޗްއޯއެމް އެމް 3-503' މަރުކާގެ އެއް ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ދުވާ ޓްރެކެއްގެ މައްޗަށެވެ. އަދި 'ފެނެކް އެމް 6-502' މަރުކާގެ އަނެއް ހެލިކޮޕްޓަރު ވެއްޓުނީ ކައިރީގައި ހުރި ސްވިމިންގް ޕޫލް އަކަށެވެ.

މި ހާދިސާ ހިނގިކަން ރިޕޯޓުކޮށްފައި ވަނީ 9:50 ހާއިރު ކަމަށް ސްޓޭޓުގެ ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓުން ބުންޏެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ ސޯޝަލް މީޑިއާ އެކްސްގައި  މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވަައިފަ އެވެ.

މެލޭޝިއާގެ އަސްކަރީ ދެ ހެލިކޮޕްޓަރު އެކްސިޑެންޓްވި ލުމުތު އަސްކަރީ ބޭސް.

މިދިޔަ މަހު މެލޭޝިއާގެ ކޯސްޓް ގާޑް ހެލިކޮޕްޓަރެއް ވެސް ވަނީ ތަމްރީނު ދަތުރެއްގައި އުޅެނިކޮށް އަންގްސާ ރަށުން ބޭރު ކަނޑަށް ވެއްޓިފަ އެވެ. އެ ހާދިސާގައި  ހެލިކޮޕްޓަރުގައި ތިބި ހަތަރު މީހުން ވެސް ވަނީ މަސްވެރިންތަކެއް ސަލާމަތްކޮށްފަ އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް