މޭޖާ ޖެނެރަލް އަހަރޮން ހަލިވާ (ވ) އަކީ އޮކްޓޯބަރު 7އާ ގުޅިގެން އިސްތިއުފާ ދެއްވި އެންމެ މަތީ ވެރިޔާ.

އިޒްރޭލް

އޮކްޓޯބަރު 7އާ ގުޅިގެން އިޒްރޭލުގެ އަސްކަރީ ޖާސޫސީ އިދާރާގެ ވެރިޔާ އިސްތިއުފާދެއްވައިފި

ިމިއީ އޮކްޓޯބަރު 7އާ ގުޅިގެން މިހާތަނަށް އިސްތިއުފާ ދެއްވި އިޒްރޭލުގެ އެންމެ މަތީ އޮފިޝަލް

އޮކްޓޯބަރު 7 ވަނަ ދުވަހު އިޒްރޭލަށް ހަމާސް އިން ދިން ހަމަލާތަކަށް ޒިންމާ ނަންގަވާ ކަމަށް ވިދާޅުވެ، އިޒްރޭލުގެ އަސްކަރީ ޖާސޫސީ އިދާރާގެ ވެރިޔާ އިސްތިއުފާ ދެއްވައިފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާ (އައިޑީއެފް) އިން ބުނިގޮތުގައި މޭޖާ ޖެނެރަލް އަހަރޮން ހަލިވާ މަގާމުން ވަކިވެވަޑައިގަންނަވާނީ އެ މަގާމަށް އާ ބޭފުޅަކު ހަމަޖެހުމުންނެވެ.

މަގާމުގެ ޒިންމާތައް ފުރިހަމައަށް އަދާނުކުރެއްވޭ ކަމަށް ވިދާޅުވެ ހަލިވާ ވަނީ ސިޓީއެއް ލިޔުއްވާފަ އެވެ. އޭނާ ވެގެން ގޮސްފައި މިވަނީ އިޒްރޭލުގެ ތާރީހުގައި ވެސް ދިން އެންމެ ވަރުގަދަ ހަމަލާއާ ގުޅިގެން އިސްތިއުފާ ދެއްވި އެންމެ އިސް އޮފިޝަލަށެވެ.

ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާ އައީ އިޒްރޭލުގެ އަސްކަރިއްޔާ އާއި ޖާސޫސީ އޮފިޝަލުން މިފަދަ ކަމެއް ހިނގާފާނެ ކަމުގެ ގިނަ އިންޒާރުތަކަކާއި ނިޝާންތަކެއް އަޅާނުލާ ދޫކޮށްލުމުންނެވެ. މި ހަމަލާގައި އިޒްރޭލާއި ބޭރު ގައުމުތަކުގެ 1،200 އެއްހާ މީހުން މަރާލައި 253 މީހުން ރަހީނުންގެ ގޮތުގައި ގާޒާއަށް އެނބުރި ހަމާސް އިން ގެންގޮސްފައިވާ ކަމަށް އިޒްރޭލުން ބުނެފައި ވެ އެވެ.

މިކަމަށް ރައްދުދިނުމުގެ ގޮތުން އިޒްރޭލުން ވަނީ ހަމާސް އެއްކޮށް ނައްތާލައި ރަހީނުން މިނިވަންކުރުމަށް މިހާތަނަށް ފެނިގެން ނުދާވަރުގެ ރަހުމުކުޑަ ހަނގުރާމައެއް ގާޒާގެ މައްޗަށް ފައްޓާފަ އެވެ. ގާޒާގައި ހަމާސް އިން ހިންގަމުން އަންނަ ހެލްތު މިނިސްޓްރީއިން ބުނާ ގޮތުގައި، މިހާތަނަށް މި ހަނގުރާމައިގައި 34،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން މަރުވެފައި ވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އައިޑީއެފް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މޭޖާ ޖެނެރަލް ހަލިވާ މަގާމުން އިސްއިތުފާ ދެއްވުމަށް ނިންމީ ޖާސޫސީ އިދާރާގެ ވެރިޔާ ކަމުގެ މަގާމުގައި ހުންނަވަނިކޮށް އޮކްޓޯބަރު 7 ވަނަ ދުވަހު ހިނގާ ދިޔަ ކަންތައްތަކާ ގުޅިގެން ކަމަށެވެ.

ހަލިވާ ސިޓީގައި، "އެ އަނދިރި ދުވަސް އެ ފަހުން ކޮންމެ ދުވަހަކު އަހަންނާ އެކު ވޭ. ދުވަހަކަށް ފަހު ދުވަހެއް، ރެޔަކަށް ފަހު ރެޔެއް. މި ހަނގުރާމައިގެ ޒިންމާ އަދި އަދަށް ދާންދެން ވެސް އަހަރެމެންގެ ބޯމަތީ އޮންނާނެ،" ކަމަށް ލިޔުއްވާފައި ވެ އެވެ.

އެ ދުވަހުގެ ހަމަލާ ދިނުމަށް މެދުވެރިވި ހުރިހާ ސަބަބެއް ހޯދައި ތަހްގީގު ކުރުމަށް ވެސް އޭނާ އެ ސިޓީގައި އެދިވަޑައިގެންފައި ވެ އެވެ.

"އަހަރެން އައިޑީއެފްގެ ހިދުމަތުގައި ކުރި ހުރިހާ ކަމެއް ކޮށްފައި ވާނީ އިޒްރޭލަށްޓަކައި އަދި އިޒްރޭލު ރައްޔިތުންނަށްޓަކައި."

އިޒްރޭލުގެ ސިޔާސީ އިދިކޮޅު ލީޑަރު ޔައާ ލަފީދު އެކްސްގައި ލިޔުއްވީ، މޭޖާ ޖެނެރަލް ހަލިވާ އިސްތިއުފާ ދެއްވަން ނިންމެވުމަކީ އެންމެ ރަނގަޅު އަދި އިއްޒަތްތެރި ގޮތް ކަމަށާއި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް "ހަމަ މިގޮތަށް ހައްދަވަން ޖެހިވަޑައިގަންނަވާ" ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް