އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން.

އެމެރިކާ

ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެމެރިކާގެ ބްލިންކެން ޗައިނާއަށް ވަޑައިގަންނަވަނީ

މިދިޔަ އަހަރާ ބަލާފައި މިއަހަރު ޗައިނާ-އެމެރިކާ ގުޅުންތައް ވަނީ ރަނގަޅުވެފައި

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ޗައިނާއާ ގެންގުޅެމުން އަންނަ ގުޅުން އިތުރަށް ގޯސްވިޔަ ނުދީ ދެމެހެއްޓުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން އަންނަ ހަފްތާގައި ޗައިނާއަށް ދަތުރުކުރުމަށް ހަމަޖެހިއްޖެ އެވެ.

މިއީ އެމެރިކާގެ ހާރިޖީ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ބްލިންކެން ޗައިނާއަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. ބްލިންކެން އެންމެ ފުރަތަމަ ޗައިނާއަށް ވަޑައިގެންފައި ވަނީ މިދިޔަ އަހަރު ޗައިނާގެ ޖާސޫސީ ފުއްޕާހަންތަކެއް އެމެރިކާގެ ސަރަހައްދުން ފެނި އެކަމާ ބެހޭ ގޮތުން ދެ ގައުމުގެ ގުޅުން ވަރަށް ނުތަނަވަސްވެފައި އޮއްވަ އެވެ.

ރައީސް ބައިޑަން ވަނީ މިމަހު ކުރީކޮޅު ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްއާ ފޯނުން ގުޅުއްވާ މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިފަ އެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު އެމެރިކާގެ ކެލިފޯނިއާގައި އޮތް ތާރީހީ ސަމިޓަށް ފަހު މި ދެ ލީޑަރުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. 

"މީގެ އަހަރެއް ކުރިން ދެ ގައުމުގެ ގުޅުން ވެއްޓިފައި އޮތް ތާރީހީ ދަށް މިންވަރާ ބަލާފައި އަހަރުމެން މިހާރު މިތިބީ ތަފާތު ހިސާބެއްގައި،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ސީނިއާ އޮފިޝަލެއް ވިދާޅުވި އެވެ.

މިމަހުގެ 24 އިން 26 އަށް ބްލިންކެން ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ޝަންހާއީ އަދި ބެއިޖިންގްގެ އޮފިޝަލުންނާ ބައްދަލުކުރައްވާނެ ކަމަށާއި މި ދަތުރުގެ މައިގަނޑު ތިން މަގްސަދެއް އެބައޮތް ކަމަށް  އެ އޮފިޝަލް ވިދާޅުވި އެވެ.

"ފުރަތަމަ މުހިންމު މައްސަލަތަކަށް ކުރިއެރުންތަކެއް ހޯދުން. ދެވަނައަށް، ބައިނަލްއަގްވާމީ އަދި ސަރަހައްދީ ގުޅުންތަކާ ބެހޭ ގޮތުން ސާފުކޮށް ސީދަލަށް މުއާމަލާތުކުރުން. އަދި ތިންވަނަ ކަމަކަށް ޒިންމާދާރު ގޮތަކަށް ވާދަވެރިކަން މެނޭޖުކުރުން،" އެ އޮފިޝަލް ވިދާޅުވި އެވެ.

އަދި ޗައިނާއިން ރަޝިޔާގެ އަސްކަރީ ސިނާއަތަށް ވަމުން އަންނަ އެހީތެރިކަމާ މެދު ހުރި ކަންބޮޑުވުންތަކާއި ޗައިނާގެ އިންސާނީ ހައްގުތަކާ ބެހޭ ރެކޯޑާ މެދު ހުރި ކަންބޮޑުވުންތަކާއި އިގްތިސާދީ އަދި ވިޔަފާރިއާ ބެހޭ އިންސާފުވެރި ނޫން ކަންކަމާ ބެހޭގޮތުން ބްލިންކެން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި ހަމަ މިއާ އެކު މެދުއިރުމަތީގެ މަސްރަހާ މެދު ވެސް ބްލިންކެން މަޝްވަރާ ކުރައްވާނެ ކަމަށް އެމެރިކާގެ އޮފިޝަލް ވިދާޅުވި އެވެ. އީރާން އާއި އިޒްރޭލާ މެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން ތެހެރާން މައިތިރިކުރުމަށް ވޮޝިންޓަނުން ވަނީ ތަކުރާރުކޮށް ބެއިޖިންގް އަށް ގޮވާލާފަ އެވެ.

މީގެ އިތުރުން ވެސް ސައުތު ޗައިނާ ސީ ކަނޑުގައި ހިންގަމުން އަންނަ ހަމަނުޖެހުންތައް ފަދަ އިންޑޯ ޕެސިފިކް ސަރަހައްދަށް ކުރިމަތިވެފައިވާ ނުތަވަސްކަމާއި އުތުރު ކޮރެއާ އިން ދެމުން އަންނަ އިންޒާރުތަކާ  މެދު ވެސް ބްލިންކެން މަޝްވަރާ ކުރައްވާނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް