ބިލް ފާސްވުމާ އެކު ޔޫކްރެއިނަށް ތާއީދުކުރާ ސަޕޯޓަރުން މަޖިލީހުގެ ބޭރުގައި އުފާ ފާޅުކުރަނީ.

އެމެރިކާ

އެމެރިކާގެ މަޖިލީހުން ޔޫކްރެއިނަށް އަސްކަރީ އެހީ ދޭ ބިލް އެންމެފަހުން ފާސްކޮށްފި

ހަތިޔާރުގެ ދަތިކަމާ އެކު ފާއިތުވެ ދިޔަ މަސްތަކުގައި ޔޫކްރެއިނުގެ ފައުޖުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ޔޫކްރެއިން ހަނގުރާމައިގައި ކީވްގެ ފައުޖުތަކަށް ހަތިޔާރު ވަރަށް ބޮޑަށް ބޭނުން ޖެހިފައި އޮތް ދަނޑިވަޅެއްގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެއިން ޔޫކްރެއިނަށް އަސްކަރީ އެހީދިނުމުގެ މުހިންމު ބިލެއް ފާސްކޮށްފި އެވެ. 

ޔޫކްރެއިނަށް 61 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭން ހުށައަޅާފައިވާ މި ބިލް ދެ ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު ފާސްވެގެން ގޮސްފައި މިވަނީ މަސްތަކެއް ވަންދެން ތާށިވެފައި އޮތުމަށް ފަހު އެވެ.

އަދި މި ބިލު ފާސްވެގެން ދިޔުމާ އެކު މަދު ދުވަސްކޮޅެއް ތެރޭ ޔޫކްރެއިނަށް އެހީގެ ސާމާނު ފޮނުވަން ފެށޭނެކަމަށް ބައެއް ރިޕޯޓުތަކުން އަންނަނީ ބުނަމުން ނެވެ.

އެމެރިކާގެ މަޖިލީހަށް ޝުކުރު އަދާކުރައްވަމުން ޔޫކްރެއިންގެ ރައީސް ވޮލޮޑްމިއާ ޒެލެންސްކީ ވިދާޅުވީ، "އެމެރިކާއިން ރައްކާތެރި ކޮށްދޭން އެހީވެދޭހާ ހިނދަކު ޑިމޮކްރަސީ އާއި މިނިވަންކަމުގެ މުހިންމުކަން ދުނިޔޭގައި ދެމި އޮންނާނެ" އެވެ. އަދި މި އެހީގެ ސަބަބުން ހަނގުރާމަ އިތުރަށް ފުޅާވިޔަ ނުދީ ހިފަހައްޓާލެވި، އެތައް ހާސް ފުރާނައެއް ސަލާމަތް ކުރެވޭނެ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

އެމެރިކާގެ މަޖިލީހުން ބިލު ފާސްކުރުމާ ގުޅިގެން ރަޝިޔާގެ ކްރެމްލިންގެ ތަރުޖަމާނު ޑިމީޓްރީ ޕެސްކޯވް ވިދާޅުވީ މި ފިޔަވަޅުން "އެމެރިކާ އިތުރަށް މުއްސަނދިވެ، ޔޫކްރެއިން އިތުރަށް ހަލާކުވެ، ޔޫކްރެއިން ރައްޔިތުންގެ މަރުތައް ވެސް އިތުރުވެގެން ދާނެ" އެވެ.

އިއްޔެ އެމެރިކާގެ މަޖިލީހުން ފާސްކުރި ބިލުގައި ޔޫކްރެއިނުގެ އިތުރުން އޭޝިއާ ޕެސިފިކްގައި އޮތް ޓައިވާނު ފަދަ އެމެރިކާގެ އެކުވެރި ގަތުމުތަކަށް 8.1 ބިލިއަން ޑޮލަރު އަދި އިޒްރޭލަށް 26.4 ބިލިއަން ޑޮލަރު ދިނުމަށް ވެސް ހިމަނާފައިވެ އެވެ. މީގެ ތެރޭގައި ގާޒާގެ އިންސާނީ އެހީއަށް 9.1 ބިލިއަން ޑޮލަރު ވެސް ހިމެނިފައިވެ އެވެ.

މި ބިލު ފާސްވެގެން ގޮސްފައި ވަނީ ފެންނަ ކަމަށް 311 ވޯޓާއި ނުފެންނަ ކަމަށް 112 ވޯޓާ އެކު އެވެ. 

އެމެރިކާގެ މަޖިލީހުން ޔޫކްރެއިން އަށް އަސްކަރީ އެހީދޭން ފާސްކުރުމާ ގުޅޭ (ވީޑިއޯ/ސްކައި ނިއުސް އޮސްޓްރޭލިއާ)

އެމެރިކާއިން ދޭން ފާސްކުރި މި އެހީ އާއި ޔޫރަޕުގެ ގައުމުތަކުން ޔޫކްރެއިނަށް ދެމުން އަންނަ އެހީއާ އެކު ޔޫކްރެއިނުގެ އަސްކަރިއްޔާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވިދާޅުވި އެވެ.

"ރަޝިޔާއާ ދެކޮޅަށް ލިބެން ހުރި ހުރިހާ އެހީތެރިކަމެއް ޔޫކްރެއިނަށް ދިނުން ހައްގު،" ޔޫރަޕިއަން ޔޫނިއަންގެ ވެރިން ކަމުގައިވާ އާސުލާ ވޮން ޑެ ލެޔެން އާއި ޗާލަސް މައިކަލް ނެރުއްވި ބަޔާނެއްގައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް