ހުޅަނގު އައްސޭރީގައި އިޒްރޭލު އަސްކަރީ ވެހިކަލްތަކެއް ހަރަކާތްތެރި ވަނީ.

ފަލަސްތީން

ހުޅަނގު އައްސޭރީގައި އިޒްރޭލުން ފަލަސްތީނުގެ ބަޔަކު މަރާލައިފި

ގާޒާ ހަނގުރާމަ ފެށުނު ފަހުން ހުޅަނގު އައްސޭރީގައި އިތުރުވެފައިވާ ހަމަނުޖެހުންތަކުގައި 400 އަށް ވުރެ ގިނަ ފަލަސްތީން ރައްޔިތުން ވަނީ މަރުވެފައި

ހުޅަނގު އައްސޭރީގައި އޮންނަ ތުލްކަރެމް ސިޓީގައި އިޒްރޭލުން ކުރިއަށް ގެންދިޔަ އަސްކަރީ ރެއިޑެއްގައި މަދުވެގެން ފަލަސްތީނުގެ ފަސް މީހަކު މަރާލައިފި އެވެ.

އިއްޔެގެ މި ހަމަނުޖެހުންތައް ހިނގާފައި މިވަނީ ފަލަސްތީނުގެ ސަރަހައްދުތަކުގައި  ވަޒަންވެރިވެފައި ތިބި ޔަހޫދީން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި އެތައް އަމަލުތަކެއް ހިންގަމުން ދިޔުމާ ގުޅިގެން އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިފަދަ މީހުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުން ދަނިކޮށެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ އޮފިޝަލުން ބުނާ ގޮތުގައި އިޒްރޭލު ސިފައިން ބަޑިޖަހާ މަރާލި މީހުންގެ ތެރޭގައި 16 އަހަރުގެ ގައިސް ފާތި ނަސްރުﷲ ކިޔާ ޒުވާނަކު ވެސް ހިމެނެ އެވެ. 

އަލް ޖަޒީރާގެ ނޫސްވެރިޔާ ޒެއިން ބަސްރާވީ ތުލްކަރެމް ސިޓީއިން ރިޕޯޓުކުރި ގޮތުގައި،  ބުރާސްފަތި ދުވަހުގެ ރޭ އިޒްރޭލު ސިފައިން ނޫރް ޝާމް ރެފިއުޖީ ކޭމްޕަށް ވަދެގަނެ އެތައް ގަޑިއިރަކަށް ދިގުދެމިގެން ދިޔަ އޮޕަރޭޝަނެއް ވަނީ ހިންގައިފަ އެވެ. އަދި މިކަމުގައި އުޅުނު އިޒްރޭލު ސިފައިންނާއި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރާ މީހުންނާ  ކުރިމަތިލުންތައް ހިނގާ، ބަޔަކު މަރުވިކަމަށް ބަސްރާވީ ބުންޏެވެ.

"މީގެ ތެރޭގައި ތުލްކަރެމްގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ 50 ވަރަކަށް މީހުން ހިމެނޭ ގްރޫޕުގެ ލީޑަރު މުހައްމަދު ޖާބިރް ވެސް ހިމެނޭ،" މީގެ ކުރިން ވެސް ޖާބިރުއަށް އިޒްރޭލު ސިފައިން ހަމަލާތައް އަމާޒު ކުރިކަމަށާއި މިދިޔަ ޑިސެމްބަރު މަހު އޭނާގެ ބޭބެ ވެސް މަރާލާފައިވާކަން ފާހަގަކުރަމުން ބަސްރާވީ ބުންޏެވެ.

އިޒްރޭލު ސިފައިންގެ މި ރެއިޑުގައި އެތައް ބައިވަރު ގެތަކެއް ހަލާކުވެ ވައްޓާލި އެވެ. 

ހަމާސް-އިޒްރޭލް ހަނގުރާމަ ފެށުނު ފަހުން ހުޅަނގު އައްސޭރީގައި ވެސް އަންނަނީ ގިނަ ހަމަނުޖެހުންތަކެއް ހިނގަމުންނެވެ. ހަނގުރާމަ ފެށުނު ފަހުން ހުޅަނގު އައްސޭރިން މަދުވެގެން 468 ފަލަސްތީނު މީހުން އިޒްރޭލު ސިފައިންނާއި ރައްޔިތުން ވެގެން މަރާލާފައިވާ ކަމަށް ފަލަސްތީނުގެ އިދާރާތަކުން ބުނެ އެވެ.

ގާޒާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން ފަލަސްތީނުގެ 34،000 މީހުން މަރުވެ އިތުރު 76،800 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ.

އިޒްރޭލުން ހުޅަނގު އައްސޭރީގައި ހިންގަމުން އަންނަ އަނިޔާވެރިކަމާ ގުޅޭ (ވީޑިއޯ/އަލް ޖަޒީރާ އިންގްލިޝް)

ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރިކަން ދައްކަމުން އަންނަ އިޒްރޭލު މީހުންގެ މައްޗަށް އެމެރިކާ އާއި އީޔޫއިން ވަނީ އިއްޔެ އަނެއްކާވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.

އިއްޔެގެ ފިޔަވަޅުތައް އެޅީ އިޒްރޭލުގެ ހައްދުފަހަނަ އަޅާފައިވާ ހަތަރު މީހަކާއި ދެ އިދާރާއެއްގެ މައްޗަށް ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތަކަށް ސީރިއަސްކޮށް އަރައިގަތުމުން" ކަމަށް އީޔޫއިން ބުންޏެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް