މި ހަފްތާގައި އިޒްރޭލުން ރަފަހްގައި ހުރި ގެއަކަށް ދިން ހަމަލާ އެރި ތަނުގައި ކުޑަކުއްޖަކު އިށީނދެލައިގެން.

ފަލަސްތީން

ރަފަހްއަށް ނުވަނުމަށް އެމެރިކާއިން އަނެއްކާވެސް އިޒްރޭލަށް އިންޒާރުދީފި

ރަފަހް އަށް ވަދެގަނެ އަސްކަރީ އޮޕަރޭޝަނެއް ހިންގާނެ ކަމަށް އިޒްރޭލުން ގެންދަނީ ތަކުރާރުކޮށް ބުނަމުން

ގާޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީއަށް ވަދެގަނެ އަސްކަރީ އޮޕަރޭޝަނެއް ނުހިންގުމަށް އެމެރިކާއިން އަނެއްކާވެސް އިޒްރޭލަށް އަންގައިފި އެވެ.

އަދި އެމެރިކާގެ މި ކަންބޮޑުވުން "ބަލައިގަންނާނަން" ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވިކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ.

ރަފަހްގައި އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ނުގެންދިޔުމަށް އެމެރިކާއިން ބާރުއަޅަމުން މިދަނީ އެ ސިޓީއަށް ޖަމާވެފައި ތިބި އާންމުންގެ ގިނަ ބަޔަކު މަރުވެދާނެ ކަމުގެ ބިރުގަ އެވެ.

މެދު އިރުމަތީގެ ގޯސްވަމުންދާ މަސްރަހާ ބެހޭގޮތުން އެމެރިކާގެ ދިފާއީ ސެކްރެޓަރީ ލޮއިޑް އޮސްޓިން އިޒްރޭލުގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންތުއާ އެކު ބޭއްވެވި މަޝްވަރާތަކެއްގައި، ގާޒާއަށް އިންސާނީ އެހީ ވައްދާ މިންވަރު ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމަށް ވަނީ ވާހަކަ ދައްކައިފަ އެވެ. މީގެ ތެރޭގައި އިޒްރޭލުގެ ތެރެއިން އާ މަގެއް އެހީ ވައްދަން ހަމަޖެއްސުން ވެސް ހިމެނެ އެވެ.

ހަމާސް ނައްތާލުމަށް ދެން އޮތް ހަރުފަތަކީ ރަފަހްއަށް ވަދެގަތުން ކަމަށާއި އިޒްރޭލުން މިކަން ކުރާނެކަމަށް ނަތަންޔާހޫ ވަނީ ތަކުރާރުކޮށް ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް މިކަން ނުކުރުމަށް ހުޅަނގުގެ ގިނަ ގައުމުތަކުން ވަނީ އިޒްރޭލަށް އިލްތިމާސްކޮށްފަ އެވެ. 

ވައިޓް ހައުސް އިން އިއްޔެ ނެރުނު ބަޔާނެއްގައި "ހަމާސް ނައްތާލުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ދެ ފަރާތުން ވެސް އެއްބަސްވާ" ކަމަށާއި "ރަފަހްގައި ކުރިއަށް ގެންގޮސްދާނެ އެކި ހަރަކާތްތަކާ މެދު އެމެރިކާއިން ކަންބޮޑުވުން ފާޅުކުރި" ކަމަށް ބުނެފައި ވެ އެވެ.

އަދި މިކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް މާހިރުންގެ މެދުގައި ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

އަނެއްކޮޅުން ބަލާއިރު އެމެރިކާއިން ވަނީ ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުންކަން ދިނުމަށް ނެގި ވޯޓު ވީޓޯކޮށްފަ އެވެ. މިކަމާ ބެހޭގޮތުން އެމެރިކާގެ ސަފީރުގެ ނާއިބު ރޮބަޓް ވުޑް ވިދާޅުވީ ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ދެވެން އޮތީ އިޒްރޭލާ އެކު 'ދެ ގައުމެއް ގާއިމު ކުރުމުގެ' މަޝްވަރާތައް ބާއްވާ އޭގެ ތެރެއިން މިކަން ކުރެވޭނެ ގޮތް ހަދައިގެން އެކަނި ކަމަށެވެ. 

އދ. އަށް ކަނޑައަޅާފައި ހުންނަވާ ފަލަސްތީނުގެ ސަފީރު ރިޔާދު މަންސޫރު މިކަމާ ބެހޭގޮތުން ވިދާޅުވީ ފަލަސްތީނުގެ މީހުންނަށް އަމިއްލަ އިހްތިޔާރެއް އޮތުމުގެ "ގުދުރަތީ ހައްގެއް" އެބައޮތް ކަމަށެވެ.

"ފަލަސްތީނުގެ ރައްޔިތުން ގައިބުވެގެނެއް ނުދާނެ. އަހަރެމެން ނުގެއްލޭނެ. ފަލަސްތީނުގެ ރައްޔިތުން ވަޅެއް ނުލެވޭނެ. މިއީ ތާރީހު ހެކިދޭ ކަމެއް. އެއީ ކިތަންމެ ނުލަފާކަމަކާއި ކިތަންމެ ބާރަކާ އެކު އަޔަސް ފޮހެވިގެންދާނެ ތާރީހެއް ނޫން،" މަންސޫރު ވިދާޅުވި އެވެ. 

ރަޝިޔާގެ ސަފީރު ވަސިލީ ނެބެންޒިޔާ ވިދާޅުވީ މި ވޯޓުން ފެނިގެން ދިޔައީ ފަލަސްތީނު ރައްޔިތުންނާ މެދު އެމެރިކާއިން އަސްލު ހަގީގަތުގައި ދެކޭ ގޮތް ކަމަށެވެ. އަދި ފަލަސްތީނު ރައްޔިތުންނަށް އަމިއްލަ ދައުލަތެއް އޮންނަން ޖެހޭ ކަމަށް ވޮޝިންޓަނުން ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް