ބަޑީގެ ހަމަލާއަށް ފަހު، އެ މައްސަލަ އިޒިރޭލު ފުލުހުން ތަހުގީގު ކުރަނީ --
ގުދުސްގައި ބަޑިން ދިން ހަމަލާއެއްގައި އެކަކު މަރުވެ، ތިން މީހަކު ޒަހަމުވެއްޖެ
ހަތިޔާރު އަޅައިގެން ހުރި މީހަކު ގުދުސްގައި ބަޑި ޖަހައި އެކަކު މަރާލައި މަދުވެގެން ތިން މީހަކު ޒަހަމް ކޮށްލައިފި އެވެ. ފަލަސްތީނުގެ ހަމާސްއަށް ނިސްބަތްވާ މި މީހާ މިހާރު މަރާލާފައިވާ ކަމަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ބުނެ އެވެ.
ވީ ކިހިނެއް؟ އަލް އަގްސާ މިސްކިތް ކައިރީ ދިން މިހަމަލާގައި ބަޑީގެ ވަޒަން އަރާފައިވާ އެކަކު ވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފަ އެވެ. އަދި ޒަހަމްވެފައިވާ އިތުރު ތިން މީހެއްގެ ތެރެއިން އެކަކު ސީރިއަސް ހާލަތެއްގައި އޮތް އިރު، ދެން ތިބި ދެ މީހުނަކީ އިސްރާއިލްގެ ފުލުހުންނެވެ.
ހަމާސްއިން ވަނީ މިހަމަލަ ދީފައިވާ 42 އަހަރުގެ ފަދީ އަބޫ ޝޭދަމް އަކީ އެގްރޫޕުގެ މީހެއް ކަން ކަށަވަރު ކޮށްދީފަ އެވެ.
ހަމަލަދިން މީހާ ބޭނުންކޮށްފައި ވަނީ ސަބް-މެޝިން ބަޑިއެއް ކަމަށް އިސްރާއީލުގެ އެތެރޭގެ ސެކިއުރިޓީއާ ބެހޭ ވަޒީރު އޯމާ ބާ-ލެވް ވަނީ ވިދާޅުވެފަ އެވެ. އަދި 30 ވަރަކަށް ސިކުންތު ވަންދެން ކުރިޔަށް ދިޔަ މި ހަމަލައިގައި ބަޑި ޖެހި މީހާ ހުރީ ޔަހޫދީ ހެދުން އަޅައިގެން ކަމަށާއި އޭނާވަނީ ހަމަލާދެމުން ގޯޅިތަކުގެ ތެރޭ ދުވެފައި ކަމަށް ވެސް ބާ-ލެވް ވަނީ ވިދާޅުވެފަ އެވެ.
ގުދުސްގައި ވަޅިންދޭ ހަމަލަތައް ގިނަ ނަމަވެސް، މިގޮތަށް ބަޑިން ދެވޭ ހަމަލަތައް ހިނގަނީ މަދު ފަހަރަކު އެވެ.
މިހަމަލައާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ވަނީ އިސްރާއީލުގެ ސަލާމަތީ ބާރުތަކަށް އިތުރަށް ސަމާލުވުމަށް ގޮވާލައްވައިފަ އެވެ.
އިސްރާއީލުން އިރުމަތީ ގުދުސް ހިސާރުކޮށްފައި ވަނީ 1967 ވަނަ އަހަރުގެ މެދުއިރުމަތީ ހަނގުރާމައަށް ފަހު އެވެ. އަދި އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިރަށް ކަމަށް އިސްރާއީލުން ދެކުނަސް ބައިނަލްއަގްވާމީ މުޖުތަމައުގެ ގިނަ ފަރާތްތަކަކުން އެކަން ގަބޫލެއް ނުކުރެ އެވެ.