ޔޫކްރެއިން ބޮޑުވަޒީރު ޑެނިސް ޝްމީހާލް.

ޔޫކްރެއިން

ޔޫކްރެއިނުން 3 ވަނަ ބޮޑުހަނގުރާމައެއްގެ އިންޒާރު ދީފި

އަސްކަރީ އެހީތައް ތާށިވުމުގެ ސަބަބުން ހަނގުރާމައިގައި ޔޫކްރެއިނަށް ބޮޑެތި ގެއްލުންތަކާ ދަނީ ކުރިމަތިވަމުން

ރަޝިޔާއާ އެކު ކުރަމުން އަންނަ ހަނގުރާމަ ނާކާމިޔާބުވެއްޖެ ނަމަ "3 ވަނަ ބޮޑު ހަނގުރާމައެއް" ފެށޭނެ ކަމަށް ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ޔޫކްރެއިނުގެ ބޮޑުވަޒީރު އިންޒާރު ދެއްވައިފި އެވެ.

ޑެނިސް ޝްމީހާލް މިގޮތަށް ވިދާޅުވީ، އެމެރިކާގެ ސަރުކާރުން ޔޫކްެރެއިނަށް އެހީ ފޯރުކޮށްދިނުމަށް އެގައުމުގެ މަޖިލީހަށް ފޮނުވާ ތާށިވެފައި އޮތް ބިލު ފާސްކުރުމަށް ގޮވާލައްވަމުން ނެވެ. އެ ބިލުގައި ޔޫކްރެއިނަށް 61 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދިނުމަށް ހިމަނާފައިވެ އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދަަށުގޭގައި މި ބިލަށް ވޯޓަށް އެހުމަށް ދެން ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު އެވެ.

މި އެހީގެ ޕެކޭޖާ ބެހޭގޮތުން އިއްޔެ ބީބީސީއާ ވާހަކަ ދައްކަމުން ޝްމީހާލް ވިދާޅުވި އެވެ.

"މި ފައިސާގެ ބޭނުން އަހަރުމެންނަށް ޖެހިފައި ވަނީ އިއްޔެ. މާދަމައަކު ނޫން، މިއަދަކު ނޫން،" ބޮޑުވަޒީރު ވިދާޅުވި އެވެ.

"އަހަރުމެން ހިމާޔަތް ނުކުރާނެ ކަމުގައި ވަނީނަމަ... ޔޫކްރެއިނުން ފޭލުވާނެ. މިއާ އެކު ބައިނަލްއަގްވާމީ ސަލާމަތީ ނިޒާމު ފުނޑިގެން ދާނެ. އަދި މުޅި ދުނިޔެއިން އާ ސަލާމަތީ ނިޒާމެއް ހޯދަން ޖެހޭނެ. އެހެން ނޫނީ ބައިވަރު ކުރިމަތިލުންތަކެއް ހިނގާނެ، މިކަހަލަ ބައިވަރު ހަނގުރާމަތަކެއް. އެންމެ ފަހުން މިކަން ނިމިގެންދާނީ ތިން ވަނަ ބޮޑު ހަނގުރާމައަކުން."

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިން ނާކާމިޔާބު ލިބިއްޖެނަމަ މިފަދަ ބިރުވެރި ނަތީޖާއެއް ނުކުންނާނެ ކަމަށް ކީވް އިން އިންޒާރު ދިން މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.  ޔޫކްރެއިނަށް ހަނގުރާމަ ނާކާމިޔާބު ވެއްޖެ ނަމަ ރަޝިޔާއިން ދެން ވަދެގަންނާނީ ޕޯލެންޑަށް ކަމަށާއި މިއާ އެކު ތިން ވަނަ ބޮޑު ހަނގުރާމަ ފެށިގެން ދާނެ ކަމަށް މިދިޔަ އަހަރު ޔޫކްރެއިނުގެ ރައީސް ވޮލޮޑްމިއާ ޒެލެންސްކީ އިންޒާރު ދެއްވާފައިވެ އެވެ.

ރަޝިޔާއިން ވަނީ މިއީ ހުޅަނގުން ބިރު ފެތުރުމަށް ދައްކާ ވާހަކަތަކެއް ކަމަށް ބުނެފަ އެވެ. އިރުމަތީ ޔޫރަޕަށް ރަޝިޔާއިން ކޮންމެ ވެސް ދުވަހަކުން ހަމަލާދީފާނެކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ހަމަޖެހޭ ވާހަކަތަކެއް ނޫންކަމަށް މިދިޔަ މަހު ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިން ވަނީ ވިދާޅުވެފަ އެވެ.

ރަޝިޔާއިން މިހާތަނަށް ނޭޓޯގެ އިއްތިހާދުގައި ހިމެނޭ ޕޯލެންޑު ފަދަ ގައުމަކަށް ހަމަލާ ދީފައެއް ނުވެ އެވެ. މިފަދަ ހަމަލާއެއް ވެގެން ދާނީ ނޭޓޯގެ އިއްތިހާދުގައި ހިމެނޭ 32 ގައުމުން ރަޝިޔާއާ ދެކޮޅަށް ނުކުންނާނެ އަމަލަކަށެވެ. 

އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މަޖިލީސް ބައެއް މެމްބަރުން ރަޝިޔާއިން ފަތުރަމުން އަންނަ ޕްރޮޕަގަންޑާއަށް ހެއްލެމުންދާކަމަށް މިފަހުން އެ ޕާޓީގެ ހާރިޖީ ކަންތައްތަކާ ޗެއާމަން މައިކަލް މެކައުން ވަނީ ވިދާޅުވެފަ އެވެ. 

މިކަމާ ބެހޭގޮތުން ބީބީސީއިން ޝްމީހާލްއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ، "ގޯސް މައުލޫމާތާއި ޕްރޮޕަގަންޑާގެ ސަބަބުން އެމެރިކާގެ ވަރަށް ގިނަ ބަޔަކަށް ނުފޫޒު ފޯރަމުން" އަންނަ ކަމަށާއި "އަދި ޔޫރަޕިއަން ޔޫނިއަން އާއި ޔޫކްރެއިނުގައި ވެސް" ގިނަ ބަޔަކަށް ނުފޫޒު ފޯރަމުން އަންނަ ކަމަށެވެ.

އެެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ކަނާތު ފިޔައިގެ މެމްބަރުން އަންނަނީ ޔޫކްރެއިނަށް އަސްކަރީ އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން މަޖިލީހަށް ވައްދާފައިވާ ބިލަށް ހުރަސް އަޅަމުން ނެވެ. މީގެން ބައެއް މެމްބަރުން ވިދާޅުވަނީ ޔޫކްރެއިނަށް އެތައް ބިލިއަން ޑޮލަރެއް ފޮނުވުމުގެ ކުރިން އެމެރިކާ-މެކްސިކޯ ބޯޑަރުގެ ސަލާމަތީ ކަންކަމަށް ބޭނުންވާ ފަންޑުތައް ފުރަތަމަ ފާސްކުރަން ޖެހޭ ކަމަށެވެ.

އަދި ރަޝިޔާގެ މަސްލަހަތަށް މަސައްކަތް ކުރަމުންދާ ތުހުމަތުތައް އެމީހުން ވަނީ ދޮގުކޮށްފަ އެވެ.

މަޖިލީހުން މި ބިިލު ފާސްކުރާހާ އަވަހަކަށް ތަސްދީގު ކުރައްވާނެކަމަށް އިއްޔެ ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފަ އެވެ.

ޔޫކްރެއިނަށް ބޭނުންވާ ހަތިޔާރު ފޯރުކޮށް ނުދީފިނަމަ މިއަހަރު ތެރޭ ޔޫކްރެއިނަށް ނާކާމިޔާބީއާ ކުރިމަތިވުން އެކަށީގެންވާ ކަމަށް އިނގިރޭސިވިލާތުގެ އަސްކަރިއްޔާގެ ކުރީގެ ކޮމާންޑަރު ޖެނެރަލް ސާ ރިޗަޑް ބެރޮންސް ވަނީ މިފަހުން އިންޒާރު ދެއްވާފަ އެވެ.

ރަޝިޔާގެ އަތްދަށުގައި އޮތް ޔޫކްރެއިނުގެ ސަރަހައްދުތައް.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް