ގުޅުންތައް އިތުރަށް ގޯސްވިޔަ ނުދީ ހިފެހެއްޓުމަށް ދެ ގައުމުން ވެސް އަންނަނީ މަސައްކަތް ކުރަމުން.

ޗައިނާ

ޗައިނާ އާއި އެމެރިކާގެ ދިފާއީ ވަޒީރުން މުހިންމު މަޝްވަރާތަކެއް ބާއްވައިފި

ސައުތު ޗައިނާ ސީ ކަނޑުގައި ހިނގަމުން އަންނަ ހަމަނުޖުންތަކާ ބެހޭގޮތުން މި ދެ ބޭފުޅުން މަޝްވަރާކުރެއްވި

އެމެރިކާގެ ދިފާއީ ސެކްރެޓަރީ ލޮއިޑް އޮސްޓިން އާއި ޗައިނާގެ ދިފާއީ ވަޒީރު ޑޮންގް ޖުން ދެ ގައުމުގެ މެދުގައި އޮތް އަސްކަރީ ގުޅުން ދެމެހެއްޓުމަށް 18 މަސް ދުވަސް ތެރޭ ފުރަތަމަ ފަހަރަށް މަޝްވަރާ ކުރައްވައިފި އެވެ. 

އެމެރިކާގެ ޕެންޓަގަން އިން ނެރުނު ބަޔާނެއް ބުނާ ގޮތުން، މި ދެ ބޭފުޅުން މަޝްވަރާތައް ބޭއްވީ ވީޑިއޯކޮންފަރެންސް މެދުވެރިކޮށް އިއްޔެ އެވެ.

ޕެންޓަގަންގެ ބަޔާނުގައި "ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ބައިނަލްއަގްވާމީ ކަނޑުތަކުގައި، ވަކިން ހާއްސަކޮށް ސައުތު ޗައިނާ ސީ ކަނޑުގައި ދަތުރުފަތުރު ކުރުމުގެ މިނިވަންކަމަށް ލިބިދީފައިވާ މިނިވަންކަމަށް އިހްތިރާމް ކުރުމުގެ މުހިންމު ކަމުގެ" މައްޗަށް އޮސްޓިން އަލިއަޅުވާލެއްވި ކަމަށް ބުނެފައިވެ އެވެ.

ސައުތު ޗައިނާ ސީ ކަނޑުގައި ޗައިނާގެ ބޯޓުތަކާއި އެމެރިކާގެ އަސްކަރީ ހިމާޔަތުގެ ދަށުގައި އޮތް ފިލިޕީންސްގެ ބޯޓުތަކާ ގިނަ ކުރިމަތިލުންތަކެއް އަންނަނީ ހިނގަމުން ނެވެ. މި ކަނޑުގެ އެކި ސަރަހައްދުތަކަށް ބްރޫނާއި މެލޭޝިއާ، ފިލިޕީންސް، ވިއެޓްނާމް އަދި ޓައިވާނުން ވެސް ދައުވާ ކުރަމުން އަންނަ އިރު، ބެއިޖިންގް އިން މިކަނޑު ދެކެނީ ޗައިނާގެ ސަރަހައްދެއް ގޮތަށެވެ.

ބެއިޖިންގް އިން މިގޮތަށް އަމަލުކުރަމުން މިދަނީ ބެއިޖިންގް މި ދައުވާތަކުގައި އެއްވެސް އަސާސެއް ނެތްކަމަށް ބައިނަލްއަގްވާމީ ކޯޓަކުން 2016 ވަނަ އަހަރު ނިންމާފައި ވަނިކޮށެވެ.

އެމެރިކާގެ ދިފާއީ ސެކްރެޓަރީ އޮސްޓިން އަށް ރައްދުދެމުން ޗައިނާގެ ވަޒީރު ޑޮންގް ވިދާޅުވީ "އެމެރިކާއިން ޗައިނާގެ ވިސްނުން ހުރި ގޮތް ބަލައިގަންނަން ޖެހޭ" ކަމަށެވެ.  އަދި "ޗައިނާގެ ސަރަހައްދީ ސިޔާދަތާއި، ކަނޑުތަކާ ބެހޭ ހައްގުތަކާއި ސައުތު ޗައިނާ ސީ ކަނޑާ ގުޅޭ މަސްލަހަތުތައް ހުރި ކަންކަމަށް އިހްތިރާމް ވެސް ކުރަން ޖެހޭ. އަދި ސަރަހައްދީ ސުލްހަމަސަލަސްކަން ދަމަހައްޓަން އަމަލީ މަސައްކަތް ވެސް ކުރަން ޖެހޭ،" ކަމަށް ޑޮންގް ވިދާޅުވިކަމަށް ޗައިނާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވެ އެވެ.

މީގެ އިތުރުން ވެސް ޓައިވާނަކީ "ޗައިނާގެ މަސްލަހަތު ހުރި ކަންކަމުގެ ތެރެއިން އެންމެ މުހިންމު ކަންތައް،" ކަމަށް ޑޮންގް ވަނީ ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ. ޗައިނާގެ އިރުމަތިން އޮތް ކުޑަކުޑަ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ބެއިޖިންގް އިން ދެކެ އެވެ. އަދި އެމެރިކާގެ އަސްކަރީ ހިމާޔަތުގައި އޮތް ޓައިވާން ހިފާނެކަމަށް ޗަައިނާއިން އަންނަނީ ތަކުރާރުކޮށް އިންޒާރު ދެމުން ނެވެ.

އެމެރިކާގެ ދިފާއީ ސެކްރެޓަރީ ލޮއިޑް އޮސްޓިން އެންމެ ފަހުން ޗައިނާގެ ދިފާއީ ވަޒީރަކާ ބައްދަލުކުރައްވާފައި ވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކެމްބޯޑިއާގަ އެވެ. އޭރު ޗަައިނާގެ ދިފާއީ ވަޒީރު ކަމުގައި ހުންނެވީ ވެއި ފެންގްހޭ އެވެ. އެ ފަހުން އެ މަގާމާ ހަވާލުވެފައި ވަނީ ލީ ޝަންގްފޫ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލީ ދުރުކޮށް ބެއިޖިންގް އިން ވަނީ މިހާރު ހުންނެވި ޑޮންގް ޖުން ޑިސެމްބަރު މަހު އެ މަގާމަށް އައްޔަންކޮށްފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް