ދުބާއީއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި

ޔޫއޭއީ

ބޯކޮށް ވާރޭ ވެހި ދުބާއީގައި ފެންބޮޑުވެއްޖެ

ފިނިހޫނުމިން އިތުރުވާ ކޮންމެ 1 ސެލްސިއަސް އަށް ޖައްވުގައި ގާތްގަނޑަކަށް %7 އިތުރު މޮއިސްޗާ ހިފެހެއްޓޭނެ. މިކަމުގެ ސަބަބުން ބައެއް ފަހަރު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަދި ކުޑަ ސަރަހައްދެއްގައި ވާރޭ ވެހޭ މިންވަރު އިތުރުވެ، ބޯކޮށް ވާރޭ ވެހޭނެ
17 އޭޕްރީލު 2024

ގަލްފުގެ ބައެއް ގައުމުތަކަށް ބޯކޮށް ވާރޭވެހި، އެ ސަރަހައްދުގައި ފެންބޮޑުވެ، ދުނިޔޭގެ އެންމެ ހާރުބާރު ބޮޑު އިންޓަނޭޝަނަލް އެއާޕޯޓް، ދުބާއީ އެއާޕޯޓްގައި ފެންބޮޑުވެއްޖެ އެވެ. އަދި ދުބާއީގައި ފެންބޮޑުވުމާ ގުޅިގެން ރޭ ވަނީ ފްލައިޓްތައް ވެސް ޑައިވާޓްކޮށްފަ އެވެ.

ދުބާއީ އެއާޕޯޓުން ބުނީ ދަތުރުތައް ވަގުތީ ގޮތުން ޑައިވާޓް ކުރި ކަމަށެވެ. ނަމަވެސް ފަހުން ވަނީ އޮޕަރޭޝަން ފަށައިފަ އެވެ.

އޮމާންގެ ކަމާބެހޭ ފަރާތްތަކުން ބުނީ ފެންބޮޑުވުމުގެ ސަބަބުން 18 މީހުން މަރުވެފައިވާ ކަމަށެވެ. އަދި ބައެއް ސްޓޭޓްތަކަށް ދުވާލަކު ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ވާރޭ ވެހުނެވެ.

ދުބާއީ އެއާޕޯޓުން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ރޭ އެ އާޕޯޓަށް ޖައްސަން އޮތް ފްލައިޓްތައް ޑައިވާޓް ކޮށްފައި ވަނީ ޔޫއޭއީގައި މިހާރު ތަޖުރިބާ ކުރަމުން އަންނަ އާދަޔާ ހިލާފު މޫސުމުގެ ހާދިސާތަކުގެ ސަބަބުން ކަމަށެވެ.

ޑިޕާޗާތައް އޮޕަރޭޓް ކުރަމުން ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އޭގެ ފަހުން ގާތްގަނޑަކަށް ދެ ގަޑިއިރުގެ މެދުކެނޑުމަކަށް ފަހު އަލުން ދަތުރުތައް ފެށި އެވެ.

އިއްޔެ ހެނދުނު ޔޫއޭއީގެ ނޭޝަނަލް ސެންޓާ އޮފް މީޓިއޮރޮލޮޖީއިން ވަނީ އަބޫދާބީ، ދުބާއީ އަދި ޝާރްޖާ ހިމެނޭ ގޮތަށް އެ ގައުމުގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ދުބާއީއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި

އަވަށްޓެރި އޮމާންގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 18 އަށް އަރާފައިވާ އިރު، ބައެއް މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. މަރުވި މީހުންގެ ތެރޭގައި 10 އަހަރާއި 15 އަހަރާ ދެމެދުގެ 10 ދަރިވަރަކު ވެސް ހިމެނެ އެވެ. 

ބަހްރެއިންގެ ފުޓޭޖްތަކުން ފެންނަ ގޮތުގައި ފެންބޮޑުވެފައިވާ މަގުތަކުގައި ކާރުތައް ތާށިވެފައި ހުއްޓެވެ.

މޫސުމަށް އަންނަ އާދަޔާ ހިލާފު ބަދަލުތަކާ ގުޅިގެން ބައެއް ކޮމެންޓޭޓަރުން ބުނަމުން ދަނީ ޕްލެނެޓް ހޫނުވަމުން އަންނަ ވަރަކަށް މުސްތަގުބަލުގައި އާދަޔާ ހިލާފު ތޫފާންތައް އާންމުވާނެ ކަމަށެވެ.

އެވްރެޖް ފިނިހޫނުމިން އިތުރުވާ ކޮންމެ 1 ސެލްސިއަސް އަށް ޖައްވުގައި ގާތްގަނޑަކަށް %7 އިތުރު މޮއިސްޗާ ހިފެހެއްޓޭނެ އެވެ. އަދި މިކަމުގެ ސަބަބުން ބައެއް ފަހަރު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަދި ކުޑަ ސަރަހައްދެއްގައި ވާރޭ ވެހޭ މިންވަރު އިތުރުވެ، ބޯކޮށް ވާރޭ ވެހޭނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ތެޔޮ އުފައްދާ އެއް ގައުމު ކަމަށްވާ ޔޫއޭއީއިން ވަނީ މިދިޔަ އަހަރުގެ ކޮޕް 28 ކްލައިމެޓް ޗޭންޖް ކޮންފަރެންސް ބާއްވައިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް