ކްރެމްލިން އިން މައުލޫމާތު ދިންގޮތުގައި ދެ ލީޑަރުން މަޝްވަރާ ކުރައްވާފައި ވަނީ ސީރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާއާ ގުޅިގެން އީރާނުން އިޒްރޭލަށް ދިން ރައްދު ހަމަލާތަކާ ގުޅޭގޮތުން.

އީރާން

މަސްރަހް ގޯސްވިޔަ ނުދިނުމަށް ޕޫޓިން އީރާނުގެ ރައީސީއަށް ބާރުއަޅުއްވައިފި

މެދުއިރުމަތީގެ ހުރިހާ މައްސަލައެއްގައި އަޑީގައި އޮތީ ހައްލެއް ހޯދިފައި ނުވާ އިޒްރޭލު-ފަލަސްތީނު މައްސަލަކަމަށް ޕޫޓިން ވިދާޅުވި

އީރާނުން ދިން ހަމަލާތަކަށް ދޭނެ ރައްދެއް އިޒްރޭލުން ވިސްނަމުން އަންނަ ދަނޑިވަޅެއްގައި ކަންކަން އިތުރަށް ގޯސްވިޔަ ނުދިނުމަށް، ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިން އީރާންގެ ރައީސް އިބްރާހިމް ރައީސީއަށް އިލްތިމާސް ކުރައްވައިފި އެވެ.

ޕޫޓިން މިގޮތަށް އިލްތިމާސް ކުރެއްވީ އިއްޔެ ރައީސީއަށް ގުޅުއްވާ ފޯނުން ދެއްކެވި ވާހަކަފުޅުގަ އެވެ. ކްރެމްލިން އިން މައުލޫމާތު ދިން ގޮތުގައި ދެ ލީޑަރުންގެ މި ފޯނުކޯލުގައި މަޝްވަރާ ކުރެވުނީ ސީރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން މިމަހުގެ 1 ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން އީރާނުން އިޒްރޭލަށް ފޮނުވާލި ހަމަލާތަކާ ގުޅޭގޮތުން ނެވެ.

އަދި ހުރިހާ ފަރާތަކުން ވެސް ކެތްތެރިވެ މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށާއި އެހެން ނުވެއްޖެނަމަ މެދުއިރުމަތީގެ މަސްރަހް އެފުށްމިފުށަަށް ޖެހިގެން ދާނެ ކަމަށް ޕޫޓިން ވިދާޅުވިކަމަށް ކްރެމްލިން އިން ބުންޏެވެ.

"އީރާނުން ރައްދެއް ދިނުމަށް މަޖުބޫރުވީ ކަމަށާއި އީރާނުން ދިނީ ދެވެން އޮތް ވަރަށް ވުރެ ކުޑަ ހަމަލާއެއް ކަމަށް އިބްރާހިމް ރައީސީ ފާހަގަ ކުރެއްވި،" ކްރެމްލިން އިން ބުންޏެވެ. 

"އަދި ހަމަ މިއާ އެކު މި މައްސަލަ އިތުރަށް ގޯސްކުރުމަށް އީރާނުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި."

އީރާނުގެ ހަމަލާތަކާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ މެދުއިރުމަތީގައި އުފެދިފައި އޮތް ހުރިހާ މައްސަލަތަކެއްގެ އަސްލު ހަގީގީ ސަބަބަކީ އިޒްރޭލް-ފަލަސްތީނު މައްސަލަ ކަމަށެވެ.

ޕޫޓިންއާ އެކު ދެކެވުނު ވާހަކަތަކާ ގުޅޭގޮތުން އީރާންގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި، އިޒްރޭލަށް އީރާނުން އަމާޒުކުރި ރައްދާ މެދު ރަޝިޔާއިން ދެކޭގޮތާ މެދު ރައީސީ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި އީރާނުން މިކަން ކުރަން މަޖުބޫރުވީ ބައިނަލްއަގްވާމީ މުޖުތަމައުއިން ފިޔަވަޅެއް ނޭޅުމުންނާއި ހުޅަނގުގެ ބައެއް ގައުމުތަކުން ގެންގުޅޭ ފަނާކުރަނިވި ރޯލުގެ ސަބަބުން ކަމަށް ރައީސީ ވިދާޅުވިކަމަށް އީރާނުގެ ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

އަދި އީރާނުގެ މަސްލަހަތުތަކާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ މިއަށް އަދި މާ ވަރުގަދަ ރައްދެއް ދޭނެކަމަށް ރައީސީ ވަނީ ތަކުރާރު ކުރައްވާފަ އެވެ.

އީރާނުގެ ސުޕްރީމް ލީޑަރު އަލީ ހާމެނާއީ އާއި އަރަބި ގައުމުތަކުގެ ގިނަ ލީޑަރުންނާ އެކު ގާތް ގުޅުމެއް ގާއިމު ކުރައްވާފައިވާ ޕޫޓިން ވަނީ، 1967 ވަނަ އަހަރު ކުރެހުނު ބޯޑަރުތަކުގެ ތެރެއިން ފަލަސްތީނަށް މިނިވަންކަން ދިނުމަށް ހުރަސްއަޅާތީ ހުޅަނގުގެ ގައުމުތަކަށް ތަކުރާރުކޮށް ފާޑުވިދާޅުވެފަ އެވެ.

"މެދުއިރުމަތީގައި ހިނގާ ހުރިހާ މައްސަލައެއްގެ އަޑީގައި އޮތީ ހައްލެއް ހޯދިފައި ނުވާ ފަލަސްތީނު-އިޒްރޭލު މައްސަލަކަމަށް ދެ ލީޑަރުން ވެސް ފާހަގަކުރެއްވި،" ރައީސީއާ އެކު ބޭއްވެވި ކޯލާ ބެހޭގޮތުން ކްރެމްލިން އިން ނެރުނު ބަޔާނުގައި ވެއެވެ. އަދި ރޯދަމަސް ނިމުމާ ގުޅިގެން ރައީސީއަށާއި ހުރިހާ މުސްލިމުންނަށް ޕޫޓިން މަރުހަބާ ދެންނެވިކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ޔޫކްރެއިނު ހަނގުރާމަ ފެށުނު ފަހުން ތެހެރާން އާއި މޮސްކޯގެ ގުޅުންތައް ވަރުގަދަވެ، އީރާނުން އަންނަނީ ރަޝިޔާއަށްް ގިނަ އަދަދެއްގެ ބެލިސްޓިމް މިސައިލާއި ޑްްރޯންތައް ފޯރުކޮށްދެމުން ނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް