އިގްތިސާދު ކުރިއަށް ޖެއްސުމަށް ޗައިނާ އިން އަންނަނީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކަކަށް އިންވެސްޓު ކުރަމުން.

ޗައިނާ

އަންދާޒާތަކަށް ވުރެ ބާރުމިނުގައި ޗައިނާގެ އިގްތިސާދު ކުރިއަށް ޖެހިލައިފި

ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ޗައިނާގެ އިގްތިސާދު ކޮޅަށް ޖެހުމަށް ބެއިޖިންގް އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

ސަރުކާރުގެ ދަރަނި ބޮޑުވެ، ގައުމުގެ އެތެރޭގައި އޮތް ޑިމާންޑު ދަށްވެ، ގެދޮރުގެ މާކެޓަށް ގޮންޖެހުންތައް ކުރިމަތިވެފައި އޮތް ޗައިނާގެ އިގްތިސާދީ ދުވެލި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަންދާޒާތަކަށް ވުރެ ބާރުމިނުގައި ކުރިއަރައިފި އެވެ.

ޗައިނާގެ ގައުމީ ތަފާސްހިސާބުތަކާ ބެހޭ އިދާރާ (އެންބީއެސް) އިން އިއްޔެ ޝާއިއުކުރި ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ގައުމުގެ އިގްތިސާދީ ދުވެލި ހުރީ %5.3 ގަ އެވެ. މިއީ އަންދާޒާތަަކަށް ވުރެ އަދި އޭގެ ކުރީ ކުއާޓަރުގައި އިގްތިސާދީ ދުވެލި ހުރި %5.2 އަށް ވުރެ މަތީ މިންވަރެކެވެ.

ވަކިވަކި ސިނާއަތްތަކަށް ބަލާލާ އިރު، ސިނާއީ އުފެއްދުންތެރި މަސައްކަތްތައް %6.1 އިން އަދި ދަނޑުވެރިކަމާ ބެހޭ ސިނާއަތް ވަނީ %3.8 އިން ވަނީ ކުރިއަރާފަ އެވެ.

މި އަދަދުތަކާ އެކު ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީ އާއި ރައީސް ޝީ ޖިންގްޕިންގްގެ "ވަރުގަދަ ލީޑަޝިޕުގެ" ދަށުން މި އަހަރަށް އިގްތިސާދު ރަނގަޅު ފެށުމެއް ފައްޓާފައިވާ ކަމަށް އެންބީއެސް އިން ނެރުނު ބަޔާނެއްގައި ވެ އެވެ.

"ނަތީޖާއެއްގެ ގޮތުން ސިޔާސަތުތަކުގެ އަސަރުތައް ކޮށް، އުފެއްދުންތެރިކަމާއި ޑިމާންޑު ހިފެހެއްޓި އަދި ކުރިއަށް ޖެހި، ވަޒީފާތައް ހިފެހެއްޓޭ މިންވަރާއި އަގުތަައް ހިފެހެއްޓި، މާކެޓަށް އޮތް ޔަގީންކަން އިތުރުވެ، މަތީ ފެންވަރުގެ ތަރައްގީއަށް ކުރިއެރުންތަކެއް ވަނީ ލިބިފައި،" އެންބީއެސްގެ ބަޔާނުގައި ވެ އެވެ.

އަންދާޒާތަކަށް ވުރެ އިގްތިސާދީ ދުވެލި ބާރުކަމަށް އެންބީއެސް އިން ރިޕޯޓުކޮށްފައި މިވަނީ، މިދިޔަ މަހު ޗައިނާގެ އެކްސްޕޯޓް އާއި އިމްޕޯޓު މުދަލުގެ އަގު ދަށަށް ގޮސްފައިވާ ކަމަށް ވެސް ރިޕޯޓު ކޮށްފައި ވަނިކޮށެވެ.

އާބާދީ ދަށަށް ދިޔުމާއި ބޮޑެތި ލޯނުތަކެއްގެ މައްޗަށް ބަރޯސާވެފައި އޮތް ގެދޮރާ ބެހޭ ސިނާއަތެއް އޮތުން ފަދަ ދިގު ރާސްތާ ގޮންޖެހުންތަކާ ހެދި ކޮވިޑަށް ފަހު ޗައިނާގެ އިގްތިސާދަށް އަދި  ހިންދެމިލެވޭނެ ފުރުސަތެއް ލިބިފައެއް ނުވެ އެވެ.

މާލީ ކަންކަމާ ބެހޭ ރޭޓިންތައް ނެރޭ ފިޗް އިން ވަނީ މި މަހު ޗައިނާ ސަރުކާރުގެ ސޮވްރިން ކްރެޑިޓްގެ ރޭޓިން 'ނެގެޓިވް' އަށް ބަދަލުކޮށްފަ އެވެ. މީގެ ސަބަބެއް ކަމަށް ފިޗް އިން ބަޔާންކޮށްފައި ވަނީ "ޗައިނާ ސަރުކާރުގެ އާންމު ފައިނޭންސް އަށް އޮތް ގޮންޖެހުންތައް ބޮޑުވުން" އެވެ.

އަންދާޒާތަކަށް ވުރެ ޗައިނާގެ އިގްތިސާދީ ދުވެލި ހަލުވިވުމާ ގުޅޭ (ވީޑިއޯ/ރޮއިޓާސް)

މިދިޔަ މަހު ބެއިޖިންގް އިން ވަނީ، ޗައިނާގެ އިގްތިސާދީ ދުވެލި މި އަަހަރު ޖުމްލަ ގޮތެއްގައި ހުންނާނީ %5 ގައި ކަމަށް ލަފާކޮށްފަ އެވެ. މިއީ ތަރައްގީވެފައިވާ ގިނަ ގައުމުތަކަކަށް ވަރަށް މަތީ އަދަދެއް ނަމަވެސް ޗައިނާއަށް ބަލާއިރު މިއީ 1990ގެ އަހަރުތަކުގެ ފަހުން ދަށް މިންވަރެކެވެ.

ޗައިނާގެ އިގްތިސާދީ އިންޖީނު ހަލުވިކުރުމަށް ސަރުކާރުން ވަނީ މާލީ އަދި ފައިސާއާ ބެހޭ ގިނަ ސިޔާސަތުތަކެއް ތައާރަފް ކޮށްފަ އެވެ. މީގެ ތެރޭގައި އުމްރާނީ އަދި ކޮންސްޓްރަކްޝަން ޕްރޮޖެކްޓުތަކަށް 1.8 ޓްރިލިއަން ޑޮލަރު ހަރަދުކުރުން ހިމެނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް